ފ. ބިލެއްދޫ ކައުންސިލުން އެރަށުގެ ހުޅަނގު ފަރާތުގައި ތަރައްޤީ ކުރަމުން އައި ފަސްވަޅު ބީޗުގެ މަސައްކަތް ނިންމައި މިއަދު އާންމުންނަށް ބޭނުން ކުރެވޭގޮތަށް ހުޅުވާލައިފިއެވެ.
މިއަހަރުގެ މޭ މަހުގެ 5 ވަނަ ދުވަހު ބިލެއްދޫ ކައުންސިލުން ތަރައްޤީކުރަން ފެށި މި ބީޗުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ފ. އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކުގައެވެ. އަތޮޅު ކައުންސިލުންވަނީ އެކައުންސިލްގެ އާމްދަނީން އަތޮޅުގެ ރަށްރަށުގެ އެކިއެކި ޕްރޮޖެކްޓްތައް ހިންގުމަށް ކައުންސިލްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން މި މަސައްކަތް ކުރިއަށް ގެންދިއުމަށްވެސް އަތޮޅު ކައުންސިލުން ހަތަރު ލައްކަ ރުފިޔާ ލިބިފައިވާކަމަށް ބިލެއްދޫ ކައުންސިލްގެ ރައީސް އަރީޙް ވިދާޅުވިއެވެ.
ދަނިއުސްއަށް މަޢުލޫމާތު ދެއްވަމުން ބިލެއްދޫ ކައުންސިލްގެ ރައީސް ވިދާޅުވީ މި ބީޗް ތަރައްޤީކުރުމުގެ މަސައްކަތްތަކަށް ބިލެއްދޫ ކައުންސިލްގެ މުވައްޒަފުންނާއި އެރަށުގެ އެހެނިހެން މުވައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން އާންމު ރައްޔިތުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން ދިޔަ ކަމަށެވެ.

އަރީޙް އިތުރަށް ވިދާޅުވީ މި ބީޗު ތަރައްޤީކުރުމަކީ ދެކެމުން އައި ވަރަށް ބޮޑު ހުވަފެނެއް ކަމަށާއި، މިދިޔަ އަހަރުގެ އޮގަސްޓް 7 ވަނަ ދުވަހު ބިލެއްދޫ ކައުންސިލްގެ ބައި އިލެކްޝަން ކާމިޔާބުކޮށް މަޤާމާއި ހަވާލުވުމަށްފަހު މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ނިންމައި، މިއަދު އެކަން ހަގީގަތަކަށް ހެދި ބިލެއްދޫ ރައްޔިތުންނަށް ރަސްމީކޮށް ބޭނުންކުރަން ދޫކޮށްލެވިފައިވާތީ އެކަމާ އުފާކުރައްވާކަމަށެވެ.
ބިލެއްދޫގައި ތަރައްޤީ ކުރެވިފައިވާ ’ފަސްވަޅު ބީޗު‘ ގެ މަސައްކަތްތައް މިދިޔަ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހު އެއްކޮށް ނިންމާލާފައި ވީނަމަވެސް، ރަސްމީކޮށް މިތަން އާންމުންނަށް ހުޅުވާލާފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގައެވެ.