މީހެއްގެ އަބުރު ކަތިލުމުން ލިބޭ ގެއްލުން ޖިސްމާނީ އަނިޔާއަށް ވުރެ ބޮޑު: ހުކުރު ޚުޠުބާ

މީހެއްގެ އަބުރު ކަތިލުމުން އޭނާއަށް ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ ގޮތުން ދެވޭ އަނިޔާއަށް ވުރެ ވެސް މާބޮޑު ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
”މުސްލިމުންގެ އަބުރާއި ޢިއްޒަތް“ މި މައުޟޫއަށް ޚާއްޞަކޮށްގެން މިއަދު ދިން ހުކުރު ޚުޠުބާގައި ވިދާޅުވީ، މާތް ﷲ އިންސާނާ މާތްކުރައްވައި މަތިވެރިކުރެއްވި އިރު، އިންސާނާގެ ޤަދަރާއި ޢިއްޒަތް ގެއްލިދާނެ ކޮންމެ ކަމެއް އެކަލާނގެ ނަހީކުރައްވާފައިވާ ކަމަށެވެ.
އަދި އިންސާނާގެ އަބުރާއި ޢިއްޒަތް ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީޢަތް ބާވައިލެއްވުމުގެ މައިގަނޑު ފަސް މަޤުޞަދުގެ ތެރެއިން އެއް މަޤުޞަދު ކަމަށް ވެސް ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
އިޖުތިމާޢީ ފޭރާން ވީދުން
ޚުޠުބާގައި ވިދާޅުވި ގޮތުގައި އިސްލާމްދީނުގައި އަބުރު ރައްކާތެރިކުރުމަށް މިހައި ބޮޑު އިސްކަމެއް ދެއްވާފައިވަނީ، އަބުރު ގެއްލުވައިލުމުގެ ސަބަބުން ނުހަނު ބޮޑެތި ގެއްލުންތަކާއި ފަސާދައަށް މަގުފަހިވާތީއެވެ. އެއީ ވަކިވަކި ފަރުދުންނަށް ލިބޭ ގެއްލުމުގެ އިތުރުން، މުޅި މުޖުތަމަޢުގެ އެއްބައިވަންތަކަން ގެއްލި، އިޖުތިމާޢީ ފޭރާން ވީދޭނޭ ކަމެކެވެ.
މީހަކަށް ޖިސްމާނީ ގޮތުން ގެއްލުމެއް ދިނުމަކީ ބޮޑު އަނިޔާއެއްކަމާ މެދު އެކަކު ވެސް ޝައްކެއް ނުކުރާނެއެވެ. ނަމަވެސް، އަބުރު ކަތިލުމުން ބޭރުފުށުން އެއްވެސް ޒަޚަމެއް ފެންނާން ނެތް ނަމަވެސް، އެ މީހާގެ ހިތާއި ނަފުސުގައި އަޅާ ވޭނަކީ ބަޔާންކުރަން ދަތި ބޮޑު ވޭނެކެވެ. އަދި މުޖުތަމަޢު އެ މީހަކާ މެދު ދެކޭގޮތް ބަދަލުވެ، އެކަހެރިކޮށްލުމުގެ ސަބަބުން ދުނިޔޭގައި އޭނާ އުޅޭން ޖެހެނީ އިންތިހާ ދަރަޖައިގެ ހިތްދަތިކަމެއްގައެވެ.
އިސްލާމްދީނުގެ ހަރުކަށި އުޞޫލުތައް
އަބުރު ރައްކާތެރިކުރުމަށް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ހަރުދަނާ އުޞޫލުތަކަށް އަލިއަޅުއްވާލައްވަމުން ޚުޠުބާގައި ވިދާޅުވީ:
• ޒިނޭގެ ތުހުމަތު އެޅުވުން: މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވައި، ހަތަރު ފިރިހެނުންގެ ހެކިބަސް ނުގެނެވުނު ނަމަ، އެއީ ލަޢުނަތްލެއްވިގެންވާ ބޮޑު ފާފައެކެވެ. އެފަދަ ވާހަކަ ފަތުރާ މީހުންގެ ގައިގައި 80 އެތިފަހަރުން ޙައްދު ޖެހުމަށާއި، އެއީ ފާސިޤުން ކަމުގައި ބަލައި ދުވަހަކު ވެސް ހެކިބަސް ޤަބޫލުނުކުރުމަށް ވަނީ އަންގަވާފައެވެ.
• ގޯސްކޮށް ހީކުރުމާއި ޖާސޫސްކުރުން: މީހަކާ މެދު ގޯސްކޮށް ހީކުރުމަކީ މުޅީން ނަހީކުރައްވާފައިވާ ކަމެކެވެ. އަދި އެފަދަ ހީކުރުންތަކުގެ މައްޗަށް ބިނާކޮށް މީސްމީހުންގެ ޒާތީ ކަންކަން ބަލައި ޖާސޫސްކުރުމަކީ ޙަރާމްކަމެކެވެ.
ދުލުގެ ނުރައްކާތެރިކަމާއި މީސްމީޑިޔާ
ޢާންމު ގޮތެއްގައި މީސްތަކުންގެ އަބުރަށް އަރައިގަނެވެނީ ދުލުން ކަން ފާހަގަކުރައްވައި، مُعَاذ رَضِيَ اللّهُ عَنْهއަށް ކީރިތި މާތް ނަބިއްޔާ ޙަދީޘްކުރެއްވި ބަސްފުޅެއް ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ. އެއީ މީސްތަކުން ބޯކޮޅު ވަތަށް ނަރަކައަށް އެއްލައިލެވެނީ އެބައިމީހުން ދައްކާ ވާހަކަތަކުގެ ސަބަބުން ކަމަށާއި، ތިމާގެ ދުލާއި ލަދުވެތި ގުނަވަން ރައްކާތެރިކޮށްފި މީހާއަށް ސުވަރުގެ ލިބޭނޭކަމަށް މާތް ނަބިއްޔާ ޖާމިނުވެވަޑައިގެންފައިވާ ކަމެވެ.
ޚުޠުބާ ނިންމަވައިލައްވަމުން ވިދާޅުވީ، މި ބަވަނަވެފައިވާ ދުނިޔޭގައި، ކުރެވޭ ފާފައިގެ ބޮޑުކަމާ މެދު އެއްވެސް ވިސްނުމެއް ނެތި، ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި މީހުން މުޅި ދުނިޔެއަށް ފަޟީޙަތްކުރަމުންދާ ކަމަށެވެ. ޒާތީވުމާއި ހިތުގައިވާ ޙަސަދައިގެ ބޮޑުކަމުން، ތެދުދޮގު ބެލުމެއް ނެތި، މީސްމީޑިޔާގައި މީހުންގެ އަބުރު ކަތިލަމުންދަނީ ތިމަތިމާމެންގެ ޅަދަރީންގެ ކުރިމަތީގައި ކަމަށް ވިދާޅުވެ ޚުޠުބާގައި ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.















ޚިޔާލުތައް (0)