ބޮޑު ފައިދާވާ ބީއެމްއެލް އޭޓީއެމް ސާފުކޮށް ބަލަހައްޓަންޖެހެނީ ކައުންސިލުން ހިލޭ! ކައުންސިލް ރައީސް

ބޮޑު ފައިދާވާ ބީއެމްއެލް އޭޓީއެމް ސާފުކޮށް ބަލަހައްޓަންޖެހެނީ ކައުންސިލުން ހިލޭ! ކައުންސިލް ރައީސް

Fdci

ބޮޑު ފައިދާވާ ބީއެމްއެލް އޭޓީއެމް ސާފުކޮށް ބަލަހައްޓަންޖެހެނީ ކައުންސިލުން ހިލޭ! ކައުންސިލް ރައީސް

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް 2 މިނިޓުން

ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ބޮޑު ފައިދާއެއް ހޯދާ ކުންފުނި ނަމަވެސް، އެކުންފުންޏަށް އޭޓީއެއް ބަހައްޓަން ބިން ދޫކޮށްފައިވަނީ ހިލޭކަމަށް ދަރަނބޫދޫ ކައުންސިލްގެ ރައީސް އަބްދުލް ޙަމީދު އާދަމް ވިދާޅުވެއްޖެއެވެ. ރައީސް ހަމީދު މިފަދައިން ވިދާޅުވީ 2026 ވަނަ އަހަރުގެ ދަރަނބޫދޫ ކައުންސިލްގެ މަސައްކަތު ތާވަލާއި ބަޖެޓުގެ މަޢުލޫމާތު ދިނުމަށް މިރޭ ބޭއްވުނު ރައްޔިތުންގެ ބައްދަލުވުމުގައި ހުށަހެޅުނު ސުވާލަކަށް ދެއްވި ޖަވާބުގައެވެ.

މިރޭ ބޭއްވުނު ބައްދަލުވުމުގައި އާންމުކުރެވުނު މަޢުލޫމާތުތަކުގެ ތެރޭގައި ރަށުން ދޫކުރެވިފައިވާ ބިންތަކެއްގެ މަޢުލޫމާތު ހިމެނުނުއިރު އޭގެތެރޭގައި ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމަށް ދޫކޮށްފައިވާ ބިމުގެ ވާހަކައެއް ނެތެވެ. އެކަން ބައްދަލުވުމުގެ ބައިވެރިއަކު ފާހަގަކޮށް އެބިމުން ކިހާވަރެއްގެ އާންމުދަނީއެއް ލިބޭތޯ ސުވާލުކުރައްވާފައިވެއެވެ.

އެކަމާއި ގުޅިގެން ރައީސް ވިދާޅުވީ، ސަރުކާރުން އެދިލެއްވުމުން އެބިން ކައުންސިލުން ދިނީ ހިލޭކަމަށާއި، އެއީ މުޅި ރާއްޖޭގައިވެސް ކުރިއަށްދާ ޕްރޮޖެކްޓެއްކަމުން އެހެން ރަށްރަށުގައިވެސް އެމަސައްކަތް ކުރިއަށްދާގޮތް ކައުންސިލުން ބަލާފައިވާ ކަމަށެވެ. އެގޮތުން އެއްވެސް ރަށަކުން އެބިމުން ކުއްޔެއް ނުނަގާކަމަށާއި، އެ ޕްރޮޖެކްޓާއި ބެހޭގޮތުންވެސް މައްސަލައެއް ދިމާވީ އެންމެ ރަށަކުން ކަމަށް ފާހަގަކުރިއެވެ. ރައީސް އަބްދުލް ޙަމީދު އިތުރަށް ވިދާޅުވީ، ބީއެމްއެލްއަށް ހަމައެކަނި ބިން ހިލޭ ދިނީ ނޫންކަމަށާއި، އެބިން ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ކުރަންޖެހެނީ ކައުންސިލު މުވައްޒަފުންނަށެވެ. އަދި މިއީ ރައްޔިތުންނަށް ބޭނުންތެރި މުހިންމު ޚިދުމަތަކަށްވާތީއާއި މުޅިރާއްޖޭގައިވެސް ކުރާކަމަކަށްވާތީ ހިލޭ ދެވިފައިވާކަމަށެވެ.

ރައީސް ހަމީދު މިހެން ވިދާޅުވިނަމަވެސް، ރައްޔިތުންނަށް ބޭނުންތެރި މުހިންމު ޚިދުމަތްތަކަށް މީގެ ކުރިންވެސް ބިންތައް ދޫކޮށް އެކަމުން ރައްޔިތުންނަށް އާންމުދަނީ އަންނަނީ ލިބެމުންނެވެ. އޭގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތައްވެސް އެބަހުއްޓެވެ. އޭގެ އެއް މިސާލަކީ ދިރާގާއި އުރީދޫގެ ބިމެވެ. ރައްޔިތުންނަށް މާ ބޭނުންތެރި އަސާސީ ޚިދުމަތެކެވެ. އެއްކަމެއްކުރާ ދެކުންފުންޏަކަސް ކޮންމެވެސް ވަރެއްގެ ކުއްޔެއް އެފަރާތުން ކައުންސިލަށް ނަގާތާ އެތައް ދުވަހެކެވެ. އޭގެ އިތުރުން އެބިންތައް ސާފުކޮށް ބަލަހައްޓާ ރަށުގެ އާންމު ފަރާތްތަކަށް އެލަވަންސެއްވެސް އެކުންފުނިތަކުން ދެއެވެ.

ކުންފުނި ހިންގައިގެން މާބޮޑު ފައިދާއެއްނުވާ ފެނަކައިގެ ދެއިމާރާތުން ކުއްޔެއް ނުލިބުނަށް ގިނަ ވަޒީފާތަކެއް ލިބުނެވެ. އެސްޓީއޯއަށް ހިލޭ ދީފައިވާ ބޭސް ފިހާރައިންވެސް ވަޒީފާތައް އުފެދުނެވެ. އެހެންނަމަވެސް މި ދެންނެވުނު ކުންފުނިތަކާއި އަޅާ ބަލާއިރު އަދި މާބޮޑު ފައިދާއެއް ހޯދަމުން އަންނަ އަދި ވިޔަފާރި އުސޫލުން ހިންގަމުން އަންނަ ބޭންކް އޮފް މޯލްޑިވްސްއަށް އެފަރާތުން އެދުނު ވަރަށްވުރެ ބޮޑުކޮށް ބިމެއް ހިލޭ ދީފައިވާއިރު އެތަނުން ކުއްޔެއް ނުލިބޭއިރު، އެތަން ސާފުކޮށް ބަލަހައްޓާނެ މުވައްޒަފެއްވެސް ދީފައި ނެތުމީ ހަގީގަތުގައިވެސް ދެރަގޮތެކެވެ. ކައުންސިލްގެ ރައީސްވެސް މިރޭ އެކަމަށް އެއްބަސް ވެލައްވާފައިވެއެވެ.

ވިޔަފާރި އުސޫލުން ޚިދުމަތްދޭ ތަނެއްވީމާ، އެއްޗެއް ލިބޭގޮތަށް އެކަން އޮތުން މުހިންމު. ދަރަނބޫދޫ ކައުންސިލްގެ ރައީސް އަބްދުލް ހަމީދު އާދަމް.

ބީއެމްއެލްއަށް ދީފައިވާ ބިމާއި ބެހޭގޮތުން މިރޭގެ ޖަލްސާގައި ޚިޔާލު ހުށަހެޅި ފަރާތުން އެކަމުގައިހުރި ކަންބޮޑުވުންތައް ވަރަށް ތަފްސީލްކޮށް ހާމަކޮށް ދެއްވިއެވެ. އެބޭފުޅާ ވިދާޅުވީ އާންމު ޚިދުމަތެއްދޭން ސާރުކާރުން ބިމެއް ނެގުމުގައި މައްސަލައެއް ނެތްކަމަށާއި، އެހެން ނަމަވެސް ދަރަނބޫދޫގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރުމަށް ބަނދަރުން ބިމެއް ކުއްޔެއް ނަގައިގެން ތެލުގެ ވިޔަފާރި ފެށުމަށާއި، ކެފޭއެއްގެ ޚިދުމަތާއި، އޮޑިވެރިންނާއި ދަނޑުވެރިން އަތުން ބިމު ކުލި ނަގާއިރު، ވަރަށް ގިނަ އާންމުން އެވިޔަފާރިއަކަށް ހިއްސާ ދީ، ވިސާ ކާޑާއި މާސްޓާރ ކާޑާއި އެމެރިކަން އެކްސްޕްރެސް ފަދަ ދުނިޔޭގެ އެންމެ މަޝްހޫރު ބްރޭންޑްތަކަށް ޚިދުމަތްދޭން ރާއްޖޭގެ އެންމެ ބޮޑު ފައިދާ ހޯދާ ބޭންކަށް ބިން ހިލޭ ދިނުމަކީ އާންމު ޚިދުމަތުގެ ބޭނުމަށް ދެވޭ ދިނުމެއްކަމަށް ބުއްދީގެ ހަމަތަކުން ގަބޫލު ނުކުރެވޭކަމަށެވެ.

ޙިއްސާ ކުރައްވާ:

ކޮމެންޓް

ގުޅުންހުރި