މިއަހަރުގެ އަޞްޙާ ޢީދު ގިނަ ޙަރަކާތްތަކާއެކު ކުލަގަދަކޮށް ފާހަގަކުރުމަށް ދަރަނބޫދޫ އޮޑިވެރިން ނިންމައިފިއެވެ. މިކަމާއި ގުޅިގެން ދަރަނބޫދޫއަށް ނިސްބަތްވާ އޮޑިވެރިންގެ ގުޅުމުން ނެރެފައިވާ އިޢުލާނުގައި ބުނެފައިވަނީ ރަށުގައި ވަޅުޖެހި ނެތެމުންދާ ޘަޤާފީ ކުޅިވަރުތައް ދިރުވައި މުޖުތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ނެގެހެއްޓުމުގެ މަޤުސަދުގައި މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގައިވެސް ބޮޑު ޢީދު ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް އެފަރާތުން ނިންމާފައިވާ ކަމުގައެވެ.
އެގޮތުން ޢީދުގެ ފޯރީގައި ވީހާވެސް ގިނަބަޔަކަށް ބައިވެރިވެވޭނެ އިންތިޒާމެއްގެ ދަށުން ކުޅިވަރުތައް ރާވައި، އެކަމަށް ޤަވާއިދުތަކެއްވެސް ވަނީ ހަދާފައެވެ. މިއިން އެއްވެސް ކުޅިވަރު ޙަރަކާތެއްގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.
އޮޑިވެރިންގެ ގުޅުމުން އިސްނަގައިގެން މިއަހަރުގެ އަޟްޙާ ޢީދާއި ދިމާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޙަރަކާތްތައް ޕްރޮމޯޓުކުރުމަށް އެކަމުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުންވަނީ ފޭސްބުކް ޕޭޖެއް ހަދައި އެ ޕޭޖްގައި ޢީދުގެ ޙަރަކާތްތައް ކުރިއަށް ގެންދާނެ ގޮތް ހާމަކޮށްފައެވެ. އެގޮތުން މިއަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޙަރަކާތްތަކަކީ:
- ކުރުފިލްމު ހެދުން:
މިއީ ފާފު އަތޮޅުގެ ކޮންމެ ރަށަކުންވެސް ބައިވެރިވެވޭ ގޮތަށް އިންތިޒާމް ހަމަޖައްސާފައިވާ މުބާރާތެކެވެ. އެގޮތުން މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކުރުފިލްމެއް އަމިއްލައަށް ތައްޔާރުކުރުމަށްފަހު މިމަހުގެ 27 ވަނަ ދުވަހުގެ 18.00ގެ ކުރިން ދަރަނބޫދޫ އޮޑިވެރިންގެ ފޭސްބުކް ޕޭޖަށް ފޮނުވަންޖެހޭނެއެވެ. މި ފިލްމަކީ 3 މިނެޓާއި 5 މިނެޓާއި ދެމެދުގެ ފިލްމަކަށް ވާންޖެހެއެވެ.
މީގެ އިތުރުން ކުރުފިލްމު ހެދުމުގައި ސަމާލުކަން ދޭންޖެހޭ ބައެއްކަންކަންވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން ފިލްމަށް ކިޔާނެ ނަމަކާއި ފިލްމުން މެސެޖެއް ލިބެންޖެހެއެވެ. އަދި މި ފިލްމަކީ އިޖްތިމާޢީ މިންގަނޑަށް ފެތޭ އަމިއްލަ އުފެއްދުމަކަށް ވާންޖެހެއެވެ.
މި ފިލްމުތަކަށް މާކްސް ދިނުމުގައި އުފެއްދުންތެރިކަމާއި، ހުށަހަޅައި ދިނުމުގެ ހުނަރާއި ފިލްމުން ފޯރުކޮށްދޭ މެސެޖްގެ މުހިންމުކަމާއި ފިލްމު ހަދާފައިވާ ކޮލެޓީއަށް މާކްސް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެންމެމޮޅު ފިލްމަކަށް 1000 ރުފިޔާ، ދެވަނައަށް ހޮވޭ ފިލްމަކަށް 500 ރުފިޔާ އަދި ތިންވަނައަށް ހޮވޭ ފިލްމަކަށް 300 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ކަނޑައަޅާފައެވެ.
- ޢީދު ފޮޓޯ މުބާރާތް:
މިއީ ޢީދާއި ގުޅިގެން ކުރިއަށް ގެންދާ އެކިއެކި ޙަރަކާތްތަކުގެ ފޮޓޯ ނެގުމުގެ މުބާރާތެކެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވާން ކުރީބައިގައި ރަޖިސްޓްރީ ވާކަށް ނުޖެހެއެވެ. އެ ދުވަހެއް ނުވަތަ ފޮޓޯ ފޮނުވުމަށް ކަނޑައަޅާފައިވާ އިވެންޓަކަށް ދީފައިވާ ވަގުތުގެ ތެރޭގައި އޮޑިވެރިންގެ ޕޭޖަށް ފޮޓޯ ފޮނުވުމުން ބައިވެރިވެވުނީ ކަމުގައި ބަލާނެއެވެ. މުބާރާތުގެ އިތުރު ތަފްޞީލަށް ބަލާއިރު، ފޮޓޯ ނަގަންޖެހޭ އިވެންޓްތަކެއް ކަނޑައަޅާފައި ވެއެވެ. އެއީ މާލި ޙަރަކާތުގެ ފޮޓޯއަކާ، މަސްރޭހުގެ ފޮޓޯއަކާ، ޢީދު ދުވަހު ކުރިއަށްދާ ޙަރަކާތެއް ނުވަތަ އެދުވަސް ރަމްޒުކޮށްދޭ ފޮޓޯއަކާ، ވަޅު ޢީދު ދުވަހު ނަގާ ފޮޓޯއެއް އަދި ބާރަދުވަހުގައި ނަގާ ފޮޓޯއެކެވެ. މިއިން ކޮންމެ އިވެންޓަކުން ހޮވޭ އެންމެ މޮޅު ފޮޓޯއަކަށް 250 ރުފިޔާގެ ފައިސާގެ އިނާމް ކަނޑައަޅާފައިވާއިރު، ކޮންމެ ފޮޓޯއެއްގައިވެސް އެފޮޓޯއެއް ނެގި ފަރާތުގެ ނަމާއި، ފޮޓޯ ނިސްބަތްވާ އިވެންޓްގެ ނަން ހުށަހަޅަންޖެހެއެވެ. މީގެ އިތުރުން ފޮޓޯ މުބާރާތުގެ ބައިވެރިންގެ ތެރެއިން “ދަރަނބޫދޫ ފޮޓޯގްރާފާރ އޮފް ދަ އިޔަރ” ހޮވައި އެފަރާތަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.
މިބައިތަކަށް އިނާމް ދިނުމުގައި މާކްސް ދިނުމަށް ކަނޑައަޅާފައިވާ އުސޫލަކީ، ބައިވެރިން ފޮނުވާ ފޮޓޯތައް ޕޭޖްގައި ޖަހައިދިނުމުން، ފޮޓޯތަކުގެ ތެރެއިން އެންމެ ގިނަ “ލައިކްސް” އަށް %50 އަދި ޖަޖުންގެ %50 އެވެ.
- އަށްޑުވަހުގެ ޙަރަކާތްތައް:
މިދުވަހު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އައްޑު އަސުރައް ބީރުއެރުން ނުވަތަ މާލި ނެރުމުގެ ޙަރަކާތެވެ. މި ޙަރަކާތް ފެށިގެން ކުރިއަށްދާނީ ޖުލައި މަހުގެ 29 ވަނަ ދުވަހު ހަވީރު 16.30 އިން ފެށިގެން 17.30 އަށް ކައުންސިލް އިދާރާގެ ކުރިމަތިންނެވެ. މިމުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ކުރިން އިންތިޒާމްކުރާ ފަރާތަށް އަންގަންޖެހެއެވެ.
ވަކި ޢުމުރު ފުރައެއް ކަނޑައަޅާފައިނުވާ މިމުބާރާތުގައި މާލި ޓީމެއްގައި ގިނަވެގެން ހިމެނޭނީ 5 މާލިކަމަށާއި، އިނާމް ދޭއިރު 2 ކެޓަގަރީއަކަށް މާކްސް ދިނުމަށް ނިންމާފައިވެއެވެ. އެގޮތުން އެންމެ މަޖާކޮށް ހުށަހަޅައިދޭ މާއްޔަކަށް 500 ރުފިޔާ އަދި އެންމެ މޮޅު މާއްޔަކަށްވެސް 500 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށްވަނީ ކަނޑައަޅާފައެވެ.
- ޙައްޖު ދުވަހުގެ ޙަރަކާތްތައް:
މިދުވަހުގެ ހުރިހާ ހަރަކާތެއްވެސް ރާވާފައިވަނީ ބަނދަރު ސަރަޙައްދުގައި ކުރިއަށް ގެންދިއުމަށެވެ. އެގޮތުން ހެނދުނު 9.00 ގައި އޮޑިވެރިންގެ މަސް ރޭސް ފެށުމަށް ނިންމާފައިވާއިރު މުބާރާތުގައި ބައިވެރިވާ ޓީމުތަކުގައި ގިނަވެގެން ހިމެނޭނީ 8 މީހުންނެވެ. މި މުބާރާތުގައި އެންމެ ބަރު މަހަށާއި އެންމެ ދިގުމަހަށްވެސް 500 ރުފިޔާ އަދި އެންމެ ގިނައިން މަސް ބާނާ ޓީމަކަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއްވަނީ ކަނޑައަޅާފައެވެ.
އިރު އޮއްސި 6 ޖަހާއިރު ބަނދަރު ސަރަޙައްދުގައި ޢީދު ހުޅު ރޯކުރާނެއެވެ. އަދި މިރޭގެ 8 ޖަހާއިރު މަސްރޭސް މުބާރާތުގައި ބައިވެރިން ބޭނި މަސްތައް ނީލަން ކިޔުމާއި ވިއްކުން ކުރިއަށް ގެންދިއުމަށް ރޭވިފައިވެއެވެ.
- ޢީދު ދުވަހުގެ ޙަރަކާތްތައް:
މި ދުވަހުގެ ފުރަތަމަ ޙަރަކާތަކީ ޢީދު ނަމާދުކުރުމެވެ. މި އަހަރުގެ އަޟްޙާ ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މަސްޖިދުލްތަޤުވާގައެވެ. އެއަށްފަހު ޢީދު ސަލާންކުރުމާއި ބަންގާޅު ދަތުރު އިވެންޓް ކުރިއަށް ދާނެއެވެ. މިއީ ދަރަނބޫދޫގައި ޢީދު ފާހަގަކުރުމަށް ވަރަށް ކުރީއްސުރެ ފޯރީގައި ކުރިއަށް ގެންދާ ޙަރަކާތެކެވެ. މިއީ ކުޑަކުދިންނަށް އަމާޒުކުރެވޭ ޙަރަކާތެކެވެ. އެގޮތުން ހެނދުނު 8.30 ގައި ކައުންސިލް އިދާރާގެ ކުރިމަތިން މި ޙަރަކާތް ފެށުމަށް ނިންމާފައިވާއިރު ބަންގާޅު ދަތުރު ދިއުމަށް އުޅަނދެއް ތައްޔާރުކުރަން ޖެހެއެވެ. އުޅަނދުތައް ބޭނުން ޑިޒައިނަކަށް ބޭނުން ސައިޒަކަށް ތައްޔާރުކުރެވިދާނެއެވެ. އެގޮތުން ތައްޔާރުކުރާ އުޅަނދުތަކުގެ ތެރެއިން އެންމެ ފުރިހަމަ އޮޑިއަކަށް 500 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ހަމަޖައްސާފައިވެއެވެ.
ދުވަހުގެ އިތުރު ޙަރަކާތްތަކަށް ބަލާލާއިރު ދެން އޮތީ އުމުރުން 40 އަހަރުން މަތީގެ ފިރިހެނުންނަށް ބާއްވާ ވޮލީ މެޗެކެވެ. އެ މެޗަށް ފަހު ހަމަ މި އުމުރުގެ އަންހެން ކަނބަލުންނަށް ބަށިމެޗެއްވެސް ރާވާފައިވެއެވެ. އެއަށްފަހު ޢީދުގެ ފޯރި ގަދަކުރުމަށް ކޮންމެ ދުވަހަކުވެސް 11.30 އިން ފެށިގެން ކުލަޖެހުން ކުރިއަށް ދާނެއެވެ.
- ވަޅުޢީދު ދުވަހާއި ބާރަ ދުވަހުގެ ޙަރަކާތްތައް:
މިއީ އޯގަސްޓް 1 އަދި 2 ވަނަ ދުވަހެވެ. މި 2 ދުވަހުގައިވެސް ޖުމުލަ ގޮތެއްގައި އިންތިޒާމް ކޮށްފައިވަނީ މަގުމަތީގެ ކުޅިވަރުތަކެވެ. ފޯރިގަދަ ގިނަ ކުޅިވަރުތަކެއް ގިނަ ބަޔަކަށް ބައިވެރިވެވޭނެ ގޮތަށް ރާވާފައިވެއެވެ. އެގޮތުން ގޯނިރޭސް، ގަސްކެނޑުން (ދަނޑިއެއްޖަހާގައި ވާއަތުން ކެނޑުން)، ހުނިގޭނުމާއި ވާދެމުން، ބަނަސް ކެއުން، ބުރަކަށީ ކުރެހުން، ޓައްޕަށް ފުށް އެޅުންކަހަލަ ތަފާތު ގިނަ ކުޅިވަރުތައް ރޭވިފައިވެއެވެ.
- ބީރުކަނޑާ ދުވަސް:
މިއީ ޢީދުގެ ޙަރަކާތްތައް ކުރިއަށް ގެންދާ ފަހު ދުވަހެވެ. އެއީ އޯގަސްޓް މަހުގެ 3 ވަނަ ދުވަހެވެ. މި ދުވަހުވެސް މަގުމަތީގެ ގިނަ ކުޅިވަރުތައް ރާވާފައިވެއެވެ. އެގޮތުން ގާޑިޔާ ދުއްވުން، ތިންފައިރޭސް، ހަންފެޅުމާއި ފެން ހަން އުކުންފަދަ ކުޅިވަރުތައް ހިމެނެއެވެ. މަގުމަތީގެ ކުޅިވަރުތައް ކުޅުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި ޤަވާއިދުތައް ކުޅިވަރުތައް ފެށުމުގެ ކުރިން ކިޔައިދޭގޮތައް ހަމަޖައްސާފައިވެއެވެ.
މިދުވަހުގައި ދެން އޮތީ ޢީދު ޝޯއެއް ބޭއްވުމެވެ. މި ޙަރަކާތް ކުރިއަށްދާނީ އެރޭ 8.30 އިން ފެށިގެން ދަރަނބޫދޫ ސްކޫލް ހޯލުގައެވެ. ޝޯއަށްފަހު ޢީދުގެ އެކިއެކި ޙަރަކާތްތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ. ދަރަނބޫދޫ އޮޑިވެރިންގެ ގުޅުމުން އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކޮށްފައިވާއިރު، ފާއިތުވީ އަހަރުވެސް އޮޑިވެރިން އިސްނަގައި ޢީދު ފާހަގަކޮށްފައިވެއެވެ. އޭގެ ފަހުގެ ތާރީޚެއްގައި މިދުވަސް އެންމެ ކުލަގަދަކޮށް ފާހަގަކޮށްފައިވަނީ 2010 ވަނައަހަރު ދަރަނބޫދޫ ޒުވާނުންގެ ކުލަބުން އިސްނަގައިގެންނެވެ. އެފަހުން ޢީދުތަކުގައި މަދުމަދުން ނަމަވެސް ކުޅިވަރުތައް ބޭއްވިފައިވީނަމަވެސް، ޢީދު އުފާ ދަރަނބޫދޫގައި ޚާއްސަވެގެން ގޮސްފައިވަނީ ހަމައެކަނި ފުޓުސަލް މުބާރާތް ބޭއްވުމަށެވެ. އޭގެ ސަބަބުން، ޢީދު ދުވަހެއްގެ ޙަޤީޤީ އުފާވެރިކަން ޚާއްސަގޮތެއްގައި އަރަމުން އަންނަ ކުޑަކުދިންނަށް ފެނިގެން ގޮސްފައެއް ނުވެއެވެ.