ދަރަނބޫދޫ ކައުންސިލަށް ލޯގޯއަކާއި ދިދައެއް ފަރުމާކުރުމަށް އަނެއްކާވެސް އިޢުލާނުކޮށްފި

ދަރަނބޫދޫ ކައުންސިލަށް ލޯގޯއަކާއި ދިދައެއް ފަރުމާކުރުމަށް އަނެއްކާވެސް އިޢުލާނުކޮށްފި

Fdci

ދަރަނބޫދޫ ކައުންސިލަށް ލޯގޯއަކާއި ދިދައެއް ފަރުމާކުރުމަށް އަނެއްކާވެސް އިޢުލާނުކޮށްފި

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ފ. ދަރަނބޫދޫ ކައުންސިލަށް ދިދައަކާއި ލޯގޯއެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާނުކޮށްފިއެވެ. 2022 ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު އެ ކައުންސިލުން އާންމުކުރި އިޢުލާނުގައި ބުނެފައިވަނީ ދިދައާއި ލޯގޯ ފަރުމާކުރުމަށް ކުރިން ހުޅުވާލި ފުރުސަތާއި ގުޅިގެން އެކަށީގެންވާވަރަށް ޝަޢުޤުވެރިކަން ފާޅުކޮށްފައިނުވާ ކަމަށެވެ.

އެންމެ ފުރަތަމަ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ސުންގަނޑި ހަމަވިއިރު ދެފަރާތެއްގެ މަސައްކަތް ނިންމައި ކައުންސިލާއި ޙަވާލުކޮށްފައިވެއެވެ. އަދި މުއްދަތުގެ ފަހުން އިތުރު ދެފަރާތަކުން ދިދައަކާއި ލޯގޯއެއް ހުށަހަޅާފައިވެއެވެ. ރަށު ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި ލޯގޯއާއި ދިދަ ހުށަހަޅާފައިވަނީ ދަރަނބޫދޫ އަށް ނިސްބަތްވާ ދެ ފަރާތަކާއި ރަށުން ބޭރުން ދެފަރާތަކުންނެވެ. މީގެ ތެރެއިން ރަށުން ހުށަހެޅި ދެފަރާތުންވެސް ކުރެހުންތައް ހުށަހަޅާފައިވަނީ މުއްދަތުގެ ފަހުންނެވެ.

ކައުންސިލަށް ލިބިފައިވާ ކުރެހުންތަކާއި ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށް ޑިސެމްބަރު މަހު ކުރީކޮޅު ބައްދަލުވުމެއް ބާއްވާފައިވެއެވެ. މިބައްދަލުވުމުގައި ކައުންސިލް މެމްބަރުންގެ އިތުރުން، ދަރަނބޫދޫގައި ގްރެފިކް ޑިޒައިންކުރުމުގައި އުޅުއްވާ ފަރާތްތައް ބައިވެރިވުމަށް ދަޢުވަތު ދީފައިވެއެވެ. ދިދަ އާއި ލޯގޯ ހެދުމަށް އިތުރު ފުރުސަތަކަށް ކައުންސިލުން ހުޅުވާލާފައި މިވަނީ، މިބައްދަލުވުމުގައި ލިބުނު ޚިޔާލުތަކަށް ބެލުމަށްފަހުގައި ކަމުގައި ރަށުކައުންސިލުންވަނީ މަޢުލޫމާތު ދެއްވާފައެވެ.

ދަރަނބޫދޫ ކައުންސިލްގެ ލޯގޯ ތައްޔާރުކުރުމުގައި ތިރީގައި މިވާކަންކަމަށް ސަމާލުކަން ދިނުމަށް އިޢުލާނުގައި ބުނެފައިވެއެވެ.

  • އެއްވެސް މުވައްސަސާއަކުން ބޭނުންކުރަމުންދާ ދިދައާއި ލޯގޯގެ ކޮޕީއަކަށް ނުވުން.
  • އެއްވެސް ސިޔާސީ ޕާޓީއެއް ރަމްޒުކޮށްދޭ އެއްޗަކަށް ނުވުން
  • ރަށުގެ ޤަދީމީ ތާރީޚް ނުވަތަ ރަށަށް ނިސްބަތްވާ ޚާއްސަ ސިފަތަކެއް ރަމްޒުކޮށްދޭ އެއްޗަކަށްވުން
  • ބޭނުންކުރަންވީ ކުލަތައް (ޑަސްޓީ ގޯލްޑް، ރަތް ހުދު ފެހި)
  • –         2cm x 2cm އަށް ކުޑަކުރުމުން ލޯގޯގެ އަސްލު ނުގެއްލުން
  • މެޓަލްގައި ފަސޭހައިން ތައްޔާރުކުރެވޭ އަދި ލަކުޑިއަށް ފަސޭހައިން ބޭނުންކުރެވޭ ލޯގޯއަކަށްވުން
  • ބްލެކް އެންޑް ވައިޓް ހާޑު އަދި ސޮފްޓްކޮޕީ އެއްވެސް ހުށަހެޅުން
  • ދިދައާއި ލޯގޯއިން ރަމްޒުކޮށްދޭ ކަންކަން ބުނެދިނުން

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ލިޔުންތަކާއި ކުރެހުންތައް 2022 ޑިސެންބަރު މަހުގެ 27 ވަނަ ދުވަހުގެ 13:30ގެ ކުރިން ދަރަނބޫދޫ ކައުންސިލް އިދާރާއަށް ހުށަހެޅުމަށްވަނީ އަންގާފައެވެ. ހުށަހަޅާ ދިދައާއި ލޯގޯގެ ތެރެއިން ކައުންސިލުން ފާސްކޮށް ހޮވޭ ހުށަހެޅުމަކަށް ފަސްހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި