ދަރަނބޫދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ ނައިބު ރައީސަކަށް އެ ރަށު ކައުންސިލްގެ މެންބަރު އަރްޔަޝް މުޙައްމަދު (އަޓޭ) އިންތިޚާބުކޮށްފިއެވެ.
ދަރަނބޫދޫ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، އަރްޔަޝް މި މަޤާމަށް އިންތިޚާބުވެފައިވަނީ އިއްޔެ ބޭއްވުނު ކައުންސިލްގެ ރަސްމީ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލްގެ ތިން މެންބަރުންގެ އިއްތިފާޤުން އޭނާ ވަނީ މި މަޤާމަށް ހޮވިފައެވެ.
އަރްޔަޝްއަކީ ނިމިދިޔަ ކައުންސިލްގެ 4 ވަނަ ދައުރުގައިވެސް މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ފާހަގަކުރެވެނީ ކައުންސިލްގެ އެއް ދައުރު ފުރިހަމަކުރެއްވުމަށްފަހު، ޖެހިޖެހިގެން ދެވަނަ ދައުރަކަށް އިންތިޚާބުވި މަދު މެންބަރުންގެ ތެރޭގައެވެ. އަދި ވޭތުވެދިޔަ ދެ ދައުރުގެ އިންތިޚާބުގައިވެސް އޭނާއަކީ އެންމެ ގިނަ ވޯޓު ހޯއްދެވި ކެންޑިޑޭޓުކަން ފާހަގަކޮށްލެވެއެވެ.
ދަރަނބޫދޫގެ ގިނަ ރައްޔިތުން ޤަބޫލުކުރާ ގޮތުގައި އަރްޔަޝްއަކީ މިވަގުތު އެ ރަށުގައި ހުންނެވި ސިޔާސީ ގޮތުން އެންމެ ނުފޫޒުގަދަ އަދި ބާރުގަދަ އެއް ފަރާތެވެ. އަރްޔަޝް ހިމެނޭހެން މިހާރު ދަރަނބޫދޫ ކައުންސިލްގައި ތިއްބަވާ ހުރިހާ މެންބަރުންނަކީވެސް ސަރުކާރު ހިންގާޕީއެންސީއަށް ނިސްބަތްވާ ބޭފުޅުންނެވެ.
މި އިންތިޚާބާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް ރަށު ފެންވަރުގައި ތަންފީޒުކުރުމަށް ކައުންސިލަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެ ކަމަށް ރަށުގެ ރައްޔިތުން އުންމީދު ކުރެއެވެ.