މާދަމާ ފެށުމަށް ހަމަޖެހިފައިވާ ފ.އަތޮޅު ކައުންސިލްގެ އަތޮޅު ވޮލީ މުބާރާތް މިއަދު ފަސްކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މުބާރާތް ފެށުން ފަސްކުރެވިފައިވަނީ އަންނަ އާދީއްތަ ދުވަހު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ. އަތޮޅަށް ދަތުރުފުޅެއް ކުރުމަށް ހަމަޖައްސަވާފައިވާތީއެވެ.
ފ.އަތޮޅުގެ ކައުންސިލްތަކުން ބައިވެރިވާ ގޮތަށް ކުރިއަށް ގެންދާ މި މުބާރާތުގައި ނިލަންދޫ ފިޔަވައި އެހެން ރަށްތަކުން ބައިވެރިވެއެވެ. ފީއަލީގައި ކުރިއަށް ގެންދާ މިމުބާރާތް ފަސްކުރަންޖެހުނު މައިގަނޑު ސަބަބަކީ ރައީސްގެ ދަތުރުފުޅު މުބާރާތާއި ދިމާވުމުގެ ސަބަބުން، ކައުންސިލްތަކާއި މުވައްސަސާތަކަށް ރައީސްގެ ދަތުރުފުޅުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ދަތިކަން ކުރިމަތިވާނެތީކަމަށް ބައެއް ކައުންސިލްތަކުން މަޢުލޫމާތު ލިބުނެވެ.
އެނގިފައިވާ ގޮތުގައި ފ. އަތޮޅު ކައުންސިލުން ކުރިން ނިންމާފައިވަނީ މާދަމާ މުބާރާތް ފެށައި، ރައީސް އަތޮޅަށް ވަޑައިގަތުމުން މުބާރާތް މެދު ކަނޑާލުމަށެވެ. އެހެންނަމަވެސް އެގޮތަށް ހެދުމުން ރައީސްގެ ދަތުރުފުޅާއި ގުޅިގެން ރަށްރަށުގައި ކައުންސިލްތަކުން ތައްޔާރީތައް ވުމަށް އެކަށީގެންވާ ވަގުތު ނުލިބޭތީ، ކައުންސިލްތަކުގެ އެދުމުގެ މަތީން މުބާރާތް ފެށުން ފަސްކުރީ ރައީސްގެ ދަތުރުފުޅުގެ ފަހަށެވެ.
ފ.އަތޮޅު ކައުންސިލުން މިއަދުވަނީ މުބާރާތް ފަށާ ތާރީޚް ފަސްކުރިކަން ކައުންސިލްތަކަށް ރަސްމީކޮށް އަންގާފައެވެ. މުބާރާތުގެ މެޗްތަކުގެ ތަރުތީބަށް ބަދަލު ނާންނަގޮތަށް އާންމުކޮށްފައިވާ އާ ތާވަލުގައިވާ ގޮތުން މުބާރާތް ދެން ފަށާނީ މިމަހުގެ 22 ވާ އާދީއްތަ ދުވަހުގައެވެ.
ދެ ޖިންސުގެ ކުޅުންތެރިންނަށް ބައިވެރިވެވޭ މިމުބާރާތުގެ އަންހެން ޑިވިޒަނުގައި ނިލަންދޫ ފިޔަވައި އެހެން ރަށްތަކުން ބައިވެރިވެފައިވެއެވެ. އަދި ފިރިހެން ޑިވިޒަނުގައި ބައިވެރިވެފައިވަނީ ނިލަންދޫއާއި ބިލެތްދޫ ފިޔަވައި ބާކީ އޮންނަ ދަރަނބޫދޫ، މަގޫދޫ އަދި ފީއަލިންނެވެ.