ދަރަނބޫދޫ ސިއްޙީމަރުކަޒުގެ އައު ޢިމާރާތް ނިންމަން ޙަވާލުކުރި ތާރީޚަށް ނުނިމި ދިގުލައިގެން ހިނގައްޖެ

ފ. ދަރަނބޫދޫ ސިއްޙީމަރުކަޒުގެ އައު ޢިމާރާތް އެއްބަސްވުމުގައިވާ މުއްދަތަށް ނުނިމި، މަސައްކަތް ދިގުލައިގެން ހިނގައްޖެއެވެ.
210 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށް ސަމާލް ކޮންސްޓްރަކްޝަނާ ޙަވާލުކުރި މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރިތާ މިހާރު ވަނީ 1 އަހަރު ވެފައެވެ. މި ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އަދި ޢިމާރާތުގެ ބިންގާ އަޅައި ރަސްމީކޮށް ޢަމަލީ މަސައްކަތް ފަށާފައިވަނީ އެ މަހުގެ 21 ވަނަ ދުވަހުއެވެ.
ދަރަނބޫދޫގެ ޞިއްޙީ ޚިދުމަތަށް އިންޤިލާބީ ބޮޑު ހެޔޮ ބަދަލެއް ގެނުވާނެ މި މަޝްރޫޢަކީ މި ސަރުކާރުން ދަރަނބޫދޫގައި މިހާތަނަށް ފަށާފައިވާ އެންމެ ބޮޑު މަޝްރޫޢެވެ. މިއީ ޖުމްލަ 4,812,633.22 (ހަތަރު މިލިއަން އަށްލައްކަ ބާރަހާސް ހަސަތޭކަ ތެތްތިރީސް ރުފިޔާ ބާވީސް ލާރި) ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި ޕްރޮޖެކްޓްގެ މަސައްކަތް ލަސްވާން ދިމާވި މައިގަނޑު ސަބަބަކީ، މަސައްކަތް ފެށުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މެދުއިރުމަތީގައި ފެށުނު ހަނގުރާމައިގެ ސަބަބުން ދިމާވި ދަތިތަކެވެ. މި ހަނގުރާމައިގެ އަސަރު ރާއްޖެއަށް ކޮށް، ޢިމާރާތްކުރުމަށް ބޭނުންވާ މުހިންމު ސާމާނު ކަމަށްވާ ހިލަ، ހިލަވެލި އަދި ސިމެންތި ރާއްޖެއިން ހުސްވެ، ތަކެތި ހޯދުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވިއެވެ. މީގެއިތުރުން، މަޝްރޫޢަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމުގައިވެސް އެންމެ އެދެވޭ ގޮތެއްގައި ކަންކަން ކުރިއަށް ނުދާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
ނަމަވެސް، މިފަދަ ގޮންޖެހުންތަކާއެކުވެސް މި ޕްރޮޖެކްޓްގެ މަސައްކަތް އެންމެ ދުވަހަކަށްވެސް މެދުކަނޑާނުލައި ކުރިއަށް ގެންދާކަން ފާހަގަކުރެވެއެވެ. މިހާރު ޢިމާރާތުގެ ރޭނުމުގެ މަސައްކަތް އެއްކޮށް ނިމި، ބޮޑުބައިގައި ސިމެންތި ޖަހައި، ފުރާޅު އަޅައި ވަނީ ހިޔާކޮށްފައެވެ. އަދި މިހާރު ކުރިއަށްދަނީ އެތެރޭގެ ބައެއް ބައިތަކުގައި ސިމެންތި ޖެހުމާއި ސީލިންގ ކުރުމަށްޓަކައި ފްރޭމް އެޅުމުގެ މަސައްކަތެވެ. ސީލިންގ ކުރުމަށް ބޭނުންވާ ބައެއް ސާމާނު މިހާރުވެސް ވަނީ ސައިޓަށް ގެންގޮސްފައެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް ދުވަހުން ދުވަހަށް ވިލަރެސްކޮށް ބަލަހައްޓަމުން ގެންދަނީ ސަމާލް ކޮންސްޓްރަކްޝަނާއި މިނިސްޓްރީ އޮފް ހެލްތުގެ އިތުރުން ދަރަނބޫދޫ ކައުންސިލް ގުޅިގެންނެވެ. މިހާރު މަސައްކަތް ކުރިއަށްދާ ދުވެއްޔަށް ބަލާއިރު، މުޅި މަޝްރޫޢު އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައެވެ.
މި މަޝްރޫޢަކީ ދަރަނބޫދޫ ސިއްޙީމަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކޮށް، ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި އައު ޢިމާރާތާއެކު މުޅިން އަލަށް ލެބޯޓަރީގެ ޚިދުމަތް ތަޢާރަފުވެ، ނަރުހުންގެ ސްޓޭޝަނަކާއި، ޕްރައިވެޓް ރޫމެއްގެ އިތުރުން ޖަލްސާކުރާ ހޯލެއް ޤާއިމުކުރެވިގެންދާނެއެވެ. އަދި ބަލިމީހުން ބާއްވާ ވާޑުގެ ޖާގަ ތަނަވަސްވެ، ޕަބްލިކް ހެލްތް ޔުނިޓަށް އެކަށީގެންވާ ޖާގަ ލިބިގެންދާނެއެވެ.
މި މަޝްރޫޢުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށްޓަކައި، ދަރަނބޫދޫ ކައުންސިލުން ދާދިފަހުން ވަނީ ކަމާބެހޭ އިދާރާތަކާ ބައްދަލުކުރައްވައި، މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.















ޚިޔާލުތައް (0)