ކ. ގުރައިދޫގެ އައު ފެރީ ގިމަތައާއި އެރައިވަލް އޭރިއާ މަޖިލީހުގެ ރައީސް ހުޅުއްވައިދެއްވައިފި!

ކ. ގުރައިދޫގެ ލޯކަލް ޓޫރިޒަމްގެ ސިނާޢަތް ދުވަހުން ދުވަހަށް ފުޅާވަމުންދާ ދަނޑިވަޅެއްގައި، ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ފާހަގަކޮށްލެވޭ ފަދަ ބޮޑު ކުރިއެރުމެއް ގެނުވި ޒަމާނީ ފެރީ ގިމަތައާއި އެރައިވަލް އޭރިޔާ (Arrival Area) ރަސްމީކޮށް ހުޅުވައިފިއެވެ.
މި މަޝްރޫޢަކީ ކ. ގުރައިދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ކުރީކޮޅު މޭޒުމައްޗަށް ހުށަހެޅުނު އުފެއްދުންތެރި ޚިޔާލެއްގެ މައްޗަށް ބިނާކޮށް، ރަށުގެ ލާބަޔާއި މަންފާއަށްޓަކައި ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ، އަގުނުކުރެވޭ ފަދަ މުހިންމު ބިނާއެކެވެ. މި ބިނާ ރަސްމީކޮށް ހުޅުއްވައިދެއްވުމުގެ ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.

މި ރަސްމިއްޔާތަށް އެމަނިކުފާނު ގުރައިދުއަށް ވަޑައިގަތުމުން، ރަށުގެ ރައްޔިތުންނާއި ކައުންސިލްގެ ފަރާތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފާއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، މި އައު ބިނާއަކީ ރަށްވަށައިގެންވާ ޤުދުރަތީ ވަޞީލަތްތަކާއި، ރަށުގެ ޤުދުރަތީ މުއްސަނދިކަން ވަރަށް ފުރިހަމައަށް ދައްކުވައިދޭ ބިނާއެއް ކަމަށެވެ.
މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އައު ބިނާގެ އެންމެ މައިގަނޑު އެއް މަޤްޞަދަކީ ގުރައިދުއަށް ޒިޔާރަތްކުރާ ދިވެހި ދަތުރުވެރިންނަށާއި ބޭރުގެ ލޮބުވެތި ފަތުރުވެރިންނަށް ފުރަތަމަ ފެނުމުންވެސް ރަށުގެ މެހުމާންދާރީއާއި ހިތްހަމަޖެހުން އިޙްސާސްކޮށްދޭނެ ފަދަ ޒަމާނީ، ހިތްޤައިމު އަދި ފުރިހަމަ މާޙައުލެއް ބިނާކޮށްދިނުމެވެ.
މީގެ ސަބަބުން، ރަށުގައި މިހާރުވެސް ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން އަންނަ ލޯކަލް ޓޫރިޒަމްގެ ސިނާޢަތް މުޅި މި އަތޮޅާއި މި ސަރަޙައްދުގައި ފުޅާވެ، ދުނިޔޭގެ ފަތުރުވެރިކަމުގެ ބައިނަލްއަޤުވާމީ މައިދާނުގައި ކ. ގުރައިދޫގެ ނަން މަޤްބޫލު ބްރޭންޑަކަށް ވެގެންދާނެއެވެ. އަދި ރަށުގެ އިޤްތިޞާދީ ވިންދަށް އާރޯކަން ލިބި، މުޅި ދުނިޔޭގައި ގުރައިދޫގެ ރީތި ނަމާއި އަޑު އިތުރަށް އުފުލި، ވިދާލާނެ ކަމަށް ވެސް އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

މީގެއިތުރުން، ގުރައިދޫ ހިމެނޭ ދާއިރާގެ ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ (އެމްޕީ) ރަށުގެ ތަރައްޤީއަށާއި ރައްޔިތުންގެ ލާބަޔަށް ކުރެވޭ ކޮންމެ ކަމެއް ވަރަށް ގާތުން ބައްލަވައި، އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާ ހީވާގި ބޭފުޅެއްކަން މަޖިލީހުގެ ރައީސް ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.
އަދި ދައުލަތުގެ އިދާރީ ނިޒާމުގެ ތެރެއިންނާއި ސަރުކާރުގެ ތެރެއިން ރަށަށް ހޯދައިދެވެން ހުރި ކޮންމެ އެހީތެރިކަމަކާއި މަޝްރޫޢެއް ލަސްކުރުމެއްނެތި ފަހިކޮށްދެއްވުމަށް މެންބަރު ކުރައްވަމުންދާ ވަގުތުން ވަގުތަށް ކުރައްވާ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި، މެންބަރަށް ޚާއްޞަ ޝުކުރެއް ރައްދުކުރެއްވިއެވެ.
ހަމައެހެންމެ، މިފަދަ ބޮޑު އަދި ތާރީޚީ މަޝްރޫޢެއް ކާމިޔާބުކަމާއެކު ނިންމާލުމުގައި ރެއާއި ދުވާލު މިންނެތް މަސައްކަތްކުރެއްވި ދައުލަތުގެ އެކި މުއައްސަސާތަކުގެ ވެރިންނަށާއި، މުވައްޒަފުންގެ އިތުރުން ރަށުގެ ޖަމްޢިއްޔާ ޖަމާޢަތްތަކަށް އެމަނިކުފާނު ޝުކުރު ދެންނެވިއެވެ. ވަކިން ޚާއްޞަކޮށް، ރަށުގެ ރީތިކަމާއި ސާފުތާހިރުކަން އެންމެ އެދެވޭ ގޮތުގައި ދަމަހައްޓައި، މި ބިނާގެ މަސައްކަތްތައް ފުރިހަމަކުރުމުގައި ހީވާގިކަމާއެކު ސާބިތުވެތިބި ގުރައިދޫ ވެމްކޯ (WAMCO) ގެ މުޅި ޓީމުގެ މުވައްޒަފުން ކުރެއްވި އިޚްލާޞްތެރި މަސައްކަތްތަކަށް ކައުންސިލްގެ ރައީސް ޚާއްޞަ ޝުކުރެއް ވިދާޅުވިއެވެ.
މި ބައްދަލުވުމުގެ ތެރެއިން، ގުރައިދޫގެ ތާރީޚާއި، އެ ރަށަށް އެކި ދާއިރާތަކުން ޚިދުމަތްކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތެރިންގެ ހަނދާންތަކާއި ރެކޯޑުތައް ރައްކާތެރިކުރުމުގެ މަޤްޞަދުގައި އެކުލަވައިލި ‘ކ.ގުރައިދޫ ފޮތް’ ވެސް ވަނީ ނެރެދެއްވާފައެވެ.

މި ތާރީޚީ ފޮތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. ރަސްމިއްޔާތު ނިންމަވާލައްވަމުން ކައުންސިލްގެ ރައީސް ފާހަގަކުރެއްވި ގޮތުގައި، މި އައު އެރައިވަލް ޖެޓީއާއި ފެރީ ގިމަތައަކީ ރަށުގެ އިޤްތިޞާދު ޓޫރިޒަމްގެ މައްޗަށް ބިނާވަމުންދާއިރު، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި ދަތުރުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތީ ހަރުފަތަކަށް ގެންދިއުމަށް އެޅުނު މުހިންމު ބިންގަލެކެވެ.
އަދި މިފަދަ ބޮޑު މަޝްރޫޢެއް ނިންމަވައިދެއްވުމުގައި ކައުންސިލުން ކުރެއްވި އަގުނުކުރެވޭ މަސައްކަތްތަކަށްޓަކައި، ރަށުގެ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުގައި ހުންނަވައި މަޖިލީހުގެ ރައީސް ދެއްވި އެއްބާރުލެއްވުމަށް ކައުންސިލުން ވަނީ ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ.













ޚިޔާލުތައް (0)