އަތުލިޔުމުގެ ފުރަތަމަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި!

ދިވެހި އަތުލިޔުންތެރިކަމުގެ ފަންނު ދިރުވައި ޢާލާކުރުމުގެ މަޤުޞަދުގައި ބާއްވާ ”އަތުލިޔުމުގެ ފުރަތަމަ ޤައުމީ މުބާރާތް – 2026“ ގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ބަހުގެ އެކެޑަމީން މިއަދު ހުޅުވާލައިފިއެވެ. ޢަލީ ފަހުމީގެ ވާދައިގެ ތަށްޓަށް ބާއްވާ މި މުބާރާތަކީ ރީތިކޮށް ލިޔުމުގެ ޝައުޤުވެރިކަން އުފެއްދުމަށް ބާއްވާ މުބާރާތެކެވެ.
🔗 ތަފްޞީލް ކިޔުމަށް: [ލިންކް]
މި މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މައިގަނޑު ދެ ގިންތިއަކަށް ބަހާލައިގެންނެވެ. އެއީ:
- އޮފީސްތަކުގެ ބައި: ވުޒާރާތަކާއި، ދަޢުލަތުގެ މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާއި އޮފީސްތަކަށް ހުޅުވާލެވިފައިވާ ބައި.
- އަމިއްލަ ފަރާތްތަކުގެ ބައި: ޢާންމު ފަރުދުންނަށް ހުޅުވާލެވިފައިވާ ބައި.
މުބާރާތް ކުރިއަށްދާނީ މައިގަނޑު ތިން ދާއިރާއަކުންނެވެ. އެއީ ރީތިލިޔުން، އަވަސްލިޔުން އަދި އަތްތެރިލިޔުން މި ތިން ދާއިރާއެވެ.
މުބާރާތުގެ ޤަވާޢިދުގައިވާ ގޮތުން، އޮފީސްތަކުގެ ބައިން ބައިވެރިވާ ކޮންމެ މުއައްސަސާއަކަށް ވެސް ކޮންމެ ދާއިރާއަކުން އެންމެ ގިނަވެގެން ބައިވެރިކުރެވޭނީ 5 މުވައްޒަފުންނެވެ. އަދި އަމިއްލަ ގޮތުން ބައިވެރިވެވޭނީ 31 ޑިސެންބަރު 2025 އަށް 18 އަހަރު ފުރިފައިވާ ދިވެހިންނަށެވެ.
މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 8 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އޮންލައިން ފޯމު ފުރިހަމަކުރަންޖެހެއެވެ.
މުބާރާތުގެ ޤަވާޢިދާއި ބޭނުންވާ ލިޔެކިޔުންތައް ދިވެހި އެކެޑަމީގެ ރަސްމީ ވެބްސައިޓުން (www.dhivehiacademy.edu.mv) ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އެކެޑަމީގެ ހޮޓްލައިން ނަންބަރު 7772816 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް އެކެޑަމީން އެދެއެވެ.















ޚިޔާލުތައް (0)