ދަރަނބޫދޫގައި ކާބޯތަކެތީގެ ޚިދުމަތް ދިނުމަށް އެންމެ ފަހުން ހުޅުވުނު ކެފޭ76 އަކީ ވަކި ސިޔާސީ ބައެއް ކުރިއަރުވާ ތަނެއްގެ ގޮތުގައި ދެކެވޭ ވާހަކަތަކެއް އެ ކެފޭއިން ދޮގުކޮށް ރައްދު ބަޔާނެއް ނެރެ އާންމުކޮށްފިއެވެ. ކެފޭ76 ގެ ފަރާތުން ދަރަނބޫދޫ ވައިބަރ ކޮމިއުނިޓީ ގްރޫޕެއްގައި މި ބަޔާން އާންމު ކޮށްފައިވަނީ އެ ކެފޭގެ އެއް ހިއްސާދާރެވެ.
ގުރޫޕަށް ފޮނުވާފައިވާ ބުނެފައިވާ ގޮތުގައި ދާދި މިދާކަށްދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގެ ތެރޭގައި، ކެފޭ 76 އަކީ ވަކި ސިޔާސީ މަގުސަދުތަކެއް ކުރިއަރުވާ ތަނެއްގެ ގޮތުގައި ބޭނުންކުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން އަންނަ ކަމަށާއި، އެވާހަކަތަކާ ގުޅިގެން ކެފޭ76 ގެ ފަރާތުން ކަންބޮޑުވުން ފާޅުކުރާކަމުގައެވެ. އަދި ކެފޭ 76 އަކީ އެއްވެސް ވަކި ސިޔާސީ ފިކުރަކަށް ތާއީދުކުރާ ނުވަތަ ވަކި ފިކުރެއް ކުރިއަރުވަން މަސައްކަތްކުރާ ތަނެއް ނޫންކަން ސާފު ކޮށްދޭން ބޭނުންވާކަމަށް ބުނެފައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އިންތިޚާބުގެ ދުވަސްވަރާއި އޭގެ ފަހުން ވެސް، ކެފޭ76ގެ ދޮރުތައް ވަނީ ހުރިހާ ފަރާތްތަކަށް ވެސް ހުޅުވާލެވިފައެވެ. އިންތިޚާބާއި ދިމާކޮށް ކެމްޕެއިން ކުރަމުން ދިޔައިރުވެސް، ތަފާތު ސިޔާސީ ފިކުރުތަކަށް ނިސްބަތްވާ ފަރާތްތަކުން މި ކެފޭގައި އެއްވެ އުޅެފައިވާއިރު، އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ އެއްވެސް ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއެކު ހުރިހާ ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށް އެ ކެފޭގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
ކެފޭ 76 އަކީ އަބަދުވެސް ހުރިހާ އެންމެންނަށް މަރުޙަބާ ކިޔާ، ހަމަހަމަ ފުރުޞަތުތަކެއް އޮންނަ މާޙައުލެއްގެ ގޮތުގައި ދެމިއޮންނާނެ ތަނެކެވެ. ކެފޭ76
އޭގައި އިތުރަށް ބުނެފައިވަނީ، އެ ކެފޭގެ ވިޔަފާރިއަކީ ވަކި ސިޔާސީ ޖަމާޢަތަކަށް ނިސްބަތްވާ ނުވަތަ ވަކި ބައެއްގެ ބާރުގެ ދަށުގައި އޮތް ތަނެއް ކަމަށް ބުނެ ކުރެވޭ ތުހުމަތުތައް ހަރުކަށި އިބާރާތުން ދޮގުކުރާ ކަމަށެވެ. އަދި ކެފޭ 76 އަކީ އެންމެން ބަލައިގަންނަ، ވަކި ފަރާތަކަށް ނުޖެހޭ ތަނެއްގެ ގޮތުގައި ބޭއްވުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގައި ތިޔަބޭފުޅުން ދެއްވާ އެއްބާރުލުމާއި ބަހައްޓަވާ ގާތްކަމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށް ބުނެފައިވެއެވެ. އަދި އެއީ އަބަދުވެސް އެންމެންގެ ތަނެއް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
ނިމިދިޔަ އިންތިޚާބުގެ ކެމްޕެއިން ހިނގަމުން ދިޔައިރު، ކެފޭ76 ފާހަގަ ކުރެވިފައިވަނީ އަބަދުވެސް ޙަރަކާތްތެރި އަދި ބާރު ބޮޑު ތަނެއްގެ ގޮތުގައެވެ. އަދި މި ދުވަސްވަރު ދަރަނބޫދޫގެ ހުރިހާ ކެންޑިޑޭޓުންނާއި އެފަރާތްތަކުގެ ޓީމުތަކާއި ސިޔާސީ ފަރާތްތަކުންވެސް މަޝްވަރާ ބައްދަލުވުންތަކާއި ކެމްޕެއިން ޙަރަކާތްތައް މިތަނުގައި ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރެވެއެވެ.