ޑެންގީ ހުން ކޮންޓްރޯލް ކުރުމަށް އުތީމުގައި ޚާއްޞަ ޙަރަކާތްތަކެއް ފަށައިފި!

ހއ. އުތީމުގައި ހަލުވިކަމާއެކު ފެތުރެމުންދާ ޑެންގީ ހުން ކޮންޓްރޯލް ކުރުމަށްޓަކައި އެ ރަށު ކައުންސިލާއި، އުތީމު ސިއްޙީ މަރުކަޒު އަދި މުއައްސަސާތައް ގުޅިގެން ޚާއްޞަ ޙަރަކާތްތަކެއް ފަށައިފިއެވެ.
އުތީމު ކައުންސިލްގެ އިދާރާއިން މަޢުލޫމާތު ދޭ ގޮތުގައި، ރަށުން ޑެންގީ ހުން ފެންނަމުންދާތީ މަދިރި މަދުކުރުމަށްޓަކައި ރަށުގެ އެކި ސަރަޙައްދުތަކުގައި ފޮގް ކުރުމުގެ ބޮޑު ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ރަށުގެ މަގުތަކާއި، ގޯޅިތަކުގެ އިތުރުން މަދިރި ޢާލާވާ ގޮތަށް ހުރި ހާމަ ބިންތަކަށް އަމާޒުކޮށްގެން ފޮގް ކޮށްފައިވެއެވެ.

މީގެ އިތުރުން، ޑެންގީ ހުމުން ރައްކާތެރިވުމަށް އާންމުން ހޭލުންތެރިކުރުވުމަށާއި، މަދިރި ޢާލާވާ ތަންތަން ނައްތާލުމަށްޓަކައި ރަށުގެ ހުރިހާ ގޭބިސީތަކަށް ޒިޔާރަތްކުރުމުގެ ބޮޑު ކެމްޕޭނެއްވެސް ވަނީ ހިންގާފައެވެ. މި ޒިޔާރަތްތަކުގައި ގޭގެއަށް ވަދެ މަދިރި ޢާލާވާ ފަދަ ފެން ހަރުލާ ތަންތަން ބަލައި ފާސްކޮށް، ގޯތިތެރެ ސާފުތާހިރުކޮށް ބެހެއްޓުމަށް އިރުޝާދު ދީފައިވެއެވެ.

މި ޙަރަކާތްތަކަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ހއ. އަތޮޅު ކައުންސިލްގެ އެއްބާރުލުމާއެކު، އުތީމުން ޑެންގީ ހުން މުޅިން ފިލުވާލުމަށްޓަކައި މުޖުތަމަޢުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.















ޚިޔާލުތައް (0)