ފީވަކު ސްކައުޓް ދަރިވަރުންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފި!

ށ. ފީވަކު ސްކޫލުގެ ސްކައުޓް ދަރިވަރުންނަށް އަމާޒުކޮށްގެން، އެ ރަށުގެ އެކި މުއައްސަސާތައް ގުޅިގެން ހިންގާ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
މި ޕްރޮގްރާމަކީ ފީވަކު ޕޮލިސް ސްޓޭޝަން، ފީވަކު ސްކޫލް އަދި ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އތމ) ކޮމިޓީ ގުޅިގެން ކުރިއަށްގެންދާ ޙަރަކާތެކެވެ.
ޖުމްލަ 12 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ސްކޫލުގެ ސްކައުޓް ޙަރަކާތުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަކީވެސް ފަތަން ދަންނަ ކުދިންތަކަކަށް ހެދުމެވެ.
މި ޕްރޮގްރާމްގެ ތެރެއިން ފަތަން ދަސްވާ ދަރިވަރުންގެ ފެންވަރު ވަޒަންކޮށް ސެޓިފިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ބައިވެރިންގެ މެދުގައި ފެތުމުގެ ޚާއްޞަ މުބާރާތެއް ބޭއްވުމަށް ވެސް ވަނީ ރޭވިފައެވެ.

މި މުބާރާތުން ވަނަވަނައަށް ހޮވޭ ދަރިވަރުންގެ ކާމިޔާބީގެ އަގުވަޒަންކުރުމުގެ ގޮތުން ޓްރޮފީ ދިނުމަށް ހަމަޖެހިފައިވާ ކަމަށް މި ޕްރޮގްރާމް އިންތިޒާމުކުރި ފީވަކު ސްކޫލުން މަޢުލޫމާތުދެއެވެ.
މިފަދަ ޕްރޮގްރާމްތަކަކީ ކުދިންގެ ހަށިހެޔޮކަމާއި، މޫދުގެ ސަލާމަތްތެރިކަމަށް ބޭނުންވާ މުހިންމު ހުނަރުތައް ދަސްކޮށްދިނުމަށް ރަށުގެ މުއައްސަސާތައް ގުޅިގެން ހިންގޭ ނަމޫނާ ޙަރަކާތެކެވެ.















ޚިޔާލުތައް (0)