ފ. ދަރަނބޫދޫ: ވާހަކަ ދެއްކުމާއި އަޑުއިވުމުން މަޙްރޫމްވެފައިވީ ނަމަވެސް، އަމިއްލަ ހިތްވަރާއި ހުނަރުން ގިނަބައެއްގެ ލޯބި ހޯދާފައިވާ ފ. ދަރަނބޫދޫ، ޒަޢީމަށް ސަރުކާރުގެ ރަސްމީ ވަޒީފާއެއް ހަމަޖެހި، މިއަދު އޭނާ ވަޒީފާއަށް ނިކުންނަން ފަށައިފިއެވެ.
ޒަޢީމަށް މި ފުރުޞަތު ފަހިވެގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، ”ޚާއްސަ އެހީއަށް ބޭނުންވާ، ވަޒީފާ އަދާކުރަން ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ދައުލަތުގެ ތެރެއިން ވަޒީފާ ޔަޤީންކޮށްދިނުން“ މި ސިޔާސަތުގެ ދަށުންނެވެ. ޒަޢީމަށް ހަމަޖެހިފައިވަނީ ފ. ދަރަނބޫދޫ ސިއްޙީ މަރުކަޒުގެ ހެލްތުކެއަރ އެޓެންޑެންޓް – ގްރޭޑް 1 ގެ މަޤާމެކެވެ.
ޒަޢީމަކީ ދަރަނބޫދޫގައި ނަންހިނގާ، ނުހަނު ހުނަރުވެރި ޒުވާނެކެވެ. އޭނާއަކީ ރޭނުމާއި، ވަޑާންކުރުމާއި، ކަރަންޓް މަސައްކަތްތަކުގެ އިތުރުން ފަރުނީޗަރު ރޭވުން ފަދަ އެތައް މަސައްކަތެއް އަމިއްލައަށް ކޮށްއުޅޭ މުރާލި މަސައްކަތްތެރިއެކެވެ. ރަށުގެ އިޖްތިމާޢީ ކަންކަމުގައާއި މުވައްސަސާތަކަށް އެހީތެރިވުމުގައި ޒަޢީމަކީ އަބަދުވެސް ނަމޫނާ ފަރާތެކެވެ.

ޚާއްސަކޮށް، ދަރަނބޫދޫ ސިއްޙީ މަރުކަޒަށް އެކި ގޮތްގޮތުން ހިލޭސާބަހަށް ގިނަ ޚިދުމަތްތަކެއް ޒަޢީމް ވަނީ ކޮށްދީފައެވެ. އަމިއްލަ ހިތްހަމަޖެހުމަށްޓަކައި މަރުކަޒަށް ޒިޔާރަތްކޮށް، މުވައްޒަފުންނާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ޒަޢީމްގެ ޚިދުމަތުގެ އަގުވަޒަންކޮށް، 2022 ވަނަ އަހަރު އެ މަރުކަޒުން ވަނީ އޭނާއަށް ޚާއްސަ އެވޯޑެއްވެސް އަރުވާފައެވެ.
މިއަދު ހެނދުނު ޒަޢީމް ރަސްމީކޮށް ވަޒީފާއަށް ނިކުތުމުން، ސިއްޙީ މަރުކަޒުގެ ހުރިހާ މުވައްޒަފުން ވަނީ އޭނާއަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. މަރުކަޒުގެ އާއިލާއާ ޒަޢީމް ގުޅުމުން މުވައްޒަފުން ވަނީ ނުހަނު ބޮޑު އުފަލެއް ފާޅުކޮށްފައެވެ.
މި ޚަބަރު މީސްމީޑިއާގައި ފެތުރުމާއެކު، ރަށުގެ ރައްޔިތުންނާއި ގިނަ އަދަދެއްގެ މީހުން އަންނަނީ ޒަޢީމަށް މަރުޙަބާ ކިޔަމުންނެވެ. ގިނަ ބަޔަކު އޭނާއަށް ގުޅައި ހިތްވަރު ދެމުންދާއިރު، މިއީ ޒަޢީމްގެ ހިތްހެޔޮކަމާއި އިޚްލާސްތެރިކަމަށް ލިބުނު ޙައްޤު ކާމިޔާބީއެއްގެ ގޮތުގައި ގިނަބަޔަކު ސިފަކުރެއެވެ.
ޒަޢީމްގެ އާއިލާއިން ބުނިގޮތުގައި، އޭނާއަކީ އަބަދުވެސް ވަޒީފާއެއް އަދާކުރުމަށް ނުހަނު ޝައުޤުވެރިކަން ހުންނަ މީހެކެވެ. ސިއްޙީ މަރުކަޒުން އިސްނަގައިގެން މި ފުރުޞަތު ހޯދައިދިނުމުން، އާއިލާއިން ވަނީ އެކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ.
ދަރަނބޫދޫގެ ގިނަ ރައްޔިތުން ތިބީ ޒަޢީމް ފަދަ ހީވާގީ ދަރިއަކަށް ރަސްމީ ވަޒީފާއެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ރައީސް ޑރ. މުޢިއްޒުގެ ޚާއްސަ ސިޔާސަތުގެ ދަށުން މިއަދު މިވަނީ އެ އުންމީދުގައި ކުލަޖެހިގެން ގޮސްފައެވެ.