ފ. ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ މުހިންމު މަރާމާތުތަކެއް ކުރުމަށް ފުރުޞަތު ހުޅުވާލައިފި

ފ. ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ ޢިމާރާތުގެ ކުރިމަތީގައި ހުރި ދިދަދަނޑިތައް އެހެން ސަރަޙައްދަކަށް ބަދަލުކުރުމާއި، ކޯޓުގެ ރަސްމީ ނަންބޯޑު އާކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކޯޓުން އިޢުލާނުކޮށްފިއެވެ.
ދަރަނބޫދޫ ކޯޓުން މަޢުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ކޯޓު ގޯތިތެރޭގައި މިހާރު ހުރި 2 ދިދަދަނޑި ރީ-ލޮކޭޓް ކުރުމުގެ މަސައްކަތާއި، ބައުވެފައިވާ ނަންބޯޑު އައު ބޯޑަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަންޖެހެއެވެ.
މި މަސައްކަތްތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމުގެ ފުރުޞަތު މި މަހުގެ 18 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ވަނީ ހުޅުވާލާފައެވެ. މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ކޯޓަށް ޙާޟިރުނުވެ، ފ. ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 6740655 ފޯނަށް ގުޅައިގެން ނުވަތަ ރަސްމީ އީ-މެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވޭނެ އިންތިޒާމު ވެސް ކޯޓުން ވަނީ ހަމަޖައްސާފައެވެ.
އަދި މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ މި މަހުގެ 19 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
ވިޔަފާރިވެރިންނަށާއި މަސައްކަތްތެރިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ކޯޓޭޝަން ހުށަހެޅުމަށް ގިނަ ވަޞީލަތްތަކެއް ވަނީ ފަހިކޮށްދީފައެވެ. އެގޮތުން، ދަރަނބޫދޫ ކޯޓުގެ ކައުންޓަރަށް ޙާޟިރުވެ ލިޔުން ހުށަހެޅުމުގެ އިތުރުން، ކޯޓުގެ ރަސްމީ އީ-މެއިލް ([email protected]) ނުވަތަ ވައިބަރ މެދުވެރިކޮށް ވެސް ކޯޓޭޝަންތައް ބަލައިގަންނާނެ ކަމަށް އެ ކޯޓުން ބުނެއެވެ.
ނަމަވެސް، ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް އަންދާސީހިސާބެއް ބަލައިނުގަނެވޭނެ ކަމަށް ވެސް ކޯޓުގެ އިޢުލާނުގައި ވަނީ ބަޔާންކޮށްފައެވެ.















ޚިޔާލުތައް (0)