ދަރަނބޫދޫ ރައްޔިތުން އެދިލައްވާފައިވާ ކުޅިވަރު ކުޅޭނެ ބިންތައް ތަރައްޤީ ކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އެމަނިކުފާނު މިހާރު މެދުރާއްޖެތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދަރަނބޫދޫއަށް ވަޑައިގެން ރައްޔިތުންނާއެކު މިއަދު ބޭއްވެވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދަރަނބޫދޫއަކީ އެތުލީޓުން އުފައްދާފައިވާ ރަށެއްކަމުގައި ފާހަގަކުރެވޭކަމަށާއި، ކުޅިވަރުތަކުގައި ފާހަގަކޮށްލެވޭ ރަށެއްކަމުގައެވެ. އެހެންކަމުން ދަރަނބޫދޫގެ ޒުވާނުން އެދޭ ފަދައިން ކުޅިވަރުގެ ދާއިރާއިން ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން ރައީސް ފާހަގަކުރެއްވި ތަންތަނުގެ ތެރޭގައި އަހަރުތަކެއް ވަންދެން ބޭނުން ނުކޮށް އޮތް ފުޓުބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ފުޓުބޯޅަ ދަނޑު ތައްޤީކުރައްވާނީ ކައުންސިލުން އެދިލައްވާފައިވާ ގޮތަށް، ދަނޑުގެ ވަށައިގެން ދުވާ ޓްރެކެއްވެސް ހިމެނޭގޮތަށް އަދި ރޭގަނޑުވެސް ބޭނުން ކުރެވޭނެ ފެންވަރަށް ކަމުގައެވެ.
އަދި މިއަދު ބިންގާ އަޅުއްވާ ދެއްވާފައިވާ ދަރަނބޫދޫ ޔޫތު ސެންޓަރުގެ މަސައްކަތް ނިމޭއިރު، އެތަނުގައި އައުޓްޑޯރ ވޮލީކޯޓެއް އަޅުއްވާ ދެއްވާނެކަމަށް ވިދާޅުވިއެވެ. ދަރަނބޫދޫއަކީ ވޮލީގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ރަށެއް ނަމަވެސް، މިވަގުތު ފ.އަތޮޅުގައި ރަނގަޅު ފެންވަރެއްގެ ވޮލީކޯޓެއް ނެތް ހަމައެކަނި ރަށެވެ.
ވަކިވަކި ޕްރޮޖެކްޓްތަކެއް ގޮތުގައި ކުރިއަށް ނުގެންދިޔަނަމަވެސް، މި ޕްރޮޖެކްޓްތަކާއެކު ދަރަނބޫދޫ އިންޑޯހޯލްވެސް ތަރައްޤީ ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ދަރަނބޫދޫ އިންޑޯކޯޓު މިހާރު ބޭނުންކުރަމުންދަނީ ބެޑްމިންޓަން ކުޅުމަށެވެ. ރައީސް ވިދާޅުވީ ދަރަނބޫދޫގައި ބެޑްމިންޓަން ކުޅުމަށް ލޯބިކުރައްވާ ކުދިބަޔަކު ތިބުމާއެކު އެފަރާތްތަކަށްވެސް އެހީތެރިކަން ސަރުކާރުން ދެއްވާނެކަމުގައެވެ. އެގޮތުން އިންޑޯހޯލުގައި ޖާގަ އޮތް މިންވަރުން އިތުރު ބެޑްމިންޓަން ކޯޓުތައް ރަނގަޅު ފެންވަރަކަށް ހައްދަވައި ދެއްވާނެކަމަށް ރައީސް ވަޢުދުވެފައިވެއެވެ
ކުޅިވަރުގެ ދާއިރާއިން ދަރަނބޫދޫއަށް ބޭނުންވެފައިވާ ކަންތައްތަކުގެ ވާހަކަފުޅު ރައީސް ދެއްކެވިއިރު، ކުޅިވަރުކުޅޭ ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން މިއަދުގެ ޖަލްސާއަށް ހާޒިރުވެ ތިބިކަން ފާހަގަކުރެވެއެވެ. އަދި ރައީސްގެ ވާހަކަފުޅުތަކުން އެކުދިންނަށް އުއްމީދު އާވެގެންދިޔަކަން ބައްދަލުވުން ކުރިއަށްދިޔަ ހޯލުގައި ގުގުމަގުންދިޔަ އަޑުތަކުން ސާފުވެފައިވެއެވެ.