ދަރަނބޫދޫއިން ގެވަޅު ދޫކުރުމުގެ ހުއްދަދޭން ވަނީ ނިންމާފައި: މިނިސްޓަރ އަސްލަމް

ދަރަނބޫދޫއިން ގެވަޅު ދޫކުރުމުގެ ހުއްދަދޭން ވަނީ ނިންމާފައި: މިނިސްޓަރ އަސްލަމް

Gevalhu

ދަރަނބޫދޫއިން ގެވަޅު ދޫކުރުމުގެ ހުއްދަދޭން ވަނީ ނިންމާފައި: މިނިސްޓަރ އަސްލަމް

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ބޯހިޔާވަހި ކަމަކީ ވަރަށް އަވަސް ޙައްލެއް ބޭނުންވެފައިވާ މައްސަލައެއް ކަމަށާއި، ގޯތި ދޫކުރުމަށް އެދި ހައުސިންގ މިނިސްޓްރީގައި ދަންނަވާފައިވާ 14 ރަށަކަށް އެ ހުއްދަ ދިނުމަށް ނިންމާފައިވާކަމަށް މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ގޯތިދޫކުރުމަށް ހުއްދަ ދޭން ނިންމާފައިވާކަމަށް އިޢުލާނުކުރެވުނު 14 ރައްތަކުގެ ތެރޭގައި ދަރަނބޫދޫ ހިމެނެއެވެ.

މިއަދު ކުރިއަށްދިޔަ ބައްދަލުވުމުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ ރަށްރަށުން ގޯތި ދޫކުރުމަށް ލޭންޑް ޔޫސް ޕްލޭނެއް ބޭނުންވާ ކަމަށާއި، މި ޕްލޭންގައި ގޯތި ދޫކުރާނެ ތަންތަން ކަނޑައަޅާފައި ހުންނާނެކަމަށެވެ. އަދި މިނިސްޓްރީން މަސައްކަތް ކުރާނީ ކައުންސިލްތަކުން ހުށަހަޅާ މި ޕްލޭންތަކާ އެއްގޮތަށް ކަމަށާއި، މިހާތަނަށް ލޭންޑް ޔޫސް ޕްލޭން އެކުލަވާލައި ނިމިފައިވާ ރަށްތަކަށް މި ހަފްތާ ތެރޭގައި ގޯތި ދޫކުރުމުގެ ހުއްދަ ދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ދަނިއުސް އިން ދަރަނބޫދޫ ކައުންސިލްއަށް ގުޅުމުން، އެކައުންސިލްގެ ވަގުތީ ސެކެޓްރީ ޖެނެރަލް އަޙުމަދު އާމިރު ވިދާޅުވީ، ދަރަނބޫދޫ ކައުންސިލުން ލޭންޑް ޔޫސް ޕްލޭން އެކުލަވާލާފައި އޮންނަތާ ވަރަށް ދުވަސް ވެއްޖެކަމަށާއި، އެ ޕްލޭންގެ ދަށުން މީގެ ކުރިން އެކިއެކި ބޭނުންތަކަށް ބިންވެސް ދޫކޮށްފައިވާކަމަށެވެ.

އެސް.ޖީ އާމިރު އިތުރަށް ވިދާޅުވީ މިކައުންސިލުން މީގެ ކުރިންވެސް ރަށުން 30 ގޯތި ދޫކުރުމަށް އެދި މިނިސްޓްރީއަށް ހުށަހެޅިކަމަށާއި، އޭރު އެމަސައްކަތް ކާމިޔާބުނުވި ނަމަވެސް، ގޯތި ދޫކުރުމަށް ހުއްދަދޭން ނިންމާފައިވާ ރަށްތަކުގެ ތެރޭގައި ދަރަނބޫދޫ ހިމެނޭކަން ފާހަގަކުރައްވާފައިވާތީ ލަސްތަކެއްނުވެ، އެކަން ހަމަޖެހިގެންދާނެ ކަމަށް ޤަބޫލުކުރެއްވޭކަމަށެވެ. އަދި މި ހަފްތާގައި ބޭއްވޭ ކައުންސިލަރުންގެ ބައްދަލުވުމުގައި މިކަން އެޖެންޑާ ކުރެވިފައިވާކަމަށް އެސް.ޖީ ވިދާޅުވިއެވެ.

ދަރަނބޫދޫ ކައުންސިލުން އެކުލަވާލާފައިވާ ލޭންޑް ޔޫސް ޕްލޭންގައި މިފަހަރު ގެވަޅުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެފަހުން ދޫކޮށްފައިވާ ގޯތިތަކާއި ޖެހިގެންނެވެ. އެއީ ރަށުގެ ދެކުނު ފަރާތުން ހުސްކޮށްހުރި ބިންތަކުންނެވެ.

ރަށްރަށުން ގެވަޅު ދޫކުރުމާއި ބެހޭގޮތުން ހައުސިންގް މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އަސްލަމް ކުރިން ވިދާޅުވެފައިވަނީ އެކިއެކި ސަބަބުތަކާއިހުރެ ރަށްރަށުން މީހުން ބަދަލުވުމުގެ ސަބަބުން ފަޅުގޯތިތައް އިތުރުވެފައިވާކަމަށާއި އެއީ ކަންބޮޑުވުމެއްކަމަށެވެ. އެހެން ނަމަވެސް ފަޅުގޯތިތަކެއް ހުރިއޭބުނެ، ރަށުގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ނުލިބޭގޮތަށް ޢަމަލުކުރުމުގެ ޚިޔާލެއް ސަރުކާރުން ނުގެންގުޅޭ ކަމަށާއި ރަށްރަށުން ގޯތި ބޭނުންވެގެން މީހުން އުޅޭއިރު، ގޯތި ދޫކުރުން ހުއްޓުވައިގެން އުޅުމުގެ ޚިޔާލެއްވެސް ނެތްކަމަށް މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރ އަސްލަމް ވަނީ ފާހަގަކުރައްވާފައެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި