ވިއްސާރަވެ އައްޑޫގެ ބައެއް ގެތަކަށް ބޮޑެތި ގެއްލުންތަކެއް!

ފުވައްމުލަކާއި އައްޑޫ ސިޓީއަށް ކުރި ބޯ ވިއްސާރައިގައި ފެންބޮޑުވެ 70 އަށްވުރެ ގިނަ ގެއަކަށް ގެއްލުންވެއްޖެއެވެ. ހާލުގައި ޖެހުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމް.އެން.ޑީ.އެފް އާއި އެން.ޑީ.އެމް.އޭ އިން ދަނީ ހަރަކާތްތެރިވަމުންނެވެ.
ދެކުނުގެ ދެ ސިޓީ ކަމަށްވާ ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ރަށްތަކަށް އިއްޔެއިންސުރެ ކުރަމުންދާ ބޯ ވިއްސާރައިގައި ފެންބޮޑުވެ، އެކި ވަރުގެ ގެއްލުންތައް ލިބުމާ ގުޅިގެން، ހާލަތު މޮނިޓަރކޮށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޚާއްޞަ މަސައްކަތްތަކެއް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާރވިސް އާއި ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) ގުޅިގެން ފަށައިފިއެވެ.
މި ވިއްސާރައިގައި އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ އައްޑޫ ސިޓީ ފޭދޫ، ގއ.އަތޮޅު އަދި ގދ. އަތޮޅުގެ ރަށްތަކަށެވެ.
ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްޞީލްތަކަށް ބަލާއިރު، އައްޑޫ ސިޓީ ފޭދޫން 70 އަށްވުރެ ގިނަ ގެއަކަށް ފެންވަދެ، ހިފާގެންގުޅޭ ތަކެއްޗަށާއި އިމާރާތްތަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.
މީގެ ތެރެއިން ހާލަތު އެންމެ ގޯސްވި ގެތަކުން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އެގޮތުން އައްޑޫ ސިޓީން ގެއެއްގައި ފެންބޮޑުވެ ޒަރޫރީ ބޭނުންތަކަށް ހުރަސްއެޅި ދިރިނޫޅޭވޭވަރަށް ޙާލަތު ގޯސްވުމުން އެ ގޭގައިދިރިއުޅޭ 08 މީހުން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އެހެން ތަންތަނަށް ބަދަލުކޮށްފައެވެ.
ފެންބޮޑުވުމުގެ ހާދިސާ ހިނގުމާއެކު، އެމް.އެން.ޑީ.އެފުން ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ. ސިފައިންނާއި، ރަށު ކައުންސިލްތަކާއި، އަދި އާންމު ރައްޔިތުން ގުޅިގެން 24 ގަޑިއިރު ވަންދެން ޕަންޕު ބަހައްޓައިގެން ފެންހިންދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ގެތަކަށް އިތުރަށް ފެންވަނުން ހުއްޓުވުމުގެ ގޮތުން ރަށުގެ އެކި ސަރަހައްދުތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ.
އެން.ޑީ.އެމް.އޭ އިން މައުލޫމާތު ދޭ ގޮތުގައި، ވިއްސާރައިގެ ސަބަބުން ގެއްލުން ލިބުނު އާއިލާތަކަށް ބޭނުންވާ ޒަރޫރީ އެހީތެރިކަމާއި، ކާބޯތަކެއްޗާއި، ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މިހާރު ވެސް ދަނީ ވިލަރެސް ކުރެވެމުންނެވެ.
މިފަދަ މޫސުމީ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށްޓަކައި، ހުރިހާ ފަރާތްތަކުންވެސް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރިޓީ އިން އިލްތިމާސްކުރެއެވެ.















ޚިޔާލުތައް (0)