ފ. މަގޫދޫއަށް ނިސްބަތްވާ އަލްފައުޒު ރަސްމީކޮށް މިރޭ އިފްތިތާޙް ކޮށްފިއެވެ. އެކަމަށްޓަކައި މިރޭ މަގޫދޫގައި ކުލަގަދަ ޙަފްލާއެއް ބާއްވާފައިވާއިރު، މި ޙަފްލާގައި ފައުޒުންވަނީ ކުޅިވަރު ޖަމްޢިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ރަސްމީ ޙައިސިއްޔަތު ހޯދާފައިވާކަން އިޢުލާނު ކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި އަލްފައުޒުގެ ހިންގާ ކޮމެޓީގެ މެމްބަރުންގެ އިތުރުން މަގޫދޫގެ އެކިއެކި މުވައްސަސާތަކުންނާއި އަތޮޅުގެ އެހެން ރަށްރަށުންވެސް މީހުން ބައިވެރިވެފައިވެއެވެ. ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނުގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފައިވަނީ މަގޫދޫ ހިމެނޭ ބިލެތްދޫ ދާއިރާގެ އިންތިޚާބީ މެމްބަރު އަޙުމަދު އަސްލަމެވެ.
މަގޫދޫ އިޖްތިމާއީ މަރުކަޒުގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަމިއްޔާގެ ނައިބްރައީސް، ޢަބްދުﷲ ވަޙީދު ވިދާޅުވީ ފައުޒަކީ ކުޅިވަރު ޓީމެއްގެ ގޮތުގައި މީގެ 10 ވަރަކަށް އަހަރު ކުރިން އުފެދިގެންއައި ބައެއްކަމަށާއި، ފައުޒުން އިސްނަގައި ކުޅިވަރާއި ދީނީ އަދި އިޖްތިމާޢީ ދާއިރާއިން މަގޫދޫއަށް ކާމިޔާބީތަކެއް ހޯދައިދެއްވި ކަމަށެވެ. ފައުޒު ރަސްމީކޮށް ރަޖިސްޓްރީ ކުރެވިގެން ދިޔައީ ގިނަ ޒުވާނުންތަކެއް އެކަމަށް އެދުމުންކަން ފާހަގަކުރައްވަމުން ވަހީދު ވިދާޅުވީ ފައުޒުގެ އަޒުމަކީ ކުޅިވަރާއި އެހެނިހެން ދާއިރާތަކުން މަގޫދޫގެ މުސްތަޤުބަލަށް ހެޔޮނިޔަތުގައި ކަންތައްތަކެއް ކޮށްދިނުން ކަމުގައެވެ.
މަގޫދޫއަކީ ކުޅިވަރުގެ ތާރީޚެއް އޮތް އަދި ރާއްޖޭގެ ނިސްބަތުން ފާހަގަކޮށްލެވޭ ފުޓްސަލް މުބާރާތެއް ކުރިއަށް ގެންދާ ރަށެއްކަން ފާހަގަކުރައްވަމުން ވަހީދު ވިދާޅުވީ މަގޫދޫގައި ކުރިއަށް ގެންދެވޭ އެލްފޯކަޕަކީ ރާއްޖޭގެ ނަން މަޝްހޫރު އެތައް ކުޅުންތެރިންނެއް ބައިވެރިވެފައިވާ މުބާރާތެއްކަމުގައެވެ. އެހެންނަމަވެސް މިފަދަ މުބާރާތްތަކުގައި މަގޫދޫގެ ޓީމުތަކަށް އެންމެ މަތީގެ ކާމިޔާބީއެއް ލިބިފައިނުވާކަމަށާއި، އެކަން ނިމުމަކަށް ގެނެސް، މަގޫދޫއަކީ ކާމިޔާބު ހޯދާ ކާމިޔާބުލިބޭ ޓީމުތަކެއް އޮންނަ ރަށަކަށް ހެދުމަކީ ފައުޒުގެ އަމާޒެއްކަން ވަހީދު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ފައުޒުންވަނީ އެބޭފުޅުންގެ ވީޑިއޯ ޕްރޮފައިލެއް ތަޢާރަފް ކޮށްފައިވާއިރު، ފައުޒުންވެސް ހާމަކޮށްފައިވަނީ ބޭރު ރަށްތަކަށް ހުޅުވާލެވިގެން ބާއްވާ މުބާރާތްތަކުގެ ތަށި ރަށުން ބޭރަށް ގެންދާ ދިއުން ނިމުމަކަށް ގެންނަންޖެހޭ ކަމަށާއި، މަގޫދޫގައި އެކަން ކުރާނެ ބަޔަކީ ފައުޒުކަމަށް ހެދުމަށް އަޒުމު ކަނޑައަޅާފައިވާކަމަށެވެ. މަގޫދޫގެ ޒުވާނުންނަކީވެސް ހުނަރުގެ ގޮތުން އެހެން ރަށްރަށުގެ ޒުވާނުންނަށް ދޫނުކުރާ ބައެއްކަން ފާހަގަކުރައްވަމުން ފައުޒުންވަނީ އެޒުވާނުންނަށް ބޭނުންވަނީ ކަންކަން ރަނގަޅަށް އިންތިޒާމްވެގެން ކުރެވޭނެ ފަހި ފުރުސަތެއްކަމަށާއި އެކަންވެސް ކުރައްވާނެ ބަޔަކީ ފައުޒުކަމަށް އަޒުމު ކަނޑައަޅާފައިވާ ކަމަށެވެ.
ފައުޒުގެ އަމާޒަކީ ހަމައެކަނި ކުޅިވަރުން ކާމިޔާބު ހޯދުން ނޫންކަން ފާހަގަ ކުރައްވަމުން އެޖަމިއްޔާއިންވަނީ ކުރިއަށް އޮތްތަނުގައިވެސް ދީނީ، އިޖްތިމާޢީ ގިނަ ހަރަކާތްތަކެއް ފެނިގެންދާނެކަން ހާމަކުރައްވާފައެވެ. ރަށަށް އަންނަ ފަތުރުވެރިންނާއި މެހެމާނުންގެ މެދުގައި މަޤުބޫލު މަންޒިލަކަށް މަގޫދޫ ހެދުމަށާއި، އެރަށުގެ ތިމާވެރި ޙިމާޔަތްކޮށް ޤުދުރަތީ ރީތިކަން އިތުރުކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެކަމަށް ފައުޒުން ހާމަކުރެއެވެ. މަގޫދޫ ކައުންސިލާއި، އެހެނިހެން މުވައްސަސާތަކާއި މަގޫދޫގެ އެހެނިހެން ޖަމްޢިއްޔާތަކުން މަގޫދޫގެ ކުރިމަގަށް ކުރައްވާ މަސައްކަތްތަކުގައި ފައުޒުގެ ކޮންމެ މެމްބަރަކުވެސް ޖާނާއި މާލުން ބައިވެރިވެ އެއްބާރުލުން ދެއްވާނެކަމަށާއި، ފައުޒުންވެސް އެދެނީ އެންމެން ގުޅިގެން މަސައްކަތް ކުރުން ކަމުގައި ވަނީ ހާމަކުރައްވާފައެވެ.

ރަސްމިއްޔާތުގައި ވާހަގަފުޅު ދައްކަވަމުން ބިލެތްދޫ ދާއިރާގެ އިންތިޚާބީ މެމްބަރު އަޙްމަދު އަސްލަމް ވިދާޅުވީ، ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން މަގޫދޫ ރައްޔިތުންގެ ޒިންމާތަކެއްވެސް އެމަނިކުފާނުގެ މައްޗަށް އޮތްކަމަށް ޤަބޫލު ކުރައްވާކަމަށާއި، ފައުޒާއި އެހެނިހެން ޖަމިއްޔާތަކަށްވެސް ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށެވެ.
ފައުޒުން ރަސްމީ ޙައިސިއްޔަތު ހޯއްދަވާފައިވާތީ އެޖަމްޢިއްޔާއަށް މަރުޙަބާ ދަންނަވަމުން ޝަރަފްވެރި މެހެމާނުގެ ވާހަކަފުޅުގައި ވިދާޅުވީ ކަންކަމުގައި ފައުޒުން ވާދަކުރައްވާ ބަޔަކީ މަގޫދޫގެ އެހެނިހެން ޖަމިއްޔާތައް ކަމުގައި ނުހައްދަވައި، މަގޫދޫގެ އިޖްތިމާޢީ އަދި ޢުމުރާނީ މައްސަލަތަކަށް ވާދަކުރައްވާ ބަޔަކަށް ވުމަށް ވަރަށްބޮޑަށް އެދިލައްވާކަމުގައެވެ. އަދި މަގޫދޫ ރައްޔިތުންގެ ކަންބޮޑުވުންހުރި ބޮޑެތި ކަންތައްތަކާއި ދެކޮޅަށް ގުޅިގެން މަސައްކަތް ކުރައްވާ ކާމިޔާބު ހޯދާނެ ބަޔަކަށް ފައުޒުވެގެން ދާނެކަމަށް ޤަބޫލުކުރައްވާ ކަމުގައި އަސްލަމް ވިދާޅުވިއެވެ.
އަލްފައުޒްގެ ފުރަތަމަ ދައުރުގެ ހިންގާ ކޮމެޓީގެ މެމްބަރުން މިރޭގެ ރަސްމިއްޔާތުގައި އިޢުލާނު ކުރައްވާފައިވާއިރު މި ކޮމެޓީގެ ދައުރު 2028 ވަނަ އަހަރާއި ހަމައަށް އޮންނާނެއެވެ. ފައުޒުގެ ރައީސްގެ ގޮތުގައި ޢަބްދުﷲ ތަހުސީނު ކަނޑައަޅާފައިވާއިރު އެބޭފުޅާގެ އެޑްވައިޒަރު ނުވަތަ މުސްތަޝާރުންގެ ގޮތުގައި 6 ބޭފުޅެއްވަނީ ކަނޑައަޅާފައެވެ. މި ޖަމްޢިއްޔާގައި ދެ ނައިބު ރައީސުން ކަނޑައަޅާފައިވާއިރު ހިންގާ ކޮމެޓީގައި މެމްބަރުންނާއެކު ޖުމުލަ 25 ބޭފުޅުން ތިއްބަވައެވެ. ފައުޒުން މިރޭ ބޭއްވި ރަސްމިއްޔާތުގައި އެޖަމިއްޔާގެ ރަސްމީ ލަވަވެސްވަނީ ލޯންޗު ކޮށްފައެވެ.