ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރު.ޓީ.އެލް) ފެރީގެ ޚިދުމަތް ފާފު އަދި ދާލު އަތޮޅުގައި މިއަރު ރަސްމީކޮށް ފައްޓައިފިއެވެ.
މި ޚިދުމަތް މިއަދު ފ. އަތޮޅުގައި ފައްޓަވައި ދެއްވީ ނިލަންދޫ ދާއިރާގެ މަޖިލިސް މެމްބަރު ފާތިމަތު ސަޢުދާއެވެ. މި ޚިދުމަތް މިއަދު ރަސްމީކޮށް ފެށުމަށްޓަކައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު، މުޙައްމަދު އަމީނާއި، އިންޑިއަން ހައި ކޮމިޝަނަރާއި، އެމްޓީސީސީގެ އެމްޑީ ޑީސީޕީ ރިޓަޔާރޑް އަޙްމަދު ސަޢުދީގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި، ފ.އަތޮޅުގެ ރަށްރަށުގެ އިސް ވެރިން ބައިވެރިވެލެއްވިއެވެ.
މެދު ރާއްޖެތެރޭ ޒޯނުގައި ހިމެނޭ ފ. އަދި ދ. އަތޮޅުގައި މި ޚިދުމަތް ފެށުމަށް އެމްޓީސީސީންވަނީ ދެއަތޮޅުގެ ރަށްރަށުގައިވެސް މި ފެރީގެ ނިޒާމަށް އަހުލުވެރިކުރުމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް ބާއްވާފައެވެ. އެކުންފުނިން މަޢުލޫމާތު ދީފައިވާ ގޮތުގައި މިއަދުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހާއި ހަމައަށް އާރުޓީއެލްގައި ހިލޭ ދަތުރުކުރެވޭނެއެވެ. އަދި އޭގެ ފަހުން ދަތުރުކުރެވޭނީ އޮންލައިންކޮށް ޓިކެޓް ނަގައިގެންނެވެ. އެގޮތުން ޓިކެޓް ނެގުމުގެ އިންތިޒާމް އެމްޓީސީސީގެ ވެބްސައިޓްގެ އިތުރުން މޯބައިލް އެޕްލިކޭޝަނުން ފަސޭހަކަމާއެކު ހަމަޖައްސާފައިވާ ކަމަށް އެފަރާތުން ވަނީ މަޢުލޫމާތު ދީފައެވެ.
ދާލު އަތޮޅުގައިވެސް މިއަދު މި ފެރީގެ ޚިދުމަތް ވަނީ ފައްޓާފައެވެ. ދެއަތޮޅުގައި މި ޚިދުމަތް ފަށައި ދަތުރުކުރާ ރޫޓުތަކުގެ މަޢުލޫމާތު އާންމުކޮށްފައިވާއިރު މި ފެރީގެ ނިޒާމު މެދުވެރިކޮށް ދެއަތޮޅަށްވެސް ދަތުރުކުރެވޭނެ ގޮތްވަނީ ހަމަޖައްސާފައެވެ. އެގޮތުން ދެއަތޮޅުގެ މެދުގައި ދަތުރުތައް ކުރެވޭނީ ނިލަންދޫ އަދި މީދޫ އިންނެވެ. އެހެންނަމަވެސް އަދި މި ފެރީގެ ދަތުރު ތަކުގެ އަގު އާންމު ކޮށްފައެއް ނުވެއެވެ.
ރާއްޖޭގެ ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު ކުޑަ އަގެއްގައި ދަތުރު ކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަށް އާރުޓީއެލްގެ ޚިދުމަތް ފެށިފައިވަނީ 2022 ވަނަ އަހަރު ތެރޭގައެވެ. މިއަދު ފ. އަދި ދ. އަތޮޅުގައި މި ނިޒާމް ފެއްޓުމާއެކު މިހާތަނަށް 14 އަތޮޅެއްގައި މި ޚިދުމަތް ދެމުން އަންނަކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.
އާރުޓިއެލް ފެރީގެ ޚިދުމަތް ފެށިއިރު، މިހާރުވެސް ފާފު އަތޮޅުގައި އެމްޓީސީސީން ދޯނި ފެރީގެ ޚިދުމަތް ދެމުން އާދެއެވެ. އާރުޓީއެލް ޚިދުމަތް ފެށުނުނަމަވެސް އެއާއެކު ދޯނި ފެރީގެ ޚިދުމަތްވެސް މެދު ނުކެނޑި ލިބެމުން ދާނެކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.