އެޗް.އެސް.ސީ އިސްލާމީ ތަރުބިޔަތު އިމްތިޙާނަށް ތައްޔާރުވުމަށް މަދަރުސަތުލް އިފްތިތާޙްގައި ޚާއްޞަ ސްޓަޑީ ކޭމްޕެއް ކުރިއަށް ގެންގޮސްފި!

މަތީ ސާނަވީ ނިންމާ އިމްތިޙާން، އެޗް.އެސް.ސީ (HSC) އިސްލާމީ ތަރުބިޔަތު މާއްދާއިން ދަރިވަރުން އަހުލުވެރިކޮށް، އިމްތިޙާނަށް ފުރިހަމައަށް ތައްޔާރުކުރުމުގެ ގޮތުން ޅ. ނައިފަރު މަދަރުސަތުލް އިފްތިތާޙްގައި ޚާއްޞަ ސްޓަޑީ ކޭމްޕެއް ކުރިއަށް ގެންގޮސްފިއެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މި ކޭމްޕްގައި ދަރިވަރުންނަށް ފިލާވަޅުތައް ނަގައިދެއްވައި، މަޢުލޫމާތު ބަދަލުކުރެއްވީ ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ މާލެ) ގެ ހެޑް އޮފް އިސްލާމް ޑިޕާޓްމަންޓް، އުސްތާޛް ރާމިޒު އަބޫބަކުރެވެ. އުސްތާޛް ރާމިޒުގެ ތަޖުރިބާގެ ޢަލީގައި ކުރިއަށްދިޔަ މި ސެޝަންތަކުގައި، އިމްތިޙާނަށް ތައްޔާރުވުމުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ބައިތަކާއި، ސުވާލުތަކަށް ޖަވާބުދޭނެ ގޮތްތަކުގެ މައްޗަށް ބަލާލާފައިވެއެވެ.

މި ކޭމްޕްގެ ސަބަބުން ދަރިވަރުންނަށް އިމްތިޙާނުގެ އޮނިގަނޑު ބަހާލެވިފައިވާ ގޮތް ވަރަށް ބޮޑަށް ސާފުވެ، ކަރުދާހުގެ ސުވާލުތައް ހުންނަ ގޮތާއި މާކްސް ބެހިގެންވާ ގޮތް ވަނީ އެނގިފައެވެ. އަދި އިމްތިޙާނުގައި ސުވާލުތަކަށް ސީދާ އަދި ފުރިހަމަ ޖަވާބު ލިޔާނެ ރަނގަޅު އުކުޅުތަކާއި، ވަގުތު މެނޭޖްކުރާނެ ގޮތްތައް ދަރިވަރުންނަށް ވަނީ ދަސްވެފައެވެ. މީގެ އިތުރުން މުޤައްރަރުގައި ހިމެނޭ އެންމެ މުހިންމު އަދި އުނދަގޫ ފިލާވަޅުތައް ކުރު މުއްދަތެއްގެ ތެރޭގައި ތަކުރާރުކޮށް މުރާޖަޢާ ކުރެވިގެންދިއުމަކީ، ކުރިއަށް އޮތް އިމްތިޙާނަށް ދަރިވަރުންގެ ހިތްތަކުގައި އޮތް ބިރުވެރިކަން ކުޑަވެ، އަމިއްލަ ނަފްސަށް އޮތް އިތުބާރު ބޮޑުވެގެންދިޔަ ކަމެކެވެ.
މި ސްޓަޑީ ކޭމްޕަކީ ދަރިވަރުންނަށް މުޅިން ހިލޭ ކުރިއަށް ގެންދެވުނު ޙަރަކާތެކެވެ. މި ކޭމްޕްގެ އެންމެހާ ޚަރަދުތައް ދީލަތިކަމާއެކު ހަމަޖައްސަވައިދެއްވާފައިވަނީ ”SSC & HSC Islam with Hanoon“ ގެ ފަރާތުންނެވެ. އެ ފަރާތުން ވެދެއްވި ބޮޑު އެހީތެރިކަމަށްޓަކައި ކޭމްޕް އިންތިޒާމުކުރި ފަރާތުން ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
މީގެ އިތުރުން، މި ކޭމްޕް މަދަރުސަތުލް އިފްތިތާޙްގައި ރާވާ ހިންގުމުގައާއި، ކާމިޔާބުކަމާއެކު ނިންމާލުމުގައި ބެލެނިވެރިންގެ ފަރާތުން ލިބުނު ބޮޑު އެއްބާރުލުމާއި ވެދެއްވި އެހީތެރިކަން ފާހަގަކޮށް، އެ މަދަރުސާގެ ފަރާތުން ވަނީ ބެލެނިވެރިންނަށް ފަށްފަށުން ޝުކުރު އަދާކޮށްފައެވެ. މަދަރުސަތުލް އިފްތިތާޙުން ބުނި ގޮތުގައި، މިފަދަ ކޭމްޕްތަކުގެ ސަބަބުން ކުރިއަށް އޮތް އެޗް.އެސް.ސީ އިމްތިޙާނުގައި ދަރިވަރުންނަށް ބޮޑު ފަސޭހައަކާއި ރަނގަޅު ނަތީޖާއެއް ހޯދުމަށް ބޮޑު ހިތްވަރެއް ލިބިގެންދާނެއެވެ.















ޚިޔާލުތައް (0)