ދަރަނބޫދޫއަށް އަންނަމުންދާ ހެޔޮބަދަލުތައް އެހުރީ ލޮލަށް ފެންނަން: މިނިސްޓަރު ޚަލީލް

Dhanews Logo

ދަރަނބޫދޫއަށް އަންނަމުންދާ ހެޔޮބަދަލުތައް އެހުރީ ލޮލަށް ފެންނަން: މިނިސްޓަރު ޚަލީލް

L 2024 02 18 115340 8ovui7t2rf561gwx4l9mapsjdcqybnzehk3 En

ދަރަނބޫދޫއަށް އަންނަމުންދާ ހެޔޮބަދަލުތައް އެހުރީ ލޮލަށް ފެންނަން: މިނިސްޓަރު ޚަލީލް

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް 2 މިނިޓުން

ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް މިވީ 5 ވަރަކަށް މަސްތެރޭގައި ދަރަނބޫދޫއަށް އަންނަމުންދާ ހެޔޮބަދަލުތައް އެރަށު ރައްޔިތުންނަށް ފެންނަން ފަށާފައިވާކަމަށް މި ސަރުކާރުގެ ސިއްޙަތާއިބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ޑރ. ޚަލީލް މިފަދައިން ވިދާޅުވީ ނިލަންދޫ އަދި ދަރަނބޫދޫގެ ރައްޔިތުންނާއެކު މިރޭ ފ. ނިލަންދޫގައި ކުރިއަށް ގެންދެވި ފާތިމަތު ސައުދާގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ. ޚަލީލް ވިދާޅުވީ ދަރަނބޫދޫ ސިއްޙީމަރުކަޒުގެ އިސްވެރިންނާއި، ދަރަނބޫދޫ ކައުންސިލާއި ރައްޔިތުންގެ ތެރެއިން ބަޔަކު އެމަނިކުފާނާއި ދާދިފަހުން ބައްދަލު ކުރައްވާފައިވާ ކަމަށާއި، އެ ބައްދަލުވުމުގައި ޚިދުމަތަށް ދަތިވާ ކަންކަމާއި ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވާފައިވާކަމަށެވެ. އެޝަކުވާތައް އަޑުއައްސަވައި އެކަންކަން ޙައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

“ތިބޭފުޅުން ބައްލަވާ މިއަދުގެ ޙާލަތު! މިއަދު އައިރު ދަރަނބޫދޫ ސިއްޙީމަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތްވަނީ ފެށިފައި. ޑރ. ޚަލީލް

ވަޒީރު އިތުރަށް ވިދާޅުވީ ދަރަނބޫދޫ ސިއްޙީމަރުކަޒު އަޕްގްރޭޑް ކުރުމުގެ ބައެއް މަސައްކަތް މިހާރުވާނީ ރައްޔިތުންގެ ލޮލަށް ފެންނަން ފަށާފައިވާކަމަށާއި، ބައެއް މަސައްކަތް މިހާރުވަނީ ނިމިފައިކަމަށެވެ. ނިމިފައިވާކަމަށް ވަޒީރު އެވިދާޅުވެލެއްވީ އިއްޔެ ދަރަނބޫދޫއަށް ގެނެވުނު އެމްބިއުލޭންސްގެ ވާހަކަފުޅެވެ.

ދަރަނބޫދޫއިން އެމަނިކުފާނާއި ބައްދަލުކުރެއްވި ވަފުދުގެ ބޭފުޅުން އެމްބިއުލޭންސްގެ ޙާލަތު ކިޔައިދެއްވިކަމަށާއި، އެމްބިއުލޭންސް ކުޑަކަމުން ބައެއް ބަލިމީހުން އަރުވާއިރު އެބަލިމީހާގެ ފައި ބޭރުގައި އޮންނަކަމުގެ ޝަކުވާ ލިބިލެއްވިކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެން ނަމަވެސް މިހާރު ދަރަނބޫދޫގައި އެންމެ ޒަމާނީ ފެންވަރު ރަނގަޅު އެމްބިއުލޭންސެއް އޮންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ މިސަރުކާރުގެ ސްޕީޑްކަމަށާއި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާ ފަރާތްތަކުގައި އެ ސްޕީޑް ހުރެގެން ނޫނީ ރައްޔިތުން ބޭނުންވާ ކަންކަންކުރުމުގެ ޤާބިލްކަމެއް ނާންނާނެކަމަށާއި އަދި އެއީ ކޮންމެ ކޮންމެ މީހަކު މަޖިލީހަށް އިންތިޚާބުކޮށްގެން ކުރެވޭނޭ ކަންތައްތަކެއްވެސް ނޫންކަމަށް ވިދާޅުވިއެވެ.

“ދަރަނބޫދޫ ރައްޔިތުންނަށް ދޭންބޭނުންވާ އަނެއް އުފާވެރި ޚަބަރަކީ ސިއްޙީމަރުކަޒުގެ އެކްސްޓެންޝަން އައު އިމާރާތެއް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަން: ޑރ. ޚަލީލް

ޑރ. ޚަލީލް ވިދާޅުވީ ސިއްޙީމަރުކަޒުގެ ޖާގައިގެ ދަތިކަން ޙައްލުކުރެއްވުމަށް މަރުކަޒު ގޯތީގައި އައު އިމާރާތެއް އެޅުމަށް ވަރަށް އަވަހަށް އިޢުލާނު ކުރައްވާނެކަމަށާއި، އެތަނުގެ ކުރެހުމުގެ މަސައްކަތްތައް މިހާރު ކުރިއަށް ދާކަމަށެވެ. އަދި މިއަދުގެ ސަރުކާރުން ކޮންމެ ދުވަހެއް ހޭދަކުރައްވަނީ ރައްޔިތުން ބޭނުންވާ ކަންތައްތައް ޙާސިލްކޮށްދިނުމަށް ކަމާށާއި، މި މަސައްކަތްތައް ހުއްޓާ ނުލައްވާނެކަމަށެވެ.

ދަރަނބޫދޫ ސިއްޙީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތަކަކީ އެތަނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލު ހޯދުމަށް ސިއްޙީމަރުކަޒުން އެދިލެއްވުމުން ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ޕްރޮޖެކްޓެވެ. އެގޮތުން މި ޕްރޮޖެކްޓް ނިމޭއިރު، ބަލިމީހުންގެ ވޯޑު ބޮޑުކޮށް ޖާގަ ތަނަވަސްކުރުމާއި، ޓެލެމެޑިސިންގ ފަދަ އައު ޚިދުމަތްތައް ފޯރުކޮށް ދިނުމަށް ބޭނުންވާ ޖާގަ ލިބުމުގެ އިތުރުން އިދާރީ އަދި ޕަބްލިކް ހެލްތުގެ މަސައްކަތްތަކަށް އެކަށީގެންވާ ޖާގައެއް ލިބި، މަރުކަޒަށް އިތުރަށް ބޭނުންވެފައިވާ މުވައްޒަފުން ހޯދުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެކަމުގެ މަޢުލޫމާތުވަނީ ލިބިފައެވެ.

ސިއްޙީމަރުކަޒު އަޕްގްރޭޑް ޕްރޮޖެކްޓްގެ ތެރެއިން ގިނަ މަސައްކަތްތަކެއް މިހާރުވަނީ ފެށިފައެވެ. އެގޮތުން ޚިދުމަތް ދިނުމަށް ބޭނުންވާ އައު މެޝިނަރީޒް މަރުކަޒަށް ލިބިފައިވާއިރު، މުވައްޒަފުންނާއި ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކުރުމަށް މަރުކަޒުގެ ހުރިހާ ބައެއް އޭސީ ކުރުމުގެ މަސައްކަތްވެސް ވަނީ ފެށިފައެވެ. އެގޮތުން އޭސީކުރުމަށް މަރުކަޒުގެ ބޮޑުދޮރު ބަދަލުކުރުމުގެ މަސައްކަތް ބަޔަކާއި ޙަވާލުކޮށް މަސައްކަތުގެ ބޮޑުބައި ނިންމާފައިވާކަމަށާއި، ބައެއް ޚިދުމަތްތައް ފެށުމަށް ކަރަންޓްގެ ޙާލަތު ބަދަލުކުރަން ކޮންމެހެންވެސް ޖެހޭތީ، ތްރީފޭސް ކަރަންޓަށް އަޕްގްރޭޑްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފެނަކައާއި ގުޅިގެން ކުރިއަށް ގެންދަން ފަށާފައިވާކަމުގެ މަޢުލޫމާތު ލިބެއެވެ.

މިރޭ ބޭއްވުނު ޖަލްސާގައި ޑރ. ޚަލީލް އިތުރަށް ވިދާޅުވީ ނިލަންދޫއަށް ލިބޭ ކޮންމެ ތަރައްޤީއެއްގައި ދަރަނބޫދޫ ރައްޔިތުން ޝާމިލްވާނެކަމަށާއި އަދި ދަރަނބޫދޫއަށް ލިބޭ ކޮންމެ ކުރިއެރުމެއްގައި ނިލަންދޫ ރައްޔިތުންވެސް ބައިވެރިވާނޭ ކަމަށާއި، މި ދެރަށުގެ ރައްޔިތުންނަކީ އެއްބަނޑު އެއްބަފާ އެއްބައެއްވަންތަ ބައެއްގޮތުގައި ކުރިއަރައިދާތަން އެމަނިކުފާނަށް ފެންނަކަމަށެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި