ދަރަނބޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ރޭވުމުގެ މަސައްކަތް ފަށައިފި

ފ. ދަރަނބޫދޫގައި ސަރުކާރުން ތަރައްޤީކުރަމުން އަންނަ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އިމާރާތް ރޭވުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
ދަރަނބޫދޫ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ސެންޓަރުގެ އިމާރާތް ރޭވުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. މިއީ ސަރުކާރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ މަސައްކަތް އެމްއޭސީއެލްއާ ޙަވާލުކޮށް، ސެންޓަރުގެ ބިންގާ އަޅާފައިވަނީ މީގެ އެއް އަހަރު ކުރިންނެވެ. އަދި މިދިޔަ އަހަރު މިތަނުގެ ޢަމަލީ މަސައްކަތް ފަށައި، ފައުންޑޭޝަން އެޅުމުގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލާފައެވެ. ކައުންސިލުން ފާހަގަކުރި ގޮތުގައި އިމާރާތް ރޭވުމަށް ބޭނުންވާ ސާމާނު ދަރަނބޫދޫއަށް ގެނެސްފައި ހުންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ.
ދަރަނބޫދޫ ކައުންސިލް އިދާރާއާއި ޞިއްޙީ މަރުކަޒާ ދެމެދު އޮންނަ ހުސްބިމުގައި ޤާއިމުކުރާ މި މަރުކަޒަކީ ދަރަނބޫދޫ ޒުވާނުންނަށާއި ރައްޔިތުންނަށް ވަރަށް މުހިންމު ތަނެކެވެ.
މީގެ ކުރިން ދަރަނބޫދޫގައި އިޖުތިމާޢީ މަރުކަޒެއް ހުރި ނަމަވެސް، މިސްކިތެއް އެޅުމަށްޓަކައި އެ ބިން ނެގުމާ ގުޅިގެން ކުރީގެ އިމާރާތް ވަނީ ތަޅާލާފައެވެ. އެހެންކަމުން، ދަރަނބޫދޫގައި މިފަދަ މަރުކަޒެއް ނެތި ގާތްގަނޑަކަށް 8 އަހަރު ވޭތުވެފައިވާއިރު، އަލަށް މި ތަރައްޤީކުރެވޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށާއި، ޒުވާނުންގެ ހުނަރުތައް ތަރައްޤީކޮށް ވަގުތު ހޭދަކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ފުރުޞަތެކެވެ.















ޚިޔާލުތައް (0)