އާރްޑީސީގެ އެމްޑީކަމުން އިބްރާޙިމް ނަޒީމް ވަކިކޮށް، ވަގުތީގޮތުން އަޙުމަދު ސަޢުދީއާ ހަވާލުކޮށްފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ޑިރެކްޓަރުންގެ ބޯޑުން، އިބްރާޙިމް ނަޒީމް ވަކިކުރައްވައި، އެ ކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޑީސީޕީ (ރިޓަޔާޑް) އަޙުމަދު ސަޢުދީ އައްޔަނުކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ގެންނެވި މި ބަދަލަށް ޢަމަލުކުރަން ފަށާފައިވަނީ 14 އޮކްޓޯބަރު 2026 އިން ފެށިގެންނެވެ.
މި ބަދަލާ ގުޅިގެން، ކުންފުނީގެ ހިންގުމުގެ އެންމެ އިސް މަސްއޫލިއްޔަތުތައް ވަގުތީގޮތުން ހަވާލުކުރެވުނު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) އަޙުމަދު ސަޢުދީއަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައާއި ހިންގުމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ލީޑަރޝިޕް މަޤާމުތައް ފުރުއްވައި، ބޮޑެތި ތަޖުރިބާތަކެއް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން އިބްރާޙިމް ނަޒީމް ވަކިކުރެއްވިއިރު، އޭނާ ވަނީ އެ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫޢުތައް ކުރިއަށްްގެންދިއުމުގައި މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ. ކުންފުނީގެ ކުރިމަގުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްްގެންދިއުމަށްޓަކައި، އައު ލީޑަރޝިޕާއެކު ކުންފުނީގެ ހިންގުމަށް އިތުރު ހަރުދަނާކަމެއް އަންނާނެ ކަމަށް ބެލެވެއެވެ.















ޚިޔާލުތައް (0)