މޫސުން ގޯސްވުމުގެ ސަބަބުންނާއި ދިމާވި އެކި ގޮންޖެހުންތަކާ ހުރެ، ފ. ދަރަނބޫދޫ ސިއްޙީ މަރުކަޒަށް ގެނެވުނު ބަލިމީހަކު މާލެއަށް ފޮނުވާނުލެވި ދެ ދުވަސް ވުމަށްފަހު، މިއަދު އިރުއޮއްސުނު ވަގުތު މާލެއަށް ފޮނުވާލައިފިއެވެ.
މި ހާދިސާގައި މާލެ ފޮނުވާލެވުނީ އުމުރުން 50 އަހަރުން މަތީގެ، ނަފްސާނީ މައްސަލަތަކެއް ވެސް ހުންނަ މީހެކެވެ. ބަލިމީހާގެ އާއިލާއިން މަޢުލޫމާތު ދިން ގޮތުގައި، އޭނާ ދަރަނބޫދޫ ސިއްޙީ މަރުކަޒަށް ގެނެވުނީ ނަފްސާނީ ހާލަތު ގޯސްވެ، ވަރަށް ބޮޑަށް ވަރުދެރަވުމުގެ ސަބަބުން މިދިޔަ ބުދަ ދުވަހުއެވެ.
މަރުކަޒުން ގާތްގަނޑަކަށް 5 ގަޑިއިރު ވަންދެން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް އާސަންދަ މެދުވެރިކޮށް މަސައްކަތް ފެށިއެވެ. އާއިލާއިން ބުނި ގޮތުގައި އާސަންދަ ހަމަޖެހި، އެ ދުވަހުގެ ހަވީރު 5:30 ކަންހާއިރު ސީއެމްބިއުލޭންސްގައި ބަލިމީހާ ގޮވައިގެން މާލެއަށް ދަތުރު ފެށިއެވެ. ނަމަވެސް، އެ ދުވަހަކީ މެޓް އޮފީހުން މެދުރާއްޖެތެރެއަށް ޔެލޯ އެލާޓް ނެރެފައިވާ ދުވަހެއް ކަމުން، ކަނޑު ގަދަވެ ދަތުރުކުރުން ނުރައްކާތެރިވުމުގެ ސަބަބުން ދަތުރު މެދުކަނޑާލައި އަނބުރާ ރަށަށް އަންނަން ޖެހުނެވެ. އޭރު ލޯންޗަށް ދަތުރުކުރެވިފައިވަނީ ފ. ފީއައްޔާ ހަމައަށެވެ.
އެމް.އެން.ޑީ.އެފް އިން އެރޭ ލަފާދީފައިވަނީ ފަތިހު މޫސުން ރަނގަޅުވުމުން އަލުން ދަތުރު ފެށުމަށެވެ. އެގޮތުގެ މަތިން ފަތިހު ފުރައިގެން ދަނިކޮށް، ލޯންޗުގެ އިންޖީނަށް މައްސަލައެއް ދިމާވެ ”ގުރައުންޑް“ ވުމުގެ ސަބަބުން އަނެއްކާވެސް ޖެހުނީ ރަށަށް އެނބުރި އަންނާށެވެ. މިކަން އާސަންދައަށް އެންގުމުން، މަރުކަޒުން ޕްރައިވެޓް ލޯންޗެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، މޫސުން ގޯސްވުމާއި ގިނަ ލޯންޗުތައް މާލޭގައި ހުރުމުން އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ.
ދެން އާސަންދައިން މަސައްކަތް ކުރީ އެއާ އެމްބިއުލޭންސް މެދުވެރިކޮށް ދ. ކުޑަހުވަދޫ އެއާޕޯޓުން ބަލިމީހާ މާލެއަށް ގެންދިއުމަށެވެ. މިގޮތުން ދެ ފަހަރެއްގެ މަތިން ފްލައިޓް ޝެޑިއުލް ކުރި ނަމަވެސް، ބަލިމީހާ ކުޑަހުވަދޫއަށް ގެންދާނެ ލޯންޗެއް ނުލިބުމުގެ ސަބަބުން އެކަން ވެސް ލަސްވެގެން ދިޔައެވެ.
އާސަންދައިން ތިންވަނަ ފަހަރަށް ފްލައިޓް ޝެޑިއުލް ކުރީ މިއަދު އިރުއޮއްސޭ ވަގުތަށެވެ. މިއަދު މޫސުން ރަނގަޅުވުމާއެކު، ދާލު އަތޮޅު އެމް.އެން.ޑީ.އެފް ލޯންޗުގައި މިއަދު އިރުއޮއްސި 6:20 ކަންހާއިރު ބަލިމީހާ ވަނީ ކުޑަހުވަދޫއަށް ގެންގޮސްފައެވެ.
ބަލިމީހާގެ އާއިލާއިން ވަނީ ދަރަނބޫދޫ ސިއްޙީ މަރުކަޒުގެ މުވައްޒަފުން ދިން އެހީތެރިކަން ފާހަގަކޮށްފައެވެ. އެންމެ ދެ ނަރުހުން ތިބި ނަމަވެސް، ވޭތުވެދިޔަ ދެ ދުވަހު މަރުކަޒުގެ މުވައްޒަފުން ފުލް ޑިއުޓީގައި ތިބެ ބަލިމީހާއަށް ވަރަށް ބޮޑަށް އަޅާލައި ފަރުވާ ދީފައިވާ ކަމަށް އާއިލާއިން ބުންޏެވެ. މި ދުވަސްތަކުގެ ތެރޭގައި ބަލިމީހާގެ ހާލަތަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބުނު ނަމަވެސް، އިތުރު ޓެސްޓުތައް ހަދައި ޗެކްކުރުމަށް ޚާއްސަ ޑޮކްޓަރުން ލަފާދެއްވާފައިވާތީ، އިމަޖެންސީ މެޑިކަލް ސާވިސްއާއި އާސަންދައިގެ އެހީތެރިކަމާއެކު މިހާރު ވަނީ މާލެ ގެންދެވިފައެވެ.