މީކާއީލް ސައިޒްކޮށް ދަރަނބޫދޫ ފޮށިން ކުރީގައި ނަޝީދު

ނިމިދިޔަ ހުކުރު ދުވަހު ބޭއްވުނު އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބުގައި، ފ. ދަރަނބޫދޫ ފޮށިން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބޮޑު ކާމިޔާބީއެއް ހޯއްދަވައިފިއެވެ.
އެމްޑީޕީ ދަރަނބޫދޫ ގޮފިން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން، މި އިންތިޚާބުގައި ނަޝީދު ވަނީ ޖުމުލަ 60 ވޯޓު ހޯއްދަވާފައެވެ. މިއީ އެމަނިކުފާނާ އެންމެ ގާތުން ވާދަކުރެއްވި މީކާއިލް އަޙްމަދު ނަސީމަށް ލިބުނު 7 ވޯޓަށްވުރެ 53 ވޯޓު އިތުރު އަދަދެކެވެ. މި އިންތިޚާބުގައި ދެން ވާދަކުރެއްވި އިބްރާހީމް މުޙައްމަދަށް ދަރަނބޫދޫ އިން އެއްވެސް ވޯޓެއް ލިބިފައެއް ނުވެއެވެ.
ދަރަނބޫދޫ ގޮފީގެ ނަތީޖާ ޝީޓަށް ބަލާއިރު، މި އިންތިޚާބުގައި ޖުމުލަ 67 މީހުން ވޯޓުލާފައިވެއެވެ. އަދި ވޯޓުލީ މީހުންގެ ތެރެއިން އެއްވެސް ވޯޓެއް ބާތިލްވެފައި ނުވާކަން ފާހަގަކުރެވެއެވެ.
ނަޝީދަށް ލިބުނު މި ބޮޑު ކާމިޔާބީއާ ގުޅިގެން އެމްޑީޕީ ދަރަނބޫދޫ ގޮފިން ވަނީ ކެމްޕެއިންގައި ބައިވެރިވި މެމްބަރުންނަށް ޝުކުރު އަދާކޮށްފައެވެ. އެ ގޮފިން ބުނި ގޮތުގައި މި ކާމިޔާބީގެ ހަގީގީ ހައްޤުވެރިންނަކީ ގޮފީގެ ހިންގާ ކޮމެޓީއާއި ރަށުގެ ހީވާގި މެމްބަރުންނެވެ.
މުޅި ރާއްޖޭގައި ކުރިއަށްދިޔަ މި އިންތިޚާބުގެ ޖުމުލަ ނަތީޖާއަށް ބަލާއިރު، 50,000 އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވީ ނަމަވެސް، ވޯޓުލާފައިވަނީ 31,129 މީހުންނެވެ. މުޅި ރާއްޖެއިންވެސް ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް ނަޝީދެވެ. އެމަނިކުފާނަށް 21,301 ވޯޓު ލިބިވަޑައިގެންނެވިއިރު، މީކާއިލަށް ލިބިވަޑައިގަތީ 9,462 ވޯޓެވެ. އަދި އިބްރާހީމް މުޙައްމަދަށް ލިބުނީ 132 ވޯޓެވެ.
ރައީސް ނަޝީދު އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް މި އިންތިޚާބުވެވަޑައިގަތީ، 2023 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގައި ލިބިވަޑައިގެންނެވި ނާކާމިޔާބީއަށްފަހު އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެން ޕާޓީން ވަކިވެވަޑައިގަތުމަށްފަހު، އަލުން ޕާޓީއާ ގުޅިވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. އެމަނިކުފާނު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.















ޚިޔާލުތައް (0)