ޚަބަރު

ސްކައުޓް ދަރިވަރުންނަށް ޕްރިންސިޕަލް ޙަސަންގެ އަގުހުރި ނަސޭހަތެއް: އިޙްތިރާމްކުރާ އަދި އާ ކަންކަން ދަސްކުރާ ބަޔަކަށްވުމަށް ގޮވާލައްވައިފި

4 ދުވަސް ކުރިން އަޙްމަދު ޒުމީނުއަޙްމަދު ޒުމީނު
SM
ID Card
Liyuntherikan
އިޝްތިހާރު

ދަރަނބޫދޫ ސްކޫލުގެ ސްކައުޓް ހަރަކާތްތަކުގައި ބައިވެރިވާ ދަރިވަރުންނަކީ އަޚްލާޤީ ގޮތުން ނަމޫނާ، ބޮޑެތި މީހުންނަށް އިޙްތިރާމްކުރާ އަދި އާ ކަންކަން ދަސްކުރުމަށް ލޯބިކުރާ ބަޔަކަށް ވުމަށް އެ ސްކޫލުގެ ޕްރިންސިޕަލް ޙަސަން އާދަމް ނަސޭހަތްތެރިވެވަޑައިގެންފިއެވެ.

ފ.އަތޮޅުގެ ދެވަނަ ސްކައުޓް ގުރޫޕްގެ ވަޢުދުވުމަށް ދަރަނބޫދޫ ސްކޫލުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕްރިންސިޕަލް ޙަސަން އާދަމް ވިދާޅުވީ، ހިލޭސާބަހަށް ކަންކަން ކުރުމަކީ މިހާރުގެ މުޖުތަމަޢުގައި ވަރަށް މަދު ތަނެއްގައި ވަރަށް މަދު ޙާލަތެއްގައި ނޫނީ ނުފެންނަ ކަމެއް ކަމަށެވެ. ނަމަވެސް މީގެ އަހަރުތަކެއް ކުރިން އެކަން އޮތީ އެހެން ނޫންކަން ފާހަގަކުރައްވަމުން، ފ. އަތޮޅުގައި ސްކައުޓް ހަރަކާތްތައް ދިރުވައި އާލާކޮށް ކުރިއަށް ގެންދިއުމަށް ވަރަށް ގިނަ ފަރާތްތަކެއްގެ މިންނެތް މަސައްކަތްތަކެއް ފެނިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

މަރިޔަމްޑީ
އިޝްތިހާރު

އެގޮތުން، މި އަތޮޅުގައި ސްކައުޓް ހަރަކާތްތައް ފެށުނީއްސުރެ މިކަމުގެ ތެރޭގައި އެއްވެސް އުޖޫރައަކާ ނުލައި ހިލޭސާބަހަށް، ކަމަށް އޮތް ލޯތްބާއި ޝައުޤުވެރިކަމެއްގެ ބޮޑުކަމުން މަސައްކަތް ކުރައްވަމުން ގެންދަވާ ރައްޒާޤު ސާރ އަކީ މިކަމުގެ ފުރިހަމަ ނަމޫނާއެއްގެ ގޮތުގައި ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދަރަނބޫދޫ ސްކޫލުގައި އަލުން ސްކައުޓް ހަރަކާތްތައް ފެށިގެން، ވަރަށް ފުރިހަމައަށް ތަރުތީބުކުރެވި އިންތިޒާމުވެގެން ކުރިއަށްދަނީ އަޖޫ ސާރގެ ބުރަ މަސައްކަތުން ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ. އަދި ދަރިވަރުންނަށް އިރުޝާދުތައް ދެމުން ގެންދަނީ ވަރަށް ފަޚުރުވެރިވާ ފަދަ ގޮތަކަށް ކަމަށާއި، އަޖޫ ސާރ ވެސް އެ މަސައްކަތް ކުރައްވަނީ ސްކޫލުގެ ނަން ދިރުވައި، ދަރިވަރުންނަށް ކަންތައްތަކެއް ދަސްކޮށްދީ ސްކައުޓްގެ ރިވެތި އުސޫލުތަކާ އެއްގޮތަށް ކުދިން ބައްޓަންކުރުމަށްޓަކައި ހިލޭސާބަހަށް ކަމަށް ވިދާޅުވެ، ރައްޒާޤު ސާރ އަދި އަޖޫ ސާރ އަށް ޕްރިންސިޕަލް އިޚްލާޞްތެރި ޝުކުރު އަދާކުރެއްވިއެވެ.

ދަރިވަރުންނާ މުޚާތަބު ކުރައްވައި ޕްރިންސިޕަލް އިތުރަށް ވިދާޅުވީ، ސްކައުޓް ޔުނީފޯމުގައި ދަރިވަރުން މިހާރު ފެންނަނީ ސްކޫލުގައި އާންމުކޮށް ފެންނަ ގޮތާ މުޅިން ތަފާތުކޮށް، ވަރަށް ޝަރަފްވެރި ބައެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން، ޔުނީފޯމުގައި އެ ފެންނަ ފަދައިން ހުރިހާ ކަމެއްގައިވެސް ރީތިކޮށް، ސާފުތާހިރުކޮށް ތިބުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.

ކުދިންގެ އަޚްލާޤު އެންމެ ރަނގަޅު ގޮތުގައި ފެނިގެންދާން އެބަޖެހޭ. ކަމަށް ކަމޭހިތުމާއި، ޚާއްޞަކޮށް ބޮޑެތި މީހުންނަށް އިޙްތިރާމްކުރުމާއި، އަދި އާ ކަންތައްތައް ދަސްކޮށް ހޯދުމުގެ ޝައުޤުވެރިކަން ތިޔަ ކުދިންގެ ކިބައިގައި އަބަދުވެސް ހުންނަންވާނެ، ޙަސަން އާދަމް ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ޕްރިންސިޕަލް ވަނީ، ސްކައުޓްގެ ކޮންމެ ދަރިވަރެއްގެ ވެސް މިއަދުގެ އަޒުމަކަށް ވާންވީ، އެ ރަނގަޅު އަދި މާތް ސިފަތައް ހިތުގައި ބިންވަޅު ނަގައިގެން މުސްތަޤުބަލާ ކުރިމަތިލުން ކަމުގައި ވިދާޅުވެ، ހުރިހާ ދަރިވަރުންނަށް ހެޔޮ ނަސޭހަތް ދެއްވާފައެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (3)

  1. ހަސަން ޓީ ބުންޏަސް ރަނގަޅު ވާހަކައެއް ވާނީ ރަނގަޅު ވާހަކައަކަށް ދޯ! އަދިހަމަ އެއީ ވަރަށް މުހިންމު ވާހަކައެއް

  2. އިޖްތިމާއީ ކަންކަމުގަ ހިލޭ ސާބަހަށް ދިވެހިން އުޅުނު އުޅުން ބަދަލުކުރީ ޕާޓީ ސިސްޓަމް. މިކަމާ ދެބަސްވެވޭކަށެއް ނެތް. ކުދިންގެ ކިބައިގައިވސް ކިރިޔާ ގޮތެއް ހުންނަނީ ސްކޫލް ދައުރު ނިމެންދެން. އެފަހުން މުޖުޔތަމައުގަ ގިނަ ކުދިންގެ އަހުލާގެއްވެސް އިޖްތިމާއީ ރޫހެއްވެސް ނުފެނެޔޭ

  3. ކުދިންނަށް އަހުލާގު ހިފެހެއްޓޭނީ އެ އަހުލާގު ސްކޫލުންވެސް ދައްކައިގެން. ކުދިންނާ ޖައްސާލައިގެން އުޅެގެން ކުދިންވެސް ދަސްކުރާނީ ހަމަ އެކުޅިވަރު

ޚިޔާލު ފާޅުކުރައްވާ