ދަރަނބޫދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ފ. ދަރަނބޫދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ރަސްމީކޮށް ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާގެ އިތުރުން ދަރަނބޫދޫ ކައުންސިލްގެ ރައީސް ޙަމީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ދަރަނބޫދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި:
• 6 ބޮޑުހިލައިގެ ގްރޮއިން ޖެހުން
• 635 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ލޯ-ކްރެސްޓް ބްރޭކްވޯޓަރ އެޅުން
• 65 މީޓަރުގެ 4 ބޮޑުހިލަ ލޯ-ކްރެސްޓް ބްރޭކްވޯޓަރ ޤާއިމުކުރުން ހިމެނެއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ގޮތާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ދަރަނބޫދޫ ކައުންސިލުން ވަނީ ނިމިދިޔަ އޯގަސްޓް މަހުގެ ތެރޭގައި ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. އަދި އެ ބައްދަލުވުމުގައި ރައްޔިތުން ހުށަހެޅި ޚިޔާލުތަކާ އެއްގޮތަށް ޕްރޮޖެކްޓުގެ ބައެއް ކަންކަމަށް މިހާރު ބަދަލު ގެނެވިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
މި މަޝްރޫޢަކީ ދަރަނބޫދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އިސްކަންދީގެން ފަށާ މުހިންމު މަސައްކަތެކެވެ.













ޚިޔާލުތައް (0)