ގަސް ހެއްދުމަށް ނާސަރީ ހަދާ ރަށްތަކުގެ ލިސްޓުގައި ދަރަނބޫދޫ ހިމެނިއްޖެ

ސަރުކާރުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ތެރެއިން، ގަސް ހެއްދުމަށް ނާސަރީ ގާއިމުކުރުމަށް ފުރުސަތު ދިން 10 ރަށުގެ ތެރޭގައި ފ. ދަރަނބޫދޫ ހިމެނިއްޖެއެވެ.
މިކަމާ ގުޅިގެން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގައި އިއްޔެ ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ނިލަންދޫ ދާއިރާގެ މަޖްލިސް މެމްބަރު ފާތިމަތު ސަޢުދާއާއި ދަރަނބޫދޫ ކައުންސިލްގެ ރައީސް ޢަބްދުލް ޙަމީދު އާދަމް ބައިވެރިވެލެއްވިއެވެ.
މި ނާސަރީތައް ހެދުމުގެ މައިގަނޑު ބޭނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދުމަށް ވެވަޑައިގެންފައިވާ ވަޢުދު ފުއްދުމަށް ބޭނުންވާ ގަސްތައް ރަށްރަށުގައި ހެއްދުމެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 1 މިލިއަން ގަސް އިންދުން ކަމަށެވެ. އަދި މިހާތަނަށް މުޅި ރާއްޖޭގައި 6 ލައްކައަށް ވުރެ ގިނަ ގަސް އިންދިފައިވާ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން ނާސަރީ ހެދުމަށް ދަރަނބޫދޫ ހަމަޖެހުމާއި ގުޅިގެން، ރަށު ކައުންސިލުން ވަނީ މިދިޔަ ހަފްތާގައި ރަށުގެ އެކި މުއައްސަސާތަކާ ބައްދަލުކޮށް މިކަމުގެ މަޢުލޫމާތު ހިއްސާކޮށްފައެވެ.
ދަރަނބޫދޫ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި މި ނާސަރީ އެޅުމަށްޓަކައި ރަށުން 5,000 އަކަފޫޓުގެ ބިމެއް ކަނޑައަޅަންޖެހެއެވެ. އެގޮތުން ކައުންސިލްގެ ވިސްނުން ހުރީ ރަށުގެ އިންޑޯ ހޯލުގެ އުތުރުން ސްޕޯޓްސް އެރީނާއަށް ޚާއްސަކޮށްފައިވާ ސަރަޙައްދު މިކަމަށް ހަމަޖެއްސުމަށެވެ.
ކައުންސިލުން އިތުރަށް ބުނީ، މި ނާސަރީގެ ޒަރީއާއިން ހިޔާ ލިބޭ ބޮޑެތި ގަސްތަކާއި، ރާއްޖެއިން ނެތެމުންދާ ވައްތަރުތަކުގެ ގަސްތައް ހައްދައި ރަށް ފެހިކުރުމުގެ އިތުރުން، އެ ގަސްތައް އެހެން ރަށްރަށަށް ފޮނުވައިގެން ރަށަށް އާމްދަނީ އިތުރުކުރުމުގެ ވިސްނުން ވެސް ގެންގުޅޭ ކަމަށެވެ.
ދަރަނބޫދޫގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ރަށުގެ މުއައްސަސާތަކާއި ގުޅިގެން ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންދާކަން ފާހަގަކުރަމުން ކައުންސިލުން ހާމަކުރި ގޮތުގައި، މިހާތަނަށް ދަރަނބޫދޫގައި، މި ޕްރޮގްރާމްގެ ދަށުން 25,000 އަށް ވުރެ ގިނަ ގަސް ވަނީ އިންދާފައެވެ.















ޚިޔާލުތައް (0)