ޚަބަރު

މުވައްޒަފުން ނެރެގެން އިޖުތިމާޢީ ސަރަޙައްދު ސާފުކުރަންޖެހުނީ ކީއްވެ؟: ކޮމެޓީގެ ކުރީގެ މެމްބަރު އަޒުލިފާ ސުވާލު އުފައްދައިފި

10 ގަޑިއިރު ކުރިން ދަނިއުސްދަނިއުސް
FP 23.jpeg
ID Card
Liyuntherikan
އިޝްތިހާރު

ފ. ދަރަނބޫދޫގެ އިޖުތިމާޢީ ސަރަޙައްދު ސާފުކުރުމަށްޓަކައި ރަށުގެ މުއައްސަސާތަކުގެ މުވައްޒަފުން ނެރެގެން މަސައްކަތް ކުރުވުމާ ގުޅިގެން، ދަރަނބޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ކުރީގެ މެމްބަރު އާމިނަތު އަޒުލިފާ ސޯޝަލް މީޑިއާގައި ސުވާލު އުފައްދައިފިއެވެ.
ދަރަނބޫދޫގެ އިޖުތިމާޢީ ސަރަހައްދުތަކުގައި ހުރި ބައެއް މުހިންމު މަގުތަކުގެ ދެފަރާތުން ގަސްހެދި ބޯވަމުން އަންނާތީ، އެ މަގުތައް ކޮށައި ރީތިކުރުމުގެ މަސައްކަތް މުއައްސަސާތަކުގެ މުވައްޒަފުން ނިކުމެ ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި މަސައްކަތަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ބޭނުންވެގެން، ރަށުގެ އެކި މުއައްސަސާތަކާ ބައްދަލުކޮށް އެދުމުން ކޮށްފައިވާ މަސައްކަތެއް ކަމަށް މަޢުލޫމާތު ލިބެއެވެ.
މިކަމާ ގުޅިގެން ކޮމެޓީގެ ކުރީގެ މެމްބަރު އާމިނަތު އަޒުލިފާ އޭނާގެ ފޭސްބުކް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މިހާރު އިޖުތިމާޢީ ސަރަހައްދުތައް ކުނިކަހަނީ އެކަމަށް މީހުން ނަން ނޯޓުކޮށްގެން ކަމަށެވެ. އަދި އެގޮތަށް ނަން ނޯޓުކޮށްގެން ކުނިކަހަންދާ މީހުންނަށް 1,200 ރުފިޔާގެ އާމްދަނީއެއް ދޭއިރު، ކައުންސިލްގެ މުވައްޒަފުން އެ މަސައްކަތަށް ނުނިކުންނަ ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، މި އުސޫލުގެ ދަށުން ކަންކަން ހަމަޖެހިފައި އޮއްވައި، މުއައްސަސާތަކުގެ މުވައްޒަފުން ހިލޭސާބަހަށް ނެރެގެން ސާފުކުރަން ޖެހުނީ ކީއްވެތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

އަޒުލިފާގެ ސުވާލު މައިގަނޑު ގޮތެއްގައި އަމާޒުވެފައިވަނީ، ވަކި ބަޔަކު ނަން ނޯޓުކޮށްގެން އާމްދަނީ ލިބޭގޮތަށް މަސައްކަތް ކުރަމުންދަނިކޮށް، އެހެން ބަޔަކު ނެރެގެން އެ މަސައްކަތް ހިލޭސާބަހަށް ކުރުވި ސަބަބާމެދުގައި ކަމަށް ބެލެވެއެވެ. މީގެ އިތުރުން، އޭނާ ފަހުން ކޮށްފައިވާ އެހެން ޕޯސްޓެއްގައި ބުނެފައިވަނީ އޭނާވެސް އެ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތުގައި ބައިވެރިވި ކަމަށާއި، އެހެންކަމުން އެ މަސައްކަތަށް ދާ މީހަކަށް ދުވާލަކަށް ޖެހޭ މިންވަރުގެ އުޖޫރައެއް އޭނާއަށްވެސް ލިބެންޖެހޭނެ ކަމަށެވެ. ނަމަވެސް، މި ޕޯސްޓްތަކާ ގުޅިގެން ކަމާބެހޭ އެއްވެސް ފަރާތަކުން އަދި މިހާތަނަށް ޖަވާބެއް ދީފައިވާތީއެއް ނުފެނެއެވެ.
މިކަމާ ގުޅޭގޮތުން ފާހަގަކޮށްލެވޭ ކަމަކީ، މިއަހަރު ބޭއްވުނު އޮފީސްތަކުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދަރަނބޫދޫ ކައުންސިލްގެ ރައީސް ވަނީ، ކައުންސިލުން ކޮންމެ ހަފްތާއަކު ވަކި ދުވަހެއްގައި ކައުންސިލް މުވައްޒަފުން ނެރެގެން އިޖުތިމާޢީ ސަރަހައްދު ސާފުކުރަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އަދި ހަމައެގޮތަށް ހުރިހާ މުއައްސަސާތަކުންވެސް މިފަދަ ކަންކަމުގައި ބައިވެރިވުމުގެ މުހިންމުކަމުގެ މައްޗަށް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
މީގެ އިތުރުން، އެންމެ ފަހުން ބޭއްވުނު މުއައްސަސާތަކުގެ ބައްދަލުވުމުގައިވެސް މަހަކު އެއްފަހަރު އެފަދަ ހަރަކާތެއް ހުރިހާ މުއައްސަސާއަކުން ގުޅިގެން ކުރިއަށްގެންދިއުމަށް މަޝްވަރާކުރެވި، އެކަމަށް ހުރިހާ މުއައްސަސާތަކަކުން އެއްބާރުލުން ދިނުމަށް ނިންމާފައިވާކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި އިސް ފަރާތަކުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ