ފ. ދަރަނބޫދޫ ސްކޫލްގެ ދަރިވަރު މުލްހަމް ނިޔާވެއްޖެ؛ މުޅި ރަށަށް ބޮޑު ހިތާމައެއް

ފ. ދަރަނބޫދޫ ސްކޫލްގެ ގްރޭޑް 9 ގައި ކިޔަވަމުންދިޔަ އުމުރުން 15 އަހަރުގެ މުލްހަމް މުޙައްމަދު، އިންޑިއާގެ ކިމްސް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިރޭ އިރާކޮޅުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.
މުލްހަމް ނިޔާވީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު، އިންޑިއާގެ ޓްރިވަންޑްރަމްގައި ހުންނަ ކިމްސް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. މީގެ މަދު އަހަރުތަކެއް ކުރިން ވަރަށް ސިއްޙަތު ރަނގަޅަށް ހުރި މުލްހަމް ބަލިވީ ވަރަށް ކުއްލިއަކަށެވެ. ބަލިވި ފަހުން ވަރަށް ގިނަ ފަހަރު ޑަކްޓަރުންނަށް ދައްކައިގެން ފަރުވާ ހޯދި ނަމަވެސް، އެދެވޭ ހައްލެއް ނުލިބި ބަލި ދިގުލައިގެން ދިޔައީއެވެ.
މުލްހަމްގެ ހާލަތު މާބޮޑަށް ގޯސްވީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. ދަރަނބޫދޫ ސިއްޙީ މަރުކަޒާއި ފ. އަތޮޅު ހޮސްޕިޓަލުން މުލްހަމަށް ދެވޭނެ އިތުރު ފަރުވާއެއް ނެތުމުގެ ސަބަބުން، އިމަޖެންސީގައި މާލެ ފޮނުވާލެވުނީ މާރިޗު މަހުގެ 13 ވަނަ ދުވަހުއެވެ. މާލޭގައި އައިޖީއެމްއެޗްގެ އައިސީޔޫގައި ބާއްވައިގެން ގާތްގަނޑަކަށް 22 ދުވަސް ވަންދެން ފަރުވާ ދިން ނަމަވެސް، ހާލަތަށް އެދެވޭ ކުރިއެރުމެއް ނުލިބުމުން ޑަކްޓަރުންގެ ލަފަޔާއެކު އާއިލާއިން މުލްހަމް އިންޑިއާއަށް ގެންދިޔައީ އޭޕްރީލް މަހުގެ 3 ވަނަ ދުވަހުއެވެ.
އިންޑިއާގެ ކިމްސް ހޮސްޕިޓަލަށް ގެންދިޔަ ފަހުންވެސް މުލްހަމްގެ ފަރުވާގެ ބޮޑުބައެއް ކުރިއަށްދިޔައީ އައިސީޔޫގައެވެ. މި މުއްދަތުގެ ތެރޭގައި ކައިރިކައިރީގައި ބޮޑެތި ގިނަ އޮޕަރޭޝަންތަކެއްވެސް ކުރިކަމަށް މަޢުލޫމާތު ލިބެއެވެ. ވަރަށް ފަހުން މުލްހަމްގެ ހާލަތު ކުޑަކޮށް ރަނގަޅުވެ، އައިސީޔޫން ޕްރައިވެޓް ރޫމަކަށް ބަދަލުކުރި ނަމަވެސް، މިރޭ ވަނީ މި ދުނިޔެ ދޫކޮށްފައެވެ.
މުލްހަމްގެ ކުއްލި ވަކިވުމާއެކު ދަރަނބޫދޫގެ ރައްޔިތުންނާއި، ސްކޫލްގެ ދަރިވަރުންނާއި މުދައްރިސުންނަށް ވަނީ ފުން ހިތާމައެއް ކުރިމަތިވެފައެވެ. މީސްމީޑިއާގައި ގިނަ ބަޔަކު ދަނީ މުލްހަމްގެ އާއިލާއަށް ތައުޒިޔާ ކިޔައި، ހިތާމައިގައި ބައިވެރިވަމުންނެވެ.















ޚިޔާލުތައް (0)