އެލްޖީއޭ ބޯޑު އިންތިޚާބު ޕީއެންސީން ކާމިޔާބުކޮށް، ދެ ގޮނޑިވެސް ކަށަވަރުކޮށްފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން ހޮވުމަށްޓަކައި މިއަދު ބޭއްވި އިންތިޚާބުގައި އިދިކޮޅު އެމްޑީޕީ ބަލިކޮށް، ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓުން ބޮޑު ކާމިޔާބީއެއް ހޯއްދަވައިފިއެވެ. މިއަދު ހެނދުނު 10:00 އިން ހަވީރު 4:00 އާ ހަމައަށް ކުރިއަށްދިޔަ މި އިންތިޚާބުގައި ޕީއެންސީން ވަނީ ވާދަކުރި ދެ ގޮނޑިވެސް ކާމިޔާބުކޮށްފައެވެ.
ލާމަރުކަޒީ ޤާނޫނުގައިވާ ގޮތުން އެލްޖީއޭ ބޯޑަށް ކައުންސިލަރުންގެ ތެރެއިން ތިން މެންބަރުން އިންތިޚާބުކުރަން ޖެހެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރެއްގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންގެ ތެރެއިން ހޮވޭ މެންބަރެކެވެ.
މީގެ ތެރެއިން ސިޓީ ކައުންސިލްތައް ތަމްސީލުކުރާ ގޮނޑިއަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް އެކަނި ކުރިމަތިލައްވާފައިވުމުން، އޭނާ ވަނީ އިންތިޚާބަކާ ނުލައި ބޯޑަށް ހޮވިވަޑައިގެންފައެވެ.
މިއަދު ވޯޓުލުން ކުރިއަށްދިޔަ ރަށު ކައުންސިލްތަކުގެ ގޮނޑިއަށް ވާދަކުރެއްވީ ފ. ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު (ޕީއެންސީ) އާއި ނ. މަނަދޫ ކައުންސިލްގެ ރައީސް ޢަލީ ޒާފިރު (އެމްޑީޕީ) އެވެ. މި ވޯޓުން ޕީއެންސީގެ ޢަލީ އަޙްމަދު ކާމިޔާބު ހޯއްދެވީ 314 ވޯޓާއެކުގައެވެ. އެމްޑީޕީގެ ޢަލީ ޒާފިރަށް ލިބިވަޑައިގެންނެވީ 227 ވޯޓެވެ.















ޚިޔާލުތައް (0)