ފ. ދަރަނބޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ނައިބު ރައީސާގެ މަޤާމަށް އެ ރަށު، ޝަބާނާ ވަޙީދު އިންތިޚާބުކޮށްފިއެވެ.
ދަރަނބޫދޫ ކައުންސިލުން މަޢުލޫމާތު ދެއްވާގޮތުގައި، ޝަބާނާ މި މަޤާމަށް އިންތިޚާބުކުރަން ނިންމީ އިއްޔެ އެ ރަށު ކައުންސިލް އިދާރާގައި ބޭއްވުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައްދަލުވުމުގައެވެ. މި ނިންމުން ނިންމާފައިވަނީ ކޮމެޓީގައި ތިއްބަވާ ތިން މެންބަރުންގެ އިއްތިފާޤުންނެވެ.
ޝަބާނާއާއެކު މިހާރު މި ކޮމެޓީގައި ދެން ތިއްބަވަނީވެސް ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ މެންބަރުންނެވެ. އެގޮތުން، ކޮމެޓީގެ ރައީސާގެ މަޤާމަށް އިންތިޚާބުވެފައިވަނީ ލީލާ އިބްރާހީމެވެ. އަދި ކޮމެޓީގެ އަނެއް މެންބަރަކީ ރުގިއްޔާ އިބްރާހީމެވެ.
ނައިބު ރައީސާގެ މަޤާމަށް އިންތިޚާބުވި ޝަބާނާ ވަޙީދަކީ ދަރަނބޫދޫގައި އެންމެނާވެސް ގުޅޭ، ހީވާގި މީހެއްގެ ގޮތުގައި ފާހަގަކުރެވޭ ފަރާތެކެވެ. ރަށުގެ އެކި މުވައްސަސާތަކުން ރާވާ ހިންގާ ތަފާތު ޙަރަކާތްތަކުގައާއި، ރައްޔިތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ޝަބާނާއަކީ އިސްކޮށް އުޅުއްވާ، މަސައްކަތްތެރި ކަނބަލެކެވެ.
މި އައު އިންތިޚާބާއެކު، ދަރަނބޫދޫ އަންހެނުންގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ރަށުގެ ރައްޔިތުން އުންމީދު ކުރެއެވެ.