ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ތުއްތު ޒީވާ ނިޔާވެއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް 7 ކައިރީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އުމުރުން އެންމެ 9 އަހަރުގެ ތުއްތު ޒީވާ ނިޔާވެއްޖެއެވެ. ޒީވާ ނިޔާވެފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.
އާއިލާއިން މައުލޫމާތު ދިން ގޮތުގައި، އެކްސިޑެންޓާ ގުޅިގެން ޒީވާއަށް އެންމެ ފުރަތަމަ ފަރުވާދިނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. ނަމަވެސް ހާލު ސީރިއަސްވުމުގެ ސަބަބުން އިތުރު ފަރުވާއަށް އައިޖީއެމްއެޗް އަށް ބަދަލުކޮށް، ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް ޒީވާ ވަނީ މިދުނިޔެ ދޫކޮށްފައެވެ.
ފުލުހުން ވިދާޅުވެފައިވާ ގޮތުގައި، އެ ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖްތަކުން ފެންނަ ގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ވިނަރެސް 7 ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން އުޅުނު އެ ކާރުގެ ޑްރައިވަރުގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ. އެ ވަގުތު ސައިކަލު ދުއްވަން އިނީ ޒީވާގެ 18 އަހަރުގެ ބޮޑުދައިތައެކެވެ. އަދި ޒީވާ އިނީ އެ ސައިކަލުގެ ފަހަތުގައެވެ.
ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑް 3 ގައި ތައުލީމު ހާސިލުކުރަމުން ދިޔަ ޒީވާ އަކީ ފ. ދަރަނބޫދޫ އަށް ނިސްބަތްވާ މަންމައެއްގެ ދަރިއެކެވެ.
ޒީވާގެ ހަޔާތުގެ ބޮޑުބައި ރަށުން ބޭރުގައި ހޭދަކޮށްފައި ވީނަމަވެސް، މި ހިތާމަވެރި ވަކިވުމާއެކު ދަރަނބޫދޫގެ މުޅި ރައްޔިތުންނަށް ވަނީ ފުން ހިތާމައެއް ލިބިފައެވެ. ޚާއްސަކޮށް، އެހާ ނުރައްކާތެރި ހާދިސާއެއްގައި، އެހާ ތުއްތު އުމުރެއްގައި ވަކިވެދިއުމަކީ އެންމެންގެ ހިތްތަކަށް ފުން އަސަރާއި މޮޅިވެރިކަން ގެނުވި ކަމެކެވެ.
ޒީވާގެ ކަށުނަމާދު އޮތީ މިއަދުގެ މެންދުރު ނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.
އަޅަމެންގެ ދުޢާއަކީ މާތްﷲ ތުއްތު ޒީވާގެ ފުރާނައަށް ރަޙްމަތްލައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުމެވެ. އަދި މި ބޮޑު ހިތާމައިގެ ވަގުތުގައި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުމެވެ. އާމީން.













ޚިޔާލުތައް (0)