އއ. މަތިވެރީގައި މިޔަރު ބަލާލެވޭނެ ޚާއްޞަ ސަރަޙައްދެއް ”މިޔަރުވެހި“ ގެ ނަމުގައި ހުޅުވައިފި!

ފަތުރުވެރިންނާއި ޒިޔާރަތްކުރާ ފަރާތްތަކުގެ ޝައުޤުވެރިކަން ދަމައިގަންނާނެ ފަދަ އައު އެޓްރެކްޝަނެއް ”މަތިވެރީ ޝާކް ވިއު ޕޮއިންޓް“ ނުވަތަ ”މިޔަރުވެހި“ ގެ ނަމުގައި އެ ރަށުގައި ރަސްމީކޮށް ހުޅުވައިފިއެވެ.
މަތިވެރީ ބަނދަރު ތެރޭގައި މިޔަރު ޖަމާވާ ސަރަޙައްދުގައި، އިށީނދެގެން ތިބެ ފަސޭހަކަމާއެކު މިޔަރުތައް ބަލާލެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ވެހި ހުޅުވައިދެއްވީ އިއްޔެ ހަވީރު ބޭއްވި ޚާއްޞަ ޙަފްލާއެއްގައެވެ. މި ސަރަޙައްދު ރަސްމީކޮށް ހުޅުވައިދެއްވީ ޕަބްލިކް ސަރވިސް މީޑިޔާ (ޕީ.އެސް.އެމް) ގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބުއެވެ. މި އައު ވިއު ޕޮއިންޓުގެ ސަބަބުން، ރަށުގެ ހިތްގައިމު ނޫވިލުގެ މަންޒަރުތަކާއެކު، އަރާމު މާޙައުލެއްގައި ތިބެގެން ކަނޑުގެ ދިރުންތައް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.
-

މަތިވެރީ ޝާކް ވިއު ޕޮއިންޓް: ފޮޓޯ – އއ މަތިވެރީ ކައުންސިލް ރަސްމީ ފޭސްބުކް ޕޭޖު
މި ޙަފްލާއާ ދިމާކޮށް، މަތިވެރީ އަންހެނުންގެ ތަރައްޤީއަށް“މަތިވެރީ ޝާކް ވިއު ޕޮއިންޓްމަސައްކަތްކުރާ ކޮމެޓީ ( WDC ) އިސްނަގައިގެން ރަށުގެ ގޭބިސީތަކުން ތައްޔާރުކުރި ޚާއްޞަ ހަވީރުގެ ސައިފޮދެއް ރަށުގެ ރައްޔިތުންނަށް ވަނީ އަރުވާފައެވެ.
މަތިވެރީ ކައުންސިލުގެ ކުރެހުމަކަށް ބިނާކުރި މި ވެހީގެ މަސައްކަތް ކޮށްދީފައިވަނީ އެ ރަށު ނަސީމީމަންޒިލް މޫސާ ޙަސަނާއި، މަތިވެރީގައި ޤާއިމުވެފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ މަތިވެރީ ސައިޓުގެ މުވައްޒަފުންގެ ބުރަ މަސައްކަތުންނެވެ.
މި މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލުމަށާއި އިއްޔެގެ ޙަފްލާއަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށާއި، ރަށުގެ ރައްޔިތުންނަށް، އަދި ވަކިން ޚާއްޞަކޮށް ސައި ތައްޔާރުކޮށްދިނުމުގައި ބައިވެރިވި ރަށުގެ ލޮބުވެތި އަންހެނުންނަށް ކައުންސިލުންނާއި ރަށުގެ މުޖުތަމައުއިން ވަނީ ޝުކުރު އަދާކޮށްފައެވެ.















ޚިޔާލުތައް (0)