ދަރަނބޫދޫގައި ދިރިއުޅޭ މީހުންނާއި ރަށުން ބޭރުގައި އުޅޭ ރަށްވެހިންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި

ދަރަނބޫދޫގައި ދިރިއުޅޭ މީހުންނާއި ރަށުން ބޭރުގައި އުޅޭ ރަށްވެހިންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި

9

ދަރަނބޫދޫގައި ދިރިއުޅޭ މީހުންނާއި ރަށުން ބޭރުގައި އުޅޭ ރަށްވެހިންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ފާފު ދަރަނބޫދޫ ކައުންސިލުން، އެ ރަށުން ބޭރުގައި ދިރިއުޅޭ ދަރަނބޫދޫގެ ރަށްވެހިންނާއި، އެ ރަށުގައި ދިރިއުޅެމުންދާ އެހެން ރަށްރަށުގެ ރަށްވެހިންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

ދަރަނބޫދޫ ކައުންސިލުން މިދިޔަ މާރޗް މަހުގެ 23 ވަނަ ދުވަހު އާންމުކުރި ނަމްބަރު 16 އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިފަދަ ދަފްތަރެއް އެކުލަވާލަން ނިންމީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރާ ބިން ނުވަތަ ފްލެޓަށް ކުރިމަތިލުމަށްޓަކައި، އެފަރާތަކީ މާލޭގައި ނުވަތަ ރަށުން ބޭރުގައި ދިގު މުއްދަތެއް ވަންދެން ދިރިއުޅޭ ފަރާތެއްކަން އަންގައިދޭ ލިޔުން ހޯދުމަށް ގިނަ އަދަދެއްގެ ރައްޔިތުން ކައުންސިލްގައި އެދެމުންދާތީއެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އިން ކަނޑައަޅާފައިވާ އުސޫލުތަކާ ހަވާލާދީ ކައުންސިލުން ބުނީ، ރަށު ކައުންސިލަކުން މީހަކު ދިރިއުޅޭ މުއްދަތު ބަޔާންކޮށް ލިޔުމެއް ދޫކުރަންވާނީ އެ ކައުންސިލަކުން ބަލަހައްޓަމުންދާ ރަސްމީ މައުލޫމާތެއްގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ. ނަމަވެސް، ދަރަނބޫދޫ ކައުންސިލްގައި މިހާތަނަށް ރަށުން ބޭރުގައި ދިރިއުޅޭ ފަރާތްތަކުގެ މައުލޫމާތު ރަސްމީކޮށް ބަލަހައްޓާފައި ނުވާތީ، އެފަދަ ލިޔުންތައް ދޫކުރުމުގައި ދަތިތަކެއް ހުރިކަން ކައުންސިލުން ފާހަގަކުރެއެވެ.

އެހެންކަމުން، ރަށުން ބޭރުގައި ދިރިއުޅޭ ކަމުގެ ލިޔުމަކަށް އެދޭ ފަރާތްތަކުން، އެފަރާތަކީ މާލޭގައި ނުވަތަ އެނޫންވެސް ތަނެއްގައި ދިރިއުޅެމުންދާ ފަރާތެއްކަން އަންގައިދޭ ސަރުކާރުގެ ރަސްމީ އިދާރާއަކުން ނުވަތަ ކުންފުންޏަކުން ދޫކޮށްފައިވާ މުއްދަތު ބަޔާންކޮށްފައިވާ ލިޔުމެއް ހުށަހަޅަން ޖެހޭނެއެވެ. މި ލިޔުމުގައި އެފަރާތެއް ރަށުން ބޭރުގައި ދިރިއުޅޭ ތަނާއި، ދިރިއުޅެފައިވާ މުއްދަތު ސާފުކޮށް އެނގެން އޮންނަންވާނެއެވެ.

ކައުންސިލުން ބަލައިގަންނާނެ ލިޔުންތަކުގެ ތެރޭގައި ވަޒީފާ އަދާކުރާކަމުގެ ލިޔުމާއި، ސްކޫލް ލީވިންގ ސެޓްފިކެޓް ފަދަ ކައުންސިލަށް އިތުބާރު ހިފޭ ރަސްމީ ލިޔުންތައް ހިމެނެއެވެ. މިހާރުވެސް މިފަދަ ލިޔުން ހޯދަން އެދިފައިވާ ފަރާތްތަކުން މި ބުނެވުނު ލިޔުންތައް ކައުންސިލަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

ކައުންސިލްގެ އިޢުލާނުގައި އިތުރަށް ބުނެފައިވަނީ، ހުށަހަޅާ ލިޔުންތަކުން އެފަރާތަކީ މާލެ ނުވަތަ އެހެން ރަށެއްގައި ދިރިއުޅޭ ފަރާތެއްކަން ކައުންސިލަށް ކަށަވަރު ނުވާނަމަ، ދިރިއުޅޭ މުއްދަތު ބަޔާންކޮށްދޭ ލިޔުން ދޫނުކުރެވޭނެ ކަމަށެވެ. މި ދަފްތަރު އެކުލަވާލުމުގެ ބޭނުމަކީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ހަރުދަނާކޮށް، ސައްޚަ މައުލޫމާތުގެ މައްޗަށް ބިނާކޮށް ލިޔުންތައް ދޫކުރުން ކަމަށް ދަރަނބޫދޫ ކައުންސިލުން މަޢުލޫމާތުދެއެވެ.

ޙިއްސާ ކުރައްވާ:

ކޮމެންޓް

ގުޅުންހުރި