ދަރަނބޫދޫ ބޮޑު ފުޓުބޯޅަ ދަނޑުގެ މަސައްކަތް ލަސްވަނީ ސިވެކްގެ ސަބަބުން: ކައުންސިލް

ފ. ދަރަނބޫދޫގައި ތަރައްޤީކުރަން ފަށާފައިވާ ބޮޑު ފުޓުބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށް ނުގޮސް ލަސްވަނީ، އެ މަސައްކަތް ކުރުމަށް ޙަވާލުކުރެވިފައިވާ ސިފައިންގެ ވެލްފެއަރ ކުންފުނި (ސިވެކް) ގެ ސަބަބުންކަމަށް ރަށު ކައުންސިލުން ހާމަކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ”ދަނިއުސް“ އަށް މަޢުލޫމާތު ދެއްވަމުން ދަރަނބޫދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ، ސިވެކުން މި މަސައްކަތް ތާރޑްޕާޓީ އަމިއްލަ ކުންފުންޏަކާ ޙަވާލުކޮށްފައިވާ ކަމަށެވެ. އެ ކުންފުނިން ރަށުގައި 4 މަސްދުވަސް ހޭދަކުރުމަށްފަހު، މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު ރަށުން ފުރައިގެން ގޮސްފައިވާއިރު، ބޯޅަ ދަނޑުގެ ކުޑަ ސަރަޙައްދަކުން ވިނަ ނޮޅުން ފިޔަވައި އިތުރު އެއްވެސް މަސައްކަތެއް ކޮށްފައި ނުވެއެވެ.
ކައުންސިލް މެމްބަރު ވިދާޅުވީ، އެ ކުންފުނިން ރަށުން ފުރައިގެން ދިޔައީ ދަނޑުގައި ހަދަންޖެހޭ ދުވާ ޓްރެކްގެ މައްސަލައިގައި ނޫން ކަމަށެވެ. ދުވާ ޓްރެކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިންވެސް ވަޢުދުވެވަޑައިގެންފައިވާ ފަދައިން، އެ ދަނޑު ތަރައްޤީކުރާއިރު ހިމަނާނެ ބައެކެވެ. ނަމަވެސް، ސަރުކާރުން ސިވެކާ މި ޕްރޮޖެކްޓް ޙަވާލުކުރިއިރު ދުވާ ޓްރެކް ހިމަނާފައި ނުވަނީ އެއީ ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްގެންދާ ކަމަކަށްވާތީ ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި މަސައްކަތް ނިމޭއިރު ދަނޑު ވަށައިގެން ދުވާ ޓްރެކެއް އޮންނާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
މީގެ އިތުރުން، ރައީސް މުޢިއްޒު ބޭނުންފުޅުވަނީ ދަރަނބޫދޫ ދަނޑުގައި ވަރަށް ފެންވަރު ރަނގަޅު ކާޕެޓެއް އެޅުމަށް ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ. މި ކާޕެޓަކީ ސީދާ ތުރުކީ ވިލާތުން އޯޑަރު ޖަހައިގެން ގެންނަ އެއްޗެއް. ނަމަވެސް މެދުއިރުމަތީގައި ފެށިގެން ދިޔަ ހަނގުރާމައާ ގުޅިގެން އެ ތަކެތި ލިބުން ލަސްވެފައިވާކަމަށް ސަރުކާރުން މަޢުލޫމާތު ދީފައިވޭ، އޭނާ ވިދާޅުވިއެވެ. ދަނޑަށް ބޭނުންވާ ލައިޓުތަކާއި ފެންސު ޗައިނާއިން ގެންނައިރު، މި ތަކެތި މި ހިނގާ އޯގަސްޓް މަހުގެ ތެރޭގައި ލިބޭނެ ކަމަށް ބެލެވެއެވެ.
ކައުންސިލް މެމްބަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބޯޅަދަނޑު ތަރައްޤީކުރަން ސިވެކާ 17 ރަށެއް ޙަވާލުކޮށްފައިވާއިރު، އެހެން ހުރިހާ ރަށެއްގައިވެސް ކާނުތައް ހެދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. ނަމަވެސް ދަރަނބޫދޫގައި ކާނުތައް ނުހަދާ މަޑުޖައްސާލާފައިވަނީ ދުވާ ޓްރެކަށް ބޭނުންވާ ޖާގަ ބެލުމަށްފަހު އެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.
ދަރަނބޫދޫ ބޮޑު ފުޓުބޯޅަ ދަނޑު ބޭނުންނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާއިރު، ރައީސް މުޢިއްޒު ދަރަނބޫދޫއަށް ވަޑައިގެން ފެންވަރު ރަނގަޅު ދަނޑެއް އަޅައިދެއްވާނެ ކަމަށް ވަޢުދުވެވަޑައިގަތީ މީގެ 10 މަސްކުރިންނެވެ. އެއަށްފަހު، މިދިޔަ އަހަރުގެ ފަހު ދުވަހު ސިވެކާ މި މަސައްކަތް ޙަވާލުކުރިއިރު، އަމަލީ މަސައްކަތް ކުރުމަށް ތާރޑްޕާޓީ ކުންފުނި ދަރަނބޫދޫއަށް އައިސްފައިވަނީ މިއަހަރުގެ މާޗް 30 ގައެވެ. ނަމަވެސް މިހާތަނަށް އެދެވޭ ކުރިއެރުމެއް ނުލިބި އެކުންފުނިންވަނީ ތަކެއްޗާއި މުވައްޒަފުންނާއެކު ރަށުން ފުރައިގެން ގޮސްފައެވެ.















ޚިޔާލުތައް (0)