ބަންގީގެ އަޑުއިވުމުން އޮތީ އެކަމަށް އިޖާބަދީ ޖަމާޢަތަށް ދިއުން: ޝެއިޚް ޢަބްދުއްސަލާމް

ބަންގީގެ އަޑު އިވުމުން އެ އަޑަށް އިޖާބަދީ، ނަމާދުގެ ޖަމާޢަތަށް ދިއުމަށް ދީނީ އިލްމުވެރިޔާ ޝެއިޚް ޢަބްދުއްސަލާމް ދާވޫދު ނަސޭހަތްތެރިވެ ވަޑައިގެންފިއެވެ.
ޝެއިޚް ޢަބްދުއްސަލާމް މިފަދައިން ނަސޭހަތްތެރިވެ ވަޑައިގެންނެވީ މިއަދު ފ. ދަރަނބޫދޫ ތަޤްވާ މިސްކިތުގައި އިމާމުވެ ހުކުރު ނަމާދު ކުރެއްވުމަށްފަހު، އެ މިސްކިތަށް އެއްވެ ތިބި ގިނަ އަދަދެއްގެ މީހުންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ވަރަށް ގިނަ ރަށްރަށަށް ދެވިފައިވީ ނަމަވެސް، ދަރަނބޫދޫގެ ރައްޔިތުންނާ މިފަދަ މަޖިލީހަކުން ބައްދަލުވި މިއީ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި ޝެއިޚް ވަނީ ނަމާދުގެ މުހިންމުކަމާ ގުޅޭގޮތުން ކީރިތި ރަސޫލާގެ ސީރަތުން ވަރަށް އަސަރުގަދަ ދެ ވާހަކައެއް ހަނދާންކޮށްދެއްވާފައެވެ.
އެގޮތުން ޝެއިޚް ފާހަގަކުރެއްވި ފުރަތަމަ ކަމަކީ، ކީރިތި ރަސޫލާގެ ޒަމާނުގައި ދިމާވި ލޮލަށް ނުފެންނަ ޞަޙާބީއެއްގެ ވާހަކައެވެ. އެ ބޭކަލަކީ ލޮލަށް ފެނިވަޑައިނުގަންނަވާ، މިސްކިތާ ވަރަށް ދުރުގައި ދިރިއުޅުއްވި ބޭކަލެކެވެ. އަދި މިސްކިތަށް ގެންގޮސްދޭނެ އެހީތެރިއަކު ނެތުމުގެ އިތުރުން، އެ ހިނގަންޖެހޭ މަގަކީ ޗަކަސްތަކާއި ވަޅުގަނޑުތައް ހުރި އަދި ހަމަލާދޭ ފަދަ ނުރައްކާތެރި ވަގު ކުއްތާތައް އުޅޭ މަގަކަށް ވާތީ، ގޭގައި ނަމާދު ކުރުމުގެ ހުއްދައަކަށް އެދިވަޑައިގެންނެވިއެވެ. ނަމަވެސް އެނބުރި ވަޑައިގަންނަވަނިކޮށް، ބަންގީގެ އަޑު އިވޭތޯ އޭނާއާއި ސުވާލުކުރެއްވުމުން އާދޭހޭ ދެންނެވުމުން ވިދާޅުވީ އެ އަޑަށް އިޖާބަދީ ޖަމާޢަތަށް އައުމަށެވެ. ބަންގީގައި ”حَيَّ عَلَى الصَّلَاة حَيَّ عَلَى الْفَلَاحِ (ނަމާދަށް އަވަސްވެ ގަންނާށޭ، ފަލާޙާއި ދިންނެވުމަށް އަވަސްވެ ގަންނާށޭ) ގޮވާލެވޭ ހިނދު އޮތީ އިޖާބަދިނުން ކަމަށެވެ.
މި ވާހަކަޔަށް އަލިއަޅުއްވާލައްވަމުން ޝެއިޚް ވިދާޅުވީ، ދުނިޔެމަތީގެ އެންމެ މާތް ގެކޮޅަށް އައުމަށް ގޮވާލެވޭއިރު، އެފަދަ ބޮޑެތި އުޒުރުތަކެއް ހުރި މީހަކަށް ވެސް ޖަމާޢަތް ދޫކޮށްލުމުގެ ހުއްދަ ނެތް ހިނދު، އެއްވެސް އުޒުރެއް ނެތި މިސްކިތަށް ނުދާން އަޅުގަނޑުމެންނަށް އޮތީ ކޮން އުޒުރެއްތޯއެވެ؟ ޝެއިޚް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެ ޒަމާނުގައި މިސްކިތްތައް މަދުވެފައި ގެތައް ދުރުގައި ހުރުމާއި، ތާޅަފިލި ފަދަ ވަސީލަތްތައް ނެތުމުގެ ސަބަބުން ފަހަރެއްގައި ބަޔަކަށް ބަންގީގެ އަޑު ނުއިވިދާނެ ކަމަށެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންނަށް އެކަމުގައި އޮތީ ކޮން އުޒުރެއްތޯ ޝެއިޚް ސުވާލު އުފެއްދެވިއެވެ. މިއަދު މިސްކިތްތަކުގައި ބޮޑެތި ލައުޑް ސްޕީކަރުތައް ހަރުކުރެވިފައި ހުރުމުން، ޖެހިގެން އޮންނަ ރަށުގައި ގޮވާ ބަންގީގެ އަޑުވެސް އިވޭއިރު، އަތުގައި އޮންނަ ފޯނާއި އަޅައިގެން ހުންނަ އަތުކުރީ ގަޑިންވެސް ނަމާދު ވަގުތު ޖެހިއްޖެކަން އަންގައިދެއެވެ. އަދި ޓީވީތަކާއި، ރޭޑިއޯގެ އިތުރުން ގޭގޭގެ ފާރުތަކުގައި ހުންނަ ކަލަންޑަރުތަކުންވެސް ނަމާދު ވަގުތުތައް ސާފުކޮށް ފެންނަން ހުންނައިރު، ބަންގީގެ އަޑު ނީވޭ ކަމަށް ހަދައިގެން ޤިޔާމަތް ދުވަހުން ދެއްކޭނެ ހަމަ އެއްވެސް އުޒުރެއް ނޯންނާނެ ކަމަށް ޝެއިޚް ހަނދާންކޮށްދެއްވިއެވެ.
އެހެންކަމުން، ބަންގީގެ އަޑު އިވެމުންދާއިރު ޒުވާނުން ކޮފީތަކުގައްޔާއި، މަސްވެރިޔާ ދޯނީގައްޔާއި، ވިޔަފާރިވެރިން ވިޔަފާރީގައްޔާއި އަދި ކުޅިވަރުގެ މައިދާންތަކުގައި މަޝްޣޫލުވެގެން ތިބެގެން ކާމިޔާބެއް ނުލިބޭނެކަން ހަނދާންކޮށްދެއްވައި، ގިސްލާ ޙާލުގައި ނަމާދަށް ފަރުވާކުޑަ ނުކުރުމަށް ޝެއިޚް ވަނީ ނުހަނު އަސަރާއެކު އާދޭސް ދަންނަވާފައެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ޝެއިޚް ފާހަގަކުރެއްވީ، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނެވި ދުވަސްވަރުގެ ހާދިސާއެކެވެ. އެކަލޭގެފާނު ހޭފުޅުލެއްވޭ ކޮންމެ ފަހަރަކު އަނބިކަނބަލުންނާއި ދަރިކަލުންގެ ވާހަކަ އެއްސެވުމުގެ ބަދަލުގައި، އެންމެ ފުރަތަމަވެސް އިސްކަންދެއްވީ އުންމަތުގެ މީހުން ނަމާދު ކޮށްފިތޯ ޔަގީންކުރެއްވުމަށެވެ. އެހާވެސް ބޮޑަށް އެކަލޭގެފާނު ނަމާދާމެދު ކަންބޮޑުވެވަޑައިގެންނެވިއެވެ.
ނިންމަވާލައްވަމުން ޝެއިޚް ޢަބްދުއްސަލާމް ވަނީ، ބަންގި ގޮވާއިރު އެއްވެސް ފިކުރެއް ޚިޔާލެއް ނެތި ދުނިޔެވީ މަޖަލާއި ކުޅިވަރުގައި ވަގުތު ބޭކާރުކުރާ ބަޔަކަށް އެއްވެސް ކާމިޔާބެއް ނެތްކަމަށް ވިދާޅުވެފައެވެ. އަދި މުސްލިމުންނަށް އޮތް އެންމެ ފުރަތަމަ ކަމަކީ ނަމާދުކަން ހަނދާންކޮށްދެއްވައި، ނަމާދު އޭގެ ވަގުތުގައި އަދާކުރުމަށް މުޅި ޖަމާޢަތަށް ވަޞިއްޔަތް ކުރެއްވިއެވެ.














ޚިޔާލުތައް (0)