މުވައްޒަފުން މޯޓިވޭޓްކުރުމަށް، ތަޢުރީފްކުރުމަކީ މުހިންމުކަމެއް: ޝިފާޙް

މުވައްޒަފުން މޯޓިވޭޓްކުރުމަށް، ތަޢުރީފްކުރުމަކީ މުހިންމުކަމެއް: ޝިފާޙް

Ca 12

މުވައްޒަފުން މޯޓިވޭޓްކުރުމަށް، ތަޢުރީފްކުރުމަކީ މުހިންމުކަމެއް: ޝިފާޙް

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް 2 މިނިޓުން

މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމާއި މޯޓިވޭޝަން ރަނގަޅުކުރުމުގެ މުހިންމުކަމާއި ބެހޭގޮތުން ފ. އަތޮޅު ކައުންސިލްގެ ސީނިއަރ ކައުންސިލް އެގްޒެކްޓިވް އިބްރާހީމް ޝިފާޙު އަބްދުއްރަޙްމާނު އަގުހުރި ނަސޭޙަތްތަކެއް ފޯރުކޮށްދީފިއެވެ. ޝިފާޙު މިކަމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައިވަނީ ފ. ދަރަނބޫދޫ ކައުންސިލަށް 64 އަހަރު ފުރުމާއި ގުޅިގެން ބޭއްވެވި އެކައުންސިލްގެ އަހަރީ ޙަފްލާގެ ޝަރަފްވެރި މެހެމާނެއްގެ ޙައިސިއްޔަތުން ލިބުނު ފުރުސަތުގައެވެ.

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ޝިފާޙު ވިދާޅުވީ، މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން އަހަރީ ޙަފްލާތައް ދަރަނބޫދޫގައި ފަށައިގަނެވިފައިވާތީ، މިކަމަކީ ޕޮސިޓިވް ކަމެއްގޮތުގައި ދެކިގެން، ރަށުގެ އެހެން މުވައްސަސާތަކުންވެސް ކުރިއަށް ދިއުމަކީ މުހިންމުކަމެއް ކަމަށާއި، މިފަދަ ޙަފްލާތަކުގައި ޚިދުމަތް ފޯރުކޮށްދެއްވާ މުވައްޒަފުންގެ އަގުވަޒަންކުރެވުމަކީ، ހުރިހައި މުވައްޒަފުންނަށްވެސް އެކަމުން މޯޓިވޭޝަނާއި ހިތްވަރުލިބި، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރާނޭ ކަމެއް ކަމުގައެވެ.

މަސައްކަތު މާޙައުލުގައި މުވައްޒަފުންނަކީ އަޅުން ނުވަތަ ރޮބަޓުންކަމާއި، މުވައްޒަފުންނަށް އަދަބު ދީގެން ކަންކަންކުރުވުމަކީ ނުވަތަ މުސާރަ ބޮޑުވުމަކީ މުވައްޒަފުން ރަނގަޅުވާނެ ކަމެއްކަމުގައި ދެކުނު ޒަމާނެއް ހިނގައްޖެކަމަށް ހާމަކުރެއްވުމަށްފަހު، ޒަމާނަށް އައި ބަދަލާއި ގުޅިގެން އިންސާނުން އިންސާނުންގެ ގޮތުގައި ދެކި، މުވައްޒަފުންނާއިމެދު އަމަލުކުރަންވީ އައު ހޯދުންތަކެއް ދުނިޔެވީ ތަޢުލީމުގެ ތެރޭގައި މިހާރު ފެންނަން އެބަހުރިކަމަށް ޝިފާޙު ވިދާޅުވިއެވެ. .

އެގޮތުން ވަރަށް ގިނަ ދިރާސާތަކުގައި މުވައްޒަފުން މަސައްކަތަށް އަހުލުވެރިކޮށް ހިތްހަމަޖެހިގެން މަސައްކަތްކުރުމަށް އެމުވައްޒަފުންނަށް ތަޢުރީފް ކުރުމަކީ ވަރަށް ބޭނުންތެރިކަމެއްކަން ފާހަގަކުރައްވަމުން ވިދާޅުވީ، ތިމާކުރާ މަސައްކަތްތަކަށް ތަޢުރީފްކުރުމަކީ، ނަފްސަށް އުފަލާއި ހިތްހަމަޖެހުން ގެނުވާނެކަމެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން މަސައްކަތް ކުރާހިތްވުމާއި، ކުރާ މަސައްކަތުގެ ފެންވަރު ރަނގަޅުވެ، ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ހިތްވަރު ލިބިގެންދާކަމުގައެވެ.

ދަރަނބޫދޫގެ ހުރިހައި މުވައްސަސާތަކުގެ ވެރިން ހާޟިރުވެލެއްވި މި ރަސްމިއްޔާތުގައި، ވެރިން މުވައްޒަފުންނަށް ތަޢުރީފްކުރުމުގެ ބޭނުންތެރިކަމާއިބެހޭ ގިނަ މަޢުލޫމާތުތަކެއް ފޯރުކޮށްދެވިފައިވެއެވެ. ވެރިން މުވައްޒަފުންނަށް ތަޢުރީފްކުރުމުގައި “ޕޮސިޓިވް އެޓިޓިއުޑް” އެއް ގެންގުޅުން މުހިންމުކަމަށް ނަޞޭޙަތްތެރިވަމުން ޝިފާހު ވިދާޅުވީ، މުވައްޒަފަކު ވެރިއަކާއި ހަމައަށް ޚިޔާލެއް ނުވަތަ ކަމެއް ހިފައިގެން އަތުވެއްޖެނަމަ، އެޚިޔާލަކީ ގޯހެއް ކަމަށް ބުނެ މުވައްޒަފުގެ އުއްމީދުގެ ކުރި މަރައިނުލުމަށެވެ. އޭގެ މާނައަކީ މުވައްޒަފުން އެދޭހާކަމެއް އެދޭހާ ގޮތަކަށް ކޮށްދިނުން ނޫންކަމަށާއި، ވެރިންވެސް ޤަބޫލުކުރަންވީ، އެއްވެސް މުވައްޒަފަކު އޭނާއަށް ގޯސްކަމެއް ހިފައިގެން ވެރިންނާއި ހަމައަށް އަންނަން ބޭނުންނުވާނެކަމަށެވެ. އެހެންކަމުން މުވައްޒަފުން ގެންނަ ޚިޔާލުތައް ބަލައިގަނެ، އެކަންކަމާއި ދެފަރާތުންވެސް ވިސްނައި މަޝްވަރާކުރުމަށް ދެންނެވިއެވެ.

ހަމައެއާއެކު، މުވައްޒަފުންވެސް ހަމައެކަނި ޝަކުވާކުރާ މީހެއްކަމުގައި ނުވުމަށާއި، ވެރިންނާއި ހަމައަށް ޝަކުވާއެއް ހިފައިގެން ދާނަމަ، އެޝަކުވާއެއްގެ ޙައްލެއްކަމަށް ފެންނަ ކަންކަންވެސް ޝަކުވާއާއެކު ގެންދިއުމަށް މަސައްކަތްކުރަންވާނެކަމަށް ވިދާޅުވިއެވެ. އެގޮތަށް ކަންކުރެވިއްޖެނަމަ، މުވައްޒަފުން އެދޭގޮތަށް ކަންކަން ނިންމާނެ ފުރުޞަތު ވެރިންނަށްވެސް ލިބިގެންދިއުމުގެ އިތުރުން، ވިސްނައިގެން ކަންކަން ނިންމުމުގެ ފުރުޞަތުވެސް ލިބިގެންދާކަމަށް ވިދާޅުވިއެވެ.

މަސައްކަތުގެ މޯޓިވޭޝަނާއިބެހޭ ގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން، މުވައްޒަފުންނަށް މަތީ ތަޢުލީމް ހޯދުމަށާއި ތަމްރީންތަކުގައި ބައިވެރިވުމަށް ވަރަށް ފަހި ފުރުޞަތުތަކެއް ސަރުކާރުތަކުން ހޯއްދަވާ ދެއްވާތީ އެ ފުރުޞަތުތަކުގެ ބޭނުން އަބަދުވެސް ހިފުމަށް ނަޞޭޙަތްތެރިވިއެވެ. މި ފަދަ ތަމްރީންތައް ހަދަނީ ކަންކަންކުރަންވާގޮތް މުވައްޒަފުންނަށް ނޭންގޭތީ ނޫންކަމަށާއި، ތަމްރީންތަކަކީ ތިމާއަށް ކުރިން އެނގިފައި އޮންނަ މަޢުލޫމާތެއްވެސް އަލުން ތާޒާކޮށްލުމާއި، އައު މަޢުލޫމާތުތައް ހޯދުމާއި އައު ހޯދުންތަކާއެކު މަސައްކަތުގެ ފެންވަރު ރަނގަޅުކޮށްލަން ލިބޭނެ ފުރުޞަތެއްކަމުގައި ވިދާޅުވިއެވެ. އަދި ތަމްރީންތަކުން ލިބޭ އެހެން ފައިދާއަކީ، އެކިރަށްރަށުގައި ނުވަތަ އެކި މުވައްސަސާތަކުގައި ކަންކަންކުރާ ގޮތުގެ ތަޖުރިބާ ލިބިގެންދާނެ ކަމެއްކަމުގައިވާތީ، އެކަމުގެ ސަބަބުންވެސް މަސައްކަތުގެ މާޙައުލުގައި އިތުރު ކުރިއެރުންތައް ހޯދުމަށް ފަސޭހަކަން ލިބިގެންދާނެކަމަށެވެ.

ދަރަނބޫދޫ ކައުންސިލްގެ 64 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރެވިފައިވާއިރު، މިކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެ ކައުންސިލަށް އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކާއި ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑާއި ސެޓްފިކެޓްވަނީ ޙަވާލުކޮށްދެއްވާފައެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި