އީފާސް އަށް އާންމުން ހޭލުންތެރި ކުރުމުގެ ޚާއްޞަ ހަރަކާތެއް ކުޑަހުވަދޫގައި ބާއްވަނީ

ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ”އީފާސް“ އާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށާއި، އީފާސް ބޭނުންކުރުމުގައި ރައްޔިތުންނަށް ދިމާވާ އެކި މައްސަލަތައް ހައްލުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ޚާއްޞަ ހަރަކާތެއް ދ. ކުޑަހުވަދޫގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2026 ސެޕްޓެންބަރު 9 ވާ ބުދަ ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 9:30 އަށް، ކުޑަހުވަދޫ ބަނދަރާ އިންވެގެން އޮންނަ ”މެހެމާން ސަރާ“ ގައެވެ.
މި ޕްރޮގްރާމަކީ ދާޚިލީ ސަލާމަތާއި، މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން، ވޯލްޑްބޭންކްގެ އެހީގައި ހިންގާ ”ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން“ (ޑީމެޑް) ޕްރޮޖެކްޓާއި، މޯލްޑިވްސް ޑިޖިޓަލް ސަރވިސް، ކުޑަހުވަދޫ ކައުންސިލްގެ އިދާރާ އަދި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
އީފާސްއަކީ ސަރުކާރުގެ އެކި މުއައްސަސާތަކުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތަކާއި، ޓާޝަރީ ހޮސްޕިޓަލްތަކާއި، އާސަންދަ، ޕެންޝަން، ބޭންކުތައް އަދި މާލީ އެކި ޚިދުމަތްތަކަށް އޮންލައިންކޮށް އެކްސެސް ވުމަށް ބޭނުންކުރާ ޤައުމީ ޑިޖިޓަލް އައިޑީގެ ނިޒާމެވެ. މިއީ ކޮންމެ މީހެއްގެވެސް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާ ގުޅިފައިވާ ރައްކާތެރި ނިޒާމެކެވެ.
މޯލްޑިވްސް ޑިޖިޓަލް ސަރވިސް އިން ތައްޔާރުކޮށް ބަލަހައްޓަމުންދާ މި ނިޒާމަކީ ރައްކާތެރިކަން ނުހަނު މުހިންމު ނިޒާމަކަށްވާތީ، ފަރުދެއްގެ އީފާސް އެކައުންޓަށް ދިމާވާ މައްސަލަތައް ހައްލުކޮށްދެނީ އެކައުންޓުގެ ވެރިފަރާތް ރަނގަޅަށް ކަށަވަރުކުރުމަށްފަހުގައެވެ.
މި ހަރަކާތުގެ ތެރެއިން، މޯލްޑިވްސް ޑިޖިޓަލް ސަރވިސްގެ މާލޭގެ ކައުންޓަރުތަކުން ދެމުންދާ ޚިދުމަތްތަކެކޭ އެއްފަދައިން، ކުޑަހުވަދޫގައި ޚާއްޞަ މޯބައިލް ހެލްޕްޑެސްކެއް ޤާއިމުކުރެވޭނެއެވެ. އަދި އީފާސް އެކައުންޓް ލޮކްވުމާއި، ފޯނު ނަންބަރު ނުވަތަ އީމެއިލް ބަދަލުވުން ފަދަ އެކި މައްސަލަތަކަށް ވަގުތުން ހައްލު ހޯދައިދެވޭނެ ކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއެވެ.
މި ޚިދުމަތް ހޯއްދެވުމަށް ވަޑައިގަންނަވާއިރު، އީފާސް އެކައުންޓުގެ ވެރިފަރާތުން ޚުދު ހާޒިރުވެ، އެފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑު ގެންނަންވާނެއެވެ. މީގެއިތުރުން، އީފާސްއާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމާއި މަޝްވަރާކުރުމަށް ބޭނުންވާ ފަރާތްތަކަށް އީފާސް ޓީމާ ބައްދަލުކުރުމުގެ ފުރުސަތުވެސް މި ހަރަކާތުގެ ތެރެއިން ފަހިވެގެންދާނެއެވެ.













ޚިޔާލުތައް (0)