ޚަބަރު

މުޅި ފޯކައިދޫ ކަރުނައިން ފޯކޮށްލުމަށްފަހު، ޒުވާން މާޙިދާ އަލްވަދާޢު ކިޔައިފި!

6 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
SM 41.55
ID Card
Liyuntherikan
އިޝްތިހާރު

ސޯސަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު ބޭރުފުށުގެ އަނިޔާތަކަށްވުރެ، އެތެރެހަށީގެ ޒަޚަމްތައް ފުންވެ، އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފުރާނަ ހިފަހައްޓަމުންދިޔަ ށ. ފޯކައިދޫ / މަގުމަތީގެ  ޢާއިޝަތު މާޙިދާ (26 އ) މިއަދު ހަވީރު ވަނީ މި ފަނާވަނިވި ދުނިޔެއަށް އަލްވަދާޢު ކިޔާފައެވެ.
މާޙިދާ އަކީ މޯލްޑިވްސް އިމިގްރޭޝަންގެ އެސިސްޓަންޓް އިމިގްރޭޝަން އޮފިސަރެއްގެ މަޤާމު އަދާކުރަމުންދާ ކުއްޖެކެވެ. މާޙިދާ ނިޔާވީ އެކްސިޑެންޓުގައި ބޮލަށް ލިބުނު ސީރިއަސް އަނިޔާތަކާ ގުޅިގެން ސިކުނޑި މަރުވުމުގެ ސަބަބުން، މިއަދު ހަވީރު 17:26 އެހާކަންހާއިރުއެވެ.

IMG 20260925
ޢާއިޝަތު މާޙިދާ އޭޑީކޭ ހޮސްޕިޓަލަށް ގެނައުން: ފޮޓޯ – ފޭސްބުކް ޕޭޖް

މި ކުއްލި ވަކިވުމުގެ ޚަބަރާއެކު، އޭނާގެ އުފަން ރަށް، ށ. ފޯކައިދޫއަށް މިއަދު ވެރިވެފައިވަނީ ބަޔާންކުރަންދަތި ފުން ހިތާމައަކާއި ފަޅުކަމެކެވެ. މުޅި ރަށް އޮތީ ބޯކަރުނުން ފޯވެފައެވެ. ރަށުގެ ކުދިބޮޑު އެންމެންގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހެމުންދާއިރު، ހިތްތަކަށް ވަނީ ފުން އަސަރެއް ކޮށްފައެވެ. މަގުތަކުމަތިންނާއި ގޯތިގެދޮރުން ފެންނަނީ ހިމޭންކަމެވެ. އެންމެންގެ މޫނުމަތިން ފެންނަނީ މާޔޫސްކަމާއި މިލާމޯޅިކަމެވެ. ރަށުގެ އުދަރެސް ވެސް މާޙިދާގެ ވަކިވުމުގެ ހިތާމައިގައި ބޯވިލާތަކުން ބައްދާލާފައިވާ ފަދައެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

މާޙިދާއަކީ މުޅި ފޯކައިދޫއަށް ބަލައިލި ކަމުގައިވިޔަސް، އޭނާގެ ރީތި އަޚުލާޤާއި ހިތްހެޔޮކަމުގެ ސަބަބުން އެންމެންގެ ލޯބި ހޯދާފައިވާ ނަމޫނާ ޒުވާނެކެވެ. މާތް، އަޚުލާޤު ރަނގަޅު ކުއްޖެކެވެ. މައިންބަފައިންނަށް ކިޔަމަންތެރި، އެމީހުންގެ ބަސްއަހާ، އަދި ޢާއިލާގެ އެންމެންނަށް އޯގާތެރިކަމާއެކު އަޅާލި ބަސްމަދު، މަޑުމައިތިރި ކުއްޖެކެވެ.

މާޙިދާގެ މައިންބަފައިންނާއި، ގާތްތިމާގެ މީހުންނާއި އަދި އެކުވެރިން މިއަދު އޭނާ ސިފަކުރަނީ ހިތްތަކުގެ ދިރުމެއްގެ ގޮތުގައެވެ. އޭނާގެ ވަކިވުމުން ރަޙުމަތްތެރިންގެ ހިތްތައް ވަނީ ކުދިކުދިވެފައެވެ. އެކުވެރިން ބުނާގޮތުގައި އޭނާއަކީ ދުވަހަކުވެސް މީހަކާ ދިމާލަށް ބާރަށް ބަހެއް ބުނެ، ހިތްބުރަކަމެއް ބޭއްވި ކުއްޖެއް ނޫނެވެ. ކޮންމެ މީހަކާވެސް ބައްދަލުކުރަނީ މޫނުމަތިން ފޫހިކަމެއް ނެތް، ތާޒާ ހިނިތުންވުމަކާއެކުގައެވެ.

އޭނާގެ މަޑުމައިތިރި ރާގާއި، އެހެން މީހުންނަށް އިޙުތިރާމްކުރުމުގެ މާތް ސިފައަކީ މިއަދު އެކުވެރިންގެ ހިތްތަކުން ފިލައިގެންދާނެ ހަނދާންތަކެއް ނޫނެވެ. ގާތްތިމާގެ މީހުންގެ ހިތްތަކުގައި މާޙިދާ ދޫކޮށްލާފައި އެދިޔައީ ދުވަހަކުވެސް ފޫނުބެއްދޭނެ ފަދަ ބޮޑު ހުސްކަމެކެވެ

އޭނާގެ ވަކިވުމުގެ ހިތާމައިގައި ބައިވެރިވެ، މޯލްޑިވްސް އިމިގްރޭޝަނުން ވެސް ވަނީ ޢާޢިލާއަށް ފުން ތައުޒިޔާ ފޮނުވާފައެވެ.

IMG 20260925
21 ސެޕްޓެމްބަރު 2026, ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓު: ފޮޓޯ ފޭސްބުކު ޕޭޖުން

މި ނުރައްކާތެރި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ދަންވަރު 1:50 އެހާކަންހާއިރު، ސޯސަން މަގު ސިޓީ ބޭކަރީ ކުރިމަތިން ދެ ސައިކަލެއް ޖެހިގެންނެވެ.

އެކްސިޑެންޓުވި އެއް ސައިކަލުގެ ފަހަތުގައި އިން މާޙިދާ، ބާރުގަދަ ލޮޅުމާއެކު މަގުމައްޗަށް ވިއްސައިގެން ގޮސް، ބޯ ފަޅައިގެން ދިއުމުގެ ސަބަބުން ބޮޑެތި އަނިޔާތަކެއް ލިބުނެވެ.

މި ޙާދިސާގައި ސައިކަލު ދުއްވަން ތިބި ދެ ފިރިހެނުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބި، އެތެރެހަށްޓަށް ލޭގުޅުން (އިންޓާނަލް ބްލީޑިން) އާއެކު މޫނުމަތީގެ ކަށިތައް ބިންދައިގެން ގޮސްގެން އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ސައިކަލު ދުއްވަން އިން ތ. ދިޔަމިގިލި, އައްސޭރި، މާހު ހަސަން (21އ) ހައްޔަރުކޮށްފައެވެ. ކްރިމިނަލް ކޯޓުން މިދިޔަ ބުދަ ދުވަހު ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

އިންވެސްޓިގޭޝަން އޮފިސަރު ކޯޓުގައި ވިދާޅުވި ގޮތުގައި، މާހު އަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ. އަދި އޭނާ ސައިކަލު ދުއްވާފައިވަނީ އާންމުންގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ބާރު ސްޕީޑުގައި ޒިގްޒެގް ކޮށެވެ. މީގެ އިތުރުން، ލައިސަންސް ނެތި ދުއްވުމުގެ ސަބަބުން މިއަހަރުގެ ތެރޭގައި އެކަނިވެސް ހަތަރު ފަހަރެއްގެ މަތިން ފުލުހުން އޭނާ ހުއްޓުވައި ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. ލިބިފައިވާ ސީސީޓީވީ ފޫޓޭޖާއި ހެކިތަކަށް ރިއާޔަތްކޮށް، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެތީ ކޯޓުން ވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ކަށުނަމާދާއި ޖަނާޒާގެ އިޢުލާން:
މާޙިދާގެ ކަށުނަމާދު އޮންނާނީ މާދަމާ (26 ސެޕްޓެމްބަރު 2026، ހޮނިހިރު ދުވަހު) ގެ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. އަދި ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ އާސަހަރާ ޤަބުރުސްތާނުގައެވެ.
މާޙިދާއަކީ އެންމެންގެ ލޯބި ހޯދާފައިވާ ހިތްހެޔޮ ޒުވާނަކަށް ވުމާއެކު، އޭނާގެ ވަކިވުމުގެ މި ހިތާމަވެރި ވަގުތުގައި، ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު އޭނާގެ ކަށުނަމާދާއި ޖަނާޒާގައި ބައިވެރިވެދިނުމަކީ ޢާއިލާގެ ވަރަށް ބޮޑު އެދުމެކެވެ. ޢާއިލާއިން އެދެނީ މި ހިތާމައިގައި ބައިވެރިވެ، މާޙިދާގެ ފުރާނައަށް ހެޔޮ ދުޢަކޮށްދިނުމަށެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ