ޚަބަރު

ފުލުހުންގެ ޚިދުމަތް އަތޮޅުތެރޭގައި އިތުރު ހަރުފަތަކަށް!

7 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
000 9b5f6a0c8a
ID Card
Liyuntherikan
އިޝްތިހާރު

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ދިނުމަށް ޚާއްސަކޮށްގެން 154 މަރުކަޒު ޤާއިމުކުރުމުގެ ބޮޑު މަޝްރޫއަކީ އަތޮޅުތެރޭގައި ފުލުހުންގެ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންގޮސް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ މިހެން ވިދާޅުވީ، ރާއްޖޭގެ ހުރިހާ ޕޮލިސް ސްޓޭޝަންތަކަށް ޒިޔާރަތްކުރެއްވުމަށް ފައްޓަވާފައިވާ ޕްރޮގްރާމުގެ ދަށުން، ކ. ކާށިދޫ ޕޮލިސް ސްޓޭޝަނަށް މިއަދު ކުރެއްވި ޒިޔާރަތުގައި އެ ސްޓޭޝަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ނޮދަރން ޕޮލިސް ކޮމާންޑަރާއި، އަތޮޅު ކޮމާންޑަރުގެ އިތުރުން ކާށިދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

🔗 ތަފްޞީލް ކިޔުމަށް: [ލިންކް]

އަމިއްލަ މަރުކަޒުތައް ބިނާކުރުމުގެ މުހިންމުކަން

ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ، ފުލުހުންގެ މަސައްކަތަކީ ޚާއްސަ ހުނަރުތަކެއް ބޭނުންވާ ތަފާތު ޕްރޮފެޝަނެއް ކަމަށެވެ. އަދި ވޭތުވެދިޔަ 30 އަހަރު ދުވަހު ކައުންސިލް އިދާރާތަކާއި، އަތޮޅުގޭގެ އިތުރުން އަމިއްލަ މީހުންގެ ގެދޮރު ކުއްޔަށް ހިފައިގެން މަރުކަޒުތައް ހިންގަން ޖެހިފައި އޮތް އޮތުމަށް ނިމުމެއް ގެނައުމަކީ މުއައްސަސާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަން އެމަނިކުފާނު ފާހަގކުރެއްވިއެވެ.

ރަށްރަށުގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ބިނާކުރުމަށް ސަރުކާރުން އިސްނަންގަވައިގެން، ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ފައްޓަވާފައިވާ މި ބޮޑު މަޝްރޫއަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ކޮމިޝަނަރ ޝުކުރު އަދާކުރެއްވިއެވެ. މި މަޝްރޫއުގެ ދަށުން ކާށިދޫގައިވެސް ލެވެލް 2 ގެ ދެބުރި ޕޮލިސް ސްޓޭޝަނެއް އެޅުމަށް ބިން ކަނޑައެޅި، މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަން ފާހަގކުރެއްވިއެވެ. އަދި ޢިމާރާތްތަކުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ކޮންޓްރެކްޓަރުންނާ ވަކިވަކިން ބައްދަލުކުރައްވަމުން ގެންދަވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ޖިނާއީ ތަހުޤީޤުތަކާއި އޮޕަރޭޝަންތަކަށް އިސްކަންދިނުން

ފުލުހުންގެ އަސާސީ މަސްއޫލިއްޔަތުތަކަށް އަލިއަޅުއްވާލައްވަމުން، ޖިނާއީ ތަހުޤީޤުތަކާއި އޮޕަރޭޝަނަލް މަސައްކަތްތަކަށް އިސްކަންދިނުމުގެ ސިޔާސަތެއް މުއައްސަސާގެ ތެރޭގައި ޤާއިމުކުރައްވާނެކަން ކޮމިޝަނަރ އިޢުލާނުކުރެއްވިއެވެ. ތަހުޤީޤު މަސައްކަތްތަކާ ދުރުހެލިވާން ބައެއް މުވައްޒަފުން މަސައްކަތްކުރާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން، މުއައްސަސާއިން އިންވެސްޓިގޭޓިންގ އޮފިސަރުންނަށާއި އޮޕަރޭޝަންސްގައި ސީދާ ހަރަކާތްތެރިވާ ފުލުހުންނަށް އިސްކަންދީ، އެ މަސައްކަތްތައް ހަރުދަނާކުރުމަށް ބާރުއަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

ކާށިދޫގެ ކުށުގެ ޙާލަތާއި މޮނިޓަރިންގ

ކާށިދޫގެ ކުށުގެ ޙާލަތަށް ބައްލަވަމުން ކޮމިޝަނަރ ފާހަގަކުރެއްވި ގޮތުގައި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެ ރަށުގައި ތަހުޤީޤުކުރެވުނު މައްސަލަތަކުގެ ނަތީޖާ ވަރަށް ރަނގަޅެވެ. އެގޮތުން، އެ މުއްދަތުގައި ހުށަހެޅުނު 21 މައްސަލައިގެ ތެރެއިން 9 މައްސަލައެއް ތަހުޤީޤުކޮށް ޕްރޮސެކިއުޓަރ ޖެނެރލްގެ އޮފީހަށް ފޮނުވިފައިވާތީ، އެއީ އިންވެސްޓިގޭޓިންގ އޮފިސަރުންގެ ހުނަރާއި ޝައުގުވެރިކަން ހާމަވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު، ކާށިދޫއަކީ ބިންބޮޑު، ވާބޯ ރަށަކަށް ވާތީ، މީހުން ދިރިއުޅޭ ސަރަޙައްދުތަކުގެ އިތުރުން ފަޅު ސަރަޙައްދުތައް ބޭނުންކޮށްގެން މަސްތުވާތަކެތީގެ މުޢާމަލާތްތައް ހިންގުމުގެ ފުރުޞަތު އޮތުމުން، މުޅި ރަށް މޮނިޓަރކޮށް ބެލެހެއްޓުމަށް ޚާއްޞަ ފޯކަސްއެއް ބެހެއްޓުމަށް އިރުޝާދު ދެއްވިއެވެ.

މީގެ އިތުރުން، ފުލުހުންގެ އަޚުލާޤާއި ޑިސިޕްލިން އަދި ޔުނިފޯމް އެޅުމުގެ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށާއި، ރަށުތެރޭގައި ޚިދުމަތް ދިނުމުގައި އަމިއްލަ އިސްނެގުމާއެކު ޒިންމާދާރުކަން ކުރިއަށް ނެރުމަށް ހުރިހާ މުވައްޒަފުންނަށް ކޮމިޝަނަރ ގޮވާލެއްވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މި ޕްރޮގްރާމުގެ ދަށުން މާލެ އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކުގެ ހާލަތު ވަޒަންކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

 

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ