މަގޫދޫ ބަގީޗާމަގުގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށް ވެލިއަޅައި މަގު އެއްވަރުކޮށްފި

ފ. މަގޫދޫ: ފާފު އަތޮޅު މަގޫދޫ ބަގީޗާމަގުގައި ފެންބޮޑުވެ، އެ ރަށު ޕްރީސްކޫލަށް ވަދެނިކުތުމަށް ދިމާވި ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން އެ މަގަށް ވެލިއަޅައި އެއްވަރުކުރުމުގެ ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
”މުނިސިޕަލް އަންގާރަ“ ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދިޔަ މި މަސައްކަތަކީ ފ. މަގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ފާފު އަތޮޅު އޮފީސް ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ހަރަކާތެކެވެ.
މަގޫދޫ ބަގީޗާމަގަކީ ވާރޭވެހުމުގެ ސަބަބުންނާއި އެކި ސަބަބުތަކާ ހުރެ ގަވާއިދުން ފެންބޮޑުވާ މަގަކަށް ވުމުން، އެ ސަރަހައްދުގައި ހުންނަ ޕްރީސްކޫލަށް ދާ ކުޑަކުދިންނަށާއި ބެލެނިވެރިންނަށް މަގު ބޭނުންކުރުމުގައި ބޮޑެތި އުނދަގޫތަކަކާ ކުރިމަތިވަމުންދިޔައެވެ.
މި ދަތިތައް ޙައްލުކުރުމަށްޓަކައި، ދެ މުއައްސަސާ ގުޅިގެން ވަނީ އެ މަގުގެ އަޑިގުޑަންތަކަށް ވެލިއަޅައި، މަގު އެއްވަރުކޮށް، އާންމުންނަށް ފަސޭހައިން ހިނގާބިނގާވެ އުޅެވޭނެ ގޮތް ހަދާފައެވެ.
މިފަދަ މުނިސިޕަލް ހަރަކާތްތަކަކީ ރަށުގެ އިޖުތިމާއީ އަދި އަސާސީ ޚިދުމަތްތައް ހަރުދަނާކޮށް، ރައްޔިތުންނަށް ދިމާވާ ދަތިތަކަށް އަވަސް ޙައްލެއް ހޯދައިދިނުމަށް ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގެ މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.















ޚިޔާލުތައް (0)