ފ. ނިލަންދޫ ކައުންސިލްގެ މަދަހަ މުބާރާތް ފޯރިއާއެކު ނިންމާލައިފި؛ 58 ބައިވެރިންނާއެކު އެއްވަނަ ޢަބްދުލްޖަލީލަށް!

ފާފު ނިލަންދޫ ކައުންސިލް އިދާރާގެ މުވައްޒަފުންގެ މެދުގައި ބޭއްވި 1448 ވަނަ އަހަރުގެ މަދަހަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މަސައްކަތުގެ މާހައުލުން ބޭރުން މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ގުޅުން ބަދަހިކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދިޔަ މި މުބާރާތް މިއަހަރު ބާއްވާފައިވަނީ ޚާއްޞަ ބަދަލުތަކަކާއެކުގައެވެ. އެގޮތުން، ކައުންސިލްގެ އެކި ދާއިރާތަކުގެ މުވައްޒަފުން (ކައުންސިލް މެންބަރުން، އިދާރީ މުވައްޒަފުން، ވޭސްޓް މެނޭޖްމަންޓް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި މިސްކިތްތަކުގެ މުވައްޒަފުން) ހިމެނޭހެން ޖުމްލަ 5 ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށްގެންގޮސްފައިވާއިރު، ވާދަވެރިކަން އިތުރުކުރުމުގެ ގޮތުން ކޮންމެ ޓީމަކަށްވެސް މުވައްޒަފެއްގެ ޢާއިލީ މެންބަރަކު ހިމެނުމުގެ ފުރުޞަތު މިއަހަރު ވަނީ ހުޅުވާލާފައެވެ.
ޖުމްލަ 5 ގްރޫޕް ހުށަހެޅުމަކާއި 20 ފަރުދީ ހުށަހެޅުން ފެނިގެންދިޔަ މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފާފު އަމާންވެހީގެ ޕޮލިޓިކަލް ޑިރެކްޓަރ އަޒްމީރާ ޢިބްރާހީމެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަޒްމީރާ ވަނީ މުވައްޒަފުންގެ ފަރާތުން ފެނުނު ހުނަރުވެރިކަމަށާއި، މުބާރާތް އިންތިޒާމުކޮށްފައިވާ ފުރިހަމަ ގޮތަށް ނުހަނު ބޮޑަށް ތައުރީފު ކުރައްވާފައެވެ.

މުބާރާތުގެ ވަނަތައް:
* އެންމެ މޮޅު ގްރޫޕް އަދި ގްރޫޕް މަދަހަ: ޓީމު ގަގުނަސް ތަރާނާ
* ފަރުދީ ބައިގެ 1 ވަނަ: ޢަބްދުލް ޖަލީލު އަޙްމަދު. (ޓީމު ހިއްވަރު)
* ފަރުދީ ބައިގެ 2 ވަނަ: ޔާޝާ ޢަބްދުއްރައްޒާޤު. (ޓީމު ގަގުނަސް ތަރާނާ)
* ފަރުދީ ބައިގެ 3 ވަނަ: ޢަލީ އަޙްމަދު (ޓީމު ގުލިސްތާން)
ފާފު ނިލަންދޫ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް ގުޅުން ބަދަހިކުރުމަށްޓަކައި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ތަފާތު ޙަރަކާތްތައް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
މީގެ އިތުރުން، މިފަދަ އިޖުތިމާޢީ އަދި މުނިފޫހިފިލުވުމުގެ ޙަރަކާތްތަކުގެ ސަބަބުން މުވައްޒަފުންގެ މަސައްކަތުގެ މާޙައުލަށް ހެޔޮ ބަދަލުތަކެއް އައިސް، އިދާރީ ހިންގުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ކައުންސިލުން ދެކެއެވެ. ހަމައެހެންމެ، މުވައްޒަފުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ އަގުތައް އާލާކުރުމަށް ޚާއްޞަ އިސްކަމެއް ދީގެން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވެސް ކައުންސިލުން ވަނީ ނިންމާފައެވެ.















ޚިޔާލުތައް (0)