ފ. ނިލަންދޫގައި ޤާއިމްކުރާ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ.
ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާ ހެދުމަށް ބޭނުންވާ ބިން ހިއްކައި އެކަމަށް ވަކި ބަނދަރެއް ހެދުމަށް މަސައްކަތް ޙަވާލު ކުރެވިފައިވަނީ އެމްޓީސީސީއާއެވެ. ނިލަންދޫގައި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ އެރަށުގެ އުތުރު ފަރާތުގައެވެ. މި މަސައްކަތުގެ ތެރެއިން 7 ހެކްޓަރު ހިއްކާނެކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
ނިލަންދޫގައި މަސް ބަންދުކުރާ ފެކްޓަރީއެއް އެޅުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ކެމްޕެއިންގައި ނިލަންދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދެކެވެ. އެމަނިކުފާނުވަނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ނިލަންދޫއަށް ވަޑައިގެން މި މަޝްރޫޢުގައި ސޮއި ކުރައްވާފައެވެ. އެދުވަހު ނިލަންދޫގައި ރައީސް ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި މަސްފެކްޓަރީ އެޅުމަށް އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ރާއްޖެއިން ބޭރުގެ ފަރާތަކާއެކު ކަމަށާއި، އެކަމަށް ބޭނުންވާ ބިންހިއްކައި ބަނދަރުހެދުމުގެ މަސައްކަތުގައި ސޮއިކޮށްފައިވަނީ އެމްޓީސީސީއާއެކު ކަން ފާހަގަކުރެއްވިއެވެ.
ނިލަންދޫގައި މި ފެށުނު ޕްރޮޖެކްޓާއި ބެހޭގޮތުން ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީން މީޑިއާގައި އާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ނިލަންދޫގައި ޤާއިމްކުރާ ކާރުޚާނާގައި ދުވާލަކު 50 ޓަނުގެ މަސް ދަޅު ބަންދުކުރެވޭނެއެވެ. އަދި މި މަޝްރޫޢުގެ ދަށުން 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއްވެސް އެޅުމަށް ނިންމާފައިވާކަމަށް އެ ވުޒާރާއިން ފާހަގަ ކުރެއްވިއެވެ.