ފެނަކަ އުވާލައި ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކުރުން: ކުޅުދުއްފުށީގައި ޚިދުމަތް ރަސްމީކޮށް ފަށައިފި

ފެނަކަ ކޯޕަރޭޝަން އުވާލައި، އެ ކުންފުނިން ދެމުން އައި ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ އެއްގޮތަށް، ކުޅުދުއްފުށި ސިޓީގައި ސްޓެލްކޯގެ ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މި ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން ކުޅުދުއްފުށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރުއެވެ. އަދި ސްޓެލްކޯގެ ކުންފުނީގެ ދިދަ ނަންގަވައިދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާއެވެ.
މި ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ފެނަކައިން ދެމުން އައި ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ ރާއްޖޭގެ ޔުޓިލިޓީ ޚިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެޅުއްވި ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.
ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ މަޤްޞަދުގައި ފެނަކަ އުވާލައި، އެ ކުންފުނީގެ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކުރަން ސަރުކާރުން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވީ މި އަހަރުގެ ސެޕްޓެމްބަރ 7 ވަނަ ދުވަހުއެވެ.
މި ގެނެވުނު ތާރީޚީ ބަދަލާއެކު، ކުޅުދުއްފުށި ސިޓީ ހިމެނޭހެން އަތޮޅުތަކުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި އަދި ޒަމާނީ ފެންވަރުގެ ކަރަންޓުގެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ.















ޚިޔާލުތައް (0)