ދިވެހިރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާ އޮނަރަބަލް އިބްރާހީމް މުޙައްމަދު ޞާލިޙް މިމަހުގެ 27 ވަނަ ދުވަހު ދަރަނބޫދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާތީ، އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ދަރަނބޫދޫ ރައްޔިތުން އަންނަނީ ވަރަށްބޮޑަށް ތައްޔާރުވަމުންނެވެ. މިކަމުގައި ވަކި އުމުރެއްގެ މީހެއް ވަކި ފިކުރެއްގެ މީހެއް އިސްތިސްނާ ވުމެއްނެތި ބައިވެރިވަމުން އަންނަކަން މީސްމީޑިއާގައި އާންމުވަމުންއަންނަ ފޮޓޯތަކުން ހާމަވެއެވެ. ރައީސަށް މަރުޙަބާ ދެންނެވުމުގެ ތައްޔާރީތަކުގައި އެމަނިކުފާނާއި އެންމެ ވާދަވެރިންވެސް އަންނަނީ ބައިވެރިވަމުންނެވެ. މި ބޮޑު މަންޒަރުންވެސް އެންމެ އަޅައިގަތް އެއްކަމަކީ ދަރަނބޫދޫ ކައުންސިލްގެ މެމްބަރެއްގެ މަޤާމު އަދާކުރައްވަމުން ގެންދަވާ އިނދިކޮޅު ޕީޕީއެމަށް ނިސްބަތްވާ ކައުންސިލަރު އަރުޔަޝް މުޙައްމަދު މަސައްކަތުގެ މައިދާނުގައި ބުރަކޮށް އުޅުއްވި މަންޒަރެވެ.
ޕީޕީއެމް ކައުންސިލަރެއްގެ ގޮތުގައި ހުރި މެމްބަރު، ރައީސް ސޯލިޙަށް މަރުހަބާ ދެންނެވުމުގެ މަސައްކަތްތަކުގައި އުޅުން ފާހަގަ ނުކުރެވެންވީ ސަބަބެއް ނެތެވެ. ކައުންސިލަރު އަރުޔަޝްއަކީ ރައީސް ސޯލިޙަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑުކިޔާ ރަށުގެ ސިޔާސީ އެކްޓިވިސްޓެއް އަދި ކައުންސިލަރެއްވެސް މެއެވެ. ޕީޕީއެމްގެ ވެރިކަން ބަދަލުވެ ސޯލިޙް ވެރިކަމަށް ވަޑައިގެންނެވިފަހުން ޕީޕީއެމްގެ ރައީސް ޖަލަށް ލުމާއި، ސަރުކާރުން ފުލުފުލުގައި ޔާމީންގެ މައްޗަށް އެތައް ތުހުމަތުތަކެއްކޮށް ޝަރީޢަތުގެ މަރުޙަލާތަކުން އަދިވެސް އުޅެނީ އަރައި ނުގަނެވިގެންނެވެ. ޔާމިނަށް ކުރެވުނު ހުކުމްތަކާއި ކުރަމުން އަންނަ ތުހުމަތުތަކަށް ދޫނުދީ ޕީޕީއެމުން ގިނަ އެއްވުންތަކެއް ބާއްވައި ސަރުކާރަށް އެތައް ފިއްތުންތަކެއް ކުރިމަތި ކުރަމުން އަންނައިރު އެހުރިހާކަމެއް އެއްފަރާތް ކުރުމަށްފަހު، ޕީޕީއެމް ކައުންސިލަރު ނިކުންނެވީ ރައްޔިތުންނާއެކު ރައީސަށް މަރުހަބާ ދެންނެވުމުގެ މަސައްކަތަށެވެ. މިއީ މިވަގުތަށް ބަލާއިރު ފެނުން ނާދިރު މަންޒަރެކެވެ.

މިކަމާއި ގުޅޭގޮތުން ގިނަ ވާހަކަތަކެއް ދައްކަވަން ކައުންސިލަރު އަރުޔަޝް ބޭނުމެއް ނުވިއެވެ. ދަނިއުސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަރަށް ކުރުކޮށް އަރުޔަޝް ވިދާޅުވީ ” ކޮންމެ ގޮތެއްވިޔަސް އެވަޑައިގަންނަވަނީ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ” ކަމުގައެވެ. ދަރަނބޫދޫ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އެހެން މެމްބަރަކު މިކަމާއި ގުޅިގެން ވިދާޅުވީ ސިޔާސީ ވިސްނުމަކުން އަދި ޕާސަނަލް ވިސްނުމަކުން ވިސްނިޔަސް އަރުޔަޝް ރައީސަށް މަރުޙަބާ ދެންނެވުމުގެ މަސައްކަތުގައި ކޮންމެހެން އުޅެން ޖެހޭނެކަމަށް ގަބޫލު ނުކުރައްވާކަމަށާއި، އެހެންނަމަވެސް، ސިޔާސީ ވިސްނުން އެއްފަރާތްކޮށް ބައިވެރިވަމުން އަންނާތީ އެއީ ވަރަށް ޕޮސިޓިވް ކަމެއްކަމަށެވެ. އަދި ރައީސް ސޯލިޙަށް މަރުޙަބާ ދެންނެވުމަށް ޕީޕީއެމް ކައުންސިލަރު އުޅުމުން ސިޔާސީގޮތުން އަރުޔަޝްއަށް ފިއްތުންތަކެއް އަތުވެދާނެކަމަށް ގަބޫލުކުރެވޭ ކަމަށާއި އެހެންނަމަވެސް، އެކަމާއި ކައުންސިލަރު އަރުޔަޝް ކަންބޮޑުވެލައްވާހެން ހީނުވާކަމުގައި ވިދާޅުވިއެވެ.
ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ދަރަނބޫދޫ ކައުންސިލްގައި ހިމެނޭ ޕީޕީއެމްގެ ހަމައެކަނި މެމްބަރަކީ އަރުޔަޝްއެވެ. ކައުންސިލްގައި ދެން ތިއްބެވީ ވެރިކަން ކުރާ އެމްޑީޕީގެ މެމްބަރަކާއި ކޯލިޝަން ޕާޓްނަރު ޢަދާލަތު ޕާޓީއަށް ނިސްބަތްވާ 3 ކައުންސިލަރުންނެވެ.
ރައީސް ސޯލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ފަހުން ދަރަނބޫދޫ އަށް ވަޑައިގަންނަވާ މިއީ ފުރަތަމަ ފަހަރެވެ. ވެރިކަމަށް ވަޑައިގެންނެވުމުގެ ކުޑަދުވަސްކޮޅެއް ކުރިން ކެމްޕެއިން ދަތުރެއްގައި ދަރަނބޫދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ރަށުގެ ތަރަޢްޤީއަށް ގިނަކަންކަން ކޮށްދެއްވާނެކަމަށް ވަޢުދުވެ ވަޑައިގެންނެވިއެވެ. އޭގެ 4 އަހަރު ފަހުން ރައީސް ދަރަނބޫދޫއަށް ވަޑައިގަންނަވާއިރު އެމަނިކުފާނުގެ ވާދަވެރިންވެސް އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ އެއް ސަބަބަކީ ދަރަނބޫދޫއަށް ވެފައިވާ ވަޢުދުތައް ރައީސް ފުއްދަވަމުން ގެންދިއުންކަމުގައި ގިނަ ރައްޔިތުން ޤަބޫލުކުރެއެވެ.