ކުޅިވަރުގެ ރޫޙާއި ޚިލާފު ޢަމަލުތައް ނުހިންގުމަށް ދަރަނބޫދޫ ސްކޫލުން އިލްތިމާސްކޮށްފި

ކުޅިވަރުގެ ރޫޙާ ޚިލާފު އެއްވެސް ޢަމަލެއް ނުހިންގުމަށް ދަރަނބޫދޫ ސްކޫލުން ހުރިހާ ޓީމުތަކަށާއި ސަޕޯޓަރުންނަށް އިލްތިމާސްކޮށްފިއެވެ. އެ ސްކޫލުން މިގޮތަށް އިލްތިމާސް ކޮށްފައިވަނީ މިއަދު ފެށުމަށް ހަމަޖެހިފައިވާ ޕީޓީއޭ ކުޅިވަރު ފެސްޓިވަލާ ދިމާކޮށް ނެރުނު ބަޔާނެއްގައެވެ.
މިކަމާ ގުޅިގެން ދަރަނބޫދޫ ސްކޫލުން ސޯޝަލް މީޑިއާގައި ޢާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، މިހާރަކަށް އައިސް ރަށު ފެންވަރުގައި ބާއްވާ އެކިއެކި މުބާރާތްތަކުގައި ވާދަވެރިކަން ބޮޑުވެ، ކުޅުންތެރިންނާއި އޮފިޝަލުންގެ ފަރާތުން ކުޅިވަރުގެ ރޫޙާ ޚިލާފު ކަންކަން ފެންނަމުންދާ ކަމަށެވެ. މީގެ ނޭދެވޭ އަސަރު މުޖުތަމަޢުގެ ކުޑަކުދިންނަށް ކޮށް، އެފަދަ ނުރަނގަޅު ކަންކަން ނަކަލުކުރުމަށް އެކުދިންނަށް ހިތްވަރު ލިބޭކަން ސްކޫލުން ވަނީ ފާހަގަކޮށްފައެވެ.
މީގެއިތުރުން، މުބާރާތްތަކުގައި އިންސާފުކުރާ އޮފިޝަލުންނަށް ބިރުވެރިކަން އިޙްސާސްވެ، ރަށު ފެންވަރުގައި ބާއްވާ މުބާރާތްތަކުގައި އޮފިޝަލްކަން ކޮށްދިނުމަށް ރަށުގައި ތިބި ފަރާތްތަކުން ޖެހިލުންވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށްވެސް އެ ސްކޫލުން ބުނެފައިވެއެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން، މުބާރާތްތައް ބޭއްވުމުގެ މައިގަނޑު މަޤްޞަދު ކަމުގައިވާ އެކުވެރިކަން އާލާކުރުމަށް ހުރަސްއެޅި، މުބާރާތްތައް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް ސްކޫލުން ފާހަގަކުރެއެވެ.
އެހެންކަމުން، މިއަދު ފެށޭ ޕީޓީއޭ ކުޅިވަރު މުބާރާތުގައި ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް ސްކޫލުން ވަނީ މުހިންމު ކަންތައްތަކަކަށް އިލްތިމާސްކޮށްފައެވެ. އޭގެ ތެރޭގައި:
• ރެފްރީންގެ ނިންމުންތަކަށް ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންވެސް ފުރިހަމައަށް ކިޔަމަންވުން.
• ކުޅުމުގެ ތެރޭގައި ދިމާވާ ކަންކަން ޙައްލުކުރުމަށް ހަމައެކަނި ޓީމުގެ ކެޕްޓަން މެދުވެރިކޮށް ރެފްރީންނާ މުޢާމަލާތު ކުރުން.
• ކުޅުންތެރިންނާއި، ޓީމުތަކުގެ އޮފިޝަލުން އަދި ސަޕޯޓަރުންވެސް ރެފްރީންނަށާއި އެހެނިހެން އޮފިޝަލުންނަށް ރައްދުވާގޮތަށް ބޭއަދަބީ ބަސްތައް ބޭނުން ނުކުރުން.
• ދެ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންވެސް އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކޮށް، ދިމާކުރުމާއި ހުތުރު ބަސްތައް ރައްދު ނުކުރުން.
ދަރަނބޫދޫ ސްކޫލުން އުންމީދު ކުރަނީ މި މުބާރާތަކީ ކުޅިވަރުގެ ރޫޙާ ޚިލާފު އެއްވެސް ޢަމަލެއް ނުފެނި، މުބާރާތުގެ އަސްލު މަޤްޞަދު ކަމަށްވާ ރައްޔިތުންނާއި ބެލެނިވެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާވެގެންދާނެ ކާމިޔާބު މުބާރާތަކަށް ވެގެންދިއުން ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
ދަރަނބޫދޫ ސްކޫލުގެ ޕީޓީއޭ ކުޅިވަރު ފެސްޓިވަލަކީ ކޮންމެ އަހަރަކު އެ ސްކޫލުގައި ވަރަށް ފޯރީގައި ބާއްވަމުން އަންނަ މުބާރާތެކެވެ. ސްކޫލުގެ ބެލެނިވެރިންނާ ޓީޗަރުންނަށް ކުރިއަށް ގެންދާ މި މުބާރާތުގައި މި އަހަރު އޮންނަނީ ފިރިހެނުންނަށް ފުޓްސަލް އަދި އަންހެނުންނަށް ހޭންޑްބޯލް ކުޅިވަރެވެ.













ޚިޔާލުތައް (0)