ސްކައުޓް ދަރިވަރުންނަށް މަގޫދޫ ސްކޫލުގެ ޕްރިންސިޕަލްގެ އަގުހުރި ނަސޭޙަތްތަކެއް

ހަމައެކަނި ރީތި ޔުނީފޯމެއް އެޅުމަކުން ނުވަތަ ކޭމްޕެއްގައި ބައިވެރިވުމަކުން ހަގީގީ ސްކައުޓަކަށް ނުވެވޭނެ ކަމަށާއި، ހަގީގީ ސްކައުޓަކަށް ވެވޭނީ އަމިއްލަ ނަފްސުގެ އެންމެ ރަނގަޅު ”ވާޝަން“ އަށް ވެވިގެން ކަމަށް ފ. މަގޫދޫ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ފަޔާޒް ވިދާޅުވެއްޖެއެވެ.
ޕްރިންސިޕަލް ފަޔާޒް މިފަދައިން ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ދަރަނބޫދޫ ސްކޫލުގައި ބޭއްވުނު ފ. އަތޮޅު ސެކަންޑް ސްކައުޓް ގްރޫޕްގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާނުގެ ޙައިސިއްޔަތުން ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ދަރިވަރުންނާ މުޚާޠަބުކުރައްވައި ފަޔާޒް ވިދާޅުވީ، ސްކައުޓެއްގެ ގޮތުގައި ތިމާގެ އެހެން ވާޝަނެއް އުފެއްދުމަށްޓަކައި އެންމެ އިސްކަމެއް ދޭންޖެހޭނީ އެހެން މީހުންނަށް އިޙްތިރާމްކުރާ މީހަކަށް ވުމަށް ކަމަށެވެ. އަދި ހަގީގީ ސްކައުޓުންނަކީ ހަމައެކަނި ކޭމްޕުތަކުގައި ބައިވެރިވާން އެނގޭ، ގޮށްޖަހަން ދަންނަ، އުސްތަންތަނަށް އަރަން އެނގޭ އަދި ޔުނީފޯމު އަޅާ ކުއްޖާ އެކަނި ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ހަގީގީ ސްކައުޓަކީ އެހެން މީހުންނަށް އިޙްތިރާމްކުރަން ދަންނަ، ބޭނުންޖެހިފައިވާ މީހުންގެ މުހުތާދުތައް ފުއްދައިދީ، އޯގާތެރިކަމާއެކު އަޅާލާ މީހެއް. އަދި ވަށައިގެންވާ ތިމާވެއްޓަށް ލޯބިކުރާ، ދިރުންތަކަށް ކަމޭހިތާ، ތެދުބަހުން ވާހަކަދައްކާ، ޢަދުލުވެރި އަދި ޙަވާލުކުރެވޭ ޒިންމާތައް ފުރިހަމައަށް އުފުލާ ކުއްޖެއް، ފަޔާޒް ވިދާޅުވިއެވެ.
މީގެއިތުރުން، އެއްވެސް ބަދަލަކަށް ނުވަތަ ފަހުން ލިބޭނެ ފައިދާއަކަށް ނުވިސްނައި، މުޖުތަމަޢު އެދޭ ކަންކަމުގައި އިސްނަގައިގެން ޝާމިލުވެ ބައިވެރިވުމަކީ ސްކައުޓެއްގެ ކިބައިން ފެންނަންޖެހޭ މުހިންމު ސިފައެއް ކަމަށް ވިދާޅުވިއެވެ. އަދި ސްކައުޓެއްގެ ގޮތުގައި ކުރެވޭ ހުވަޔަކީ ހަމައެކަނި ދުލުން ބުނެލާ ބަސްތަކަކަށް ނުހަދައި، އެ ހުވާގައި ބުނެވޭ ކަންކަމަށް ފުންކޮށް ވިސްނައި، އެއާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް ދަރިވަރުންނަށް އިލްތިމާސްކުރެއްވިއެވެ.
ފ. އަތޮޅުގައި ހިންގާ ސްކައުޓް ހަރަކާތްތަކަށް އަލިއަޅުއްވާލައްވަމުން ޕްރިންސިޕަލް ވިދާޅުވީ، އެ އަތޮޅުގައި މިވަގުތު ސްކައުޓް ގްރޫޕްތައް ހިންގަނީ ތިން ރަށެއްގައި ކަމަށެވެ. މީގެތެރެއިން އެންމެ ހަރަކާތްތެރި އެއް ގްރޫޕަކީ ދަރަނބޫދޫ ސްކޫލުގެ ސްކައުޓް ގްރޫޕްކަން ފާހަގަކުރައްވައި، އެ ގްރޫޕްގެ ހަރަކާތްތެރިކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވަނީ ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސްކައުޓް ލީޑަރުން ކަމަށް ވިދާޅުވެ، އެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.
ސްކައުޓް ޕްރޮގްރާމަކީ ރަސްމީ ތަޢުލީމުގެ ބޭރުން ރާއްޖޭގައި ހިންގޭ އެންމެ ބޮޑު ނުރަސްމީ ތަޢުލީމީ ޕްރޮގްރާމްކަން ފާހަގަކުރައްވަމުން ފަޔާޒް ވިދާޅުވީ، މިއީ ވަރަށް ބޮޑު ހޭދައެއް ކުރަންޖެހޭ އަގުބޮޑު ހަރަކާތެއް ކަމަށެވެ. އަދި މި ހަރަކާތަށް އެންމެ ބޮޑު ހޭދައެއް ކުރަނީ ބެލެނިވެރިން ކަމަށްވާއިރު، އެ ހޭދައިގެ ސަބަބުން ދަރިވަރުންގެ ކިބައިން ބޮޑެތި ކުރިއެރުންތަކެއް ފެނުމަކީ ބެލެނިވެރިން ކުރާނެ އުއްމީދެއް ކަމަށް ވިދާޅުވެ، ހުރިހާ ބެލެނިވެރިންނަށްވެސް ޝުކުރު ދެންނެވިއެވެ.
ޕްރިންސިޕަލްގެ ވާހަކަފުޅު ނިންމަވާލެއްވީ މަޝްހޫރު ސްކައުޓް ބަހެއް ކަމުގައިވާ ”ވަންސް އަ ސްކައުޓް، އޯލްވޭސް އަ ސްކައުޓް“ މި ޖުމުލައިންނެވެ. އަދި މިއަދު ސްކައުޓް ހުވާކުރުމަށްފަހު، މާދަމާ އެ ހަރަކާތުން ވަކިވި ނަމަވެސް، އެ ކުއްޖެއްގެ ކިބައިން ސްކައުޓްގެ އަގުތަކާއި ސިފަތައް ދުވަހަކުވެސް ވަކިވެގެން ނުދާނެ ކަމަށް ވިދާޅުވެ، އެ ސިފަތައް މުޅި އުމުރަށް ދެމެހެއްޓުމަށް ދަރިވަރުންނަށް ހަނދާންކޮށްދެއްވިއެވެ.














ޚިޔާލުތައް (0)