އަތާއި ފައި އަދި އަނގައިގެ ބައްޔަކީ އާންމުކޮށް ކުޑަކުދިންނަށްޖެހޭ ފަސޭހަކަމާއެކު ގައިންގަޔަށް އަރާ ބައްޔެކެވެ. އާންމު ގޮތެއްގައި މިބަލި ޖެހެނީ އުމުރުން 10 އަހަރުން ދަށުގެ ކުދިންނަށެވެ. މި ބައްޔަށް އިނގިރޭސިން ކިޔައި އުޅެނީ Hand Foot & Mouth އެވެ. މިއީ ކޮންމެ އަހަރަކުވެސް ރޯގާއެއްގެ ސިފައިގައި ރާއްޖޭގައި ފެތުރެމުންދާ ބައްޔެކެވެ. މި ބަލި އެންމެ ފުރަތަމަ ފެނުނުކަމަށް ރިޕޯޓް ކުރެވިފައިވަނީ 1956 ވަނަ އަހަރު އޮސްޓްރޭލިޔާއިންނެވެ.
މި ބަލި ފެތުރެނީ ކިހިނެތް:
މި ބަލިޖެހިފައިވާ ކުއްޖެއްގެ އަރިދަފުސް، ކުޅު، ސޮނި، ބޮޑުކަމުދާ ތަކެތި، އަދި ގައިގައި ނަގާ ފޮޅުތަކުން ބޭރުވާދިޔައިގެ ޒަރީއާއިން މި ބަލި ފަތުރައެވެ. ނުވަތަ މިފަދަ ތަކެތި ހޭކިފައި ހުންނަ ތަންތަން ރަނގަޅަށް ސާފުނުކޮށް ހުންނަނަމަ، އެފަދަ ތަންތަނުގައި އެހެން ކުދިން އަތްލުމުން، އެކުދިންގެ ލޮލާއި ނޭފަތް އަދި އަނގަފަދަ ތަންތަނުގައި އަތްލެވުމުން އެކުދިންގެ ހަށިގަނޑުތެރެއަށް ވައިރަސް ވަދެއެވެ. މި ބަލީގެ ވައިރަސް ބަލި ޖެހިފައިވާ ކުދިން ބޮޑުކަމުދާ ނަޖިހުގައި ގިނަ އަދަދަކަށް ހުރެއެވެ. އެހެންކަމުން އެ ފާޚާނާކުރުމަށްފަހު ރަނގަޅަށް އަތް ނުދޮވޭނަމަ، ކާބޯތަކެއްޗާއި ތަޣައްޔަރުވެ، ކާބޯތަކެތީގެ ޒަރީއާއިންވެސް ބަލިފެތުރުމުގެ ފުރުސަތު ވަރަށް ބޮޑުވެއެވެ.
ބަލިޖެހުމުން ދެންވާނީ ކިހިނެތް؟
ބަލީގެ ވައިރަސް ނުވަތަ ޖަރާސީމު ހަށިގަނޑަށް ވާސިލްވުމާއެކު ބަލީގެ އަލާމާތްތައް ފެނުމާއިދެމެދު 3 ދުވަހާއި 7 ދުވަހުގެ މުއްދަތެއް ނަގައެވެ. ބަލީގެ ކުރީކޮޅުގައި ހުންއައުން، ކާހިތްނުވުން، އަދި ވަރުބަލިވުން ފަދަ އަލާމާތްތައް ފެނެއެވެ. އެއަށްފަހު ދެތިން ދުވަހުގެ ތެރޭގައި އަނގަ، ހިރުގަނޑާއި ދުލުގައި ކުދިކުދި ބިހިތަކެއް ނުވަތަ ފެންފޮޅުތަކެއް ނަގަންފަށައެވެ. ބައެއް ފަހަރު ކަރުތެރެ ފާރުވެއެވެ. އަދި މި ފޮޅުތައް އަތާއި ފައިގައިވެސް ނަގަން ފަށައެވެ.
މިބަލީގައި ނަގާ ފޮޅުތައް އާންމުކޮށް ދެތިން ދުވަސްތެރޭގައި ފަޅައިގެން ގޮސް ފާރުތަކަކަށް ބަދަލުވެއެވެ. އަދި ފާރުތައްވެސް ހަފްތާއެއްހާ ދުވަސްތެރޭގައި ރަނގަޅުވެއެވެ.

ބަލީގެ ނުރައްކާ:
މިއީ އޭގެ ޒާތުގައި އެހާ ނުރައްކާތެރި ބައްޔެއް ނޫނެވެ. ނަމަވެސް ހުންއައިސް ފިޓްޖެހޭ ކުއްޖަކަށް ބަލި ޖެހިއްޖެނަމަ ފަސޭހައިން ފިޓްޖެހޭ ގޮތް ވެދާނެއެވެ. އަނގައިގައި ފާރުހެދި ތަދުވާން ފެށުމުން ކުޑަކުދިންނަށް ކެއުމަށާއި ބުއިމަށް ދަތިވެ، ވަރުދެރަވާގޮތް ވެއެވެ. މިފަދަ ގޮތެއް ދިމާވެއްޖެނަމަ، ސިއްޙީ އެހީތެރިއެއްގެ ލަފާހޯދުމަށް އަވަސްކުރަންވާނެއެވެ. މިބަލީގެ ވައިރަސް ސިކުނޑިއާއި ހިތުގެ މަސްގަނޑަށް ފޯރުމަކީ ނުރައްކަލެކެވެ. މާބަނޑު އަންހެނުންގެ ތެރެއިން މިބަލިޖެހޭމީހުންގެ ބަނޑުގައި ދަރިފުޅު ހެދިބޮޑުވުމަށް ހުރަސް އެޅެއެވެ. އަދި ބަލިވެ އިންނަތާ ކުރީކޮޅުގައި ބަލިޖެހިއްޖެނަމަ ބައިގެން ދިއުމަކީ ވެދާނެކަމެކެވެ.
ބަލިން ރައްކާތެރިވުން
މިބަލިން ރައްކާތެރިވުމަށް ގިނައިން އަތްދޮވުމަކީ މުހިންމުކަމެކެވެ. އެއީ ބަލިޖެހިފައި ހުންނައިރު އަތުގައި ޖަރާސީމު ހުރިކަން ނޭންގި އެހެންތަނެއްގައި އަތްލެވިއްޖެނަމަ އެހެން ކުދިންނަށް ބަލިފެތުރުމުގެ ފުރުސަތު އޮތުމުންނެވެ. އަދި ބަލި ނުޖެހޭ މީހެއްނަމަވެސް، ބަލިޖެހިފައިވާ މީހަކާއެކީގައި އުޅޭނަމަ، އެފަދަ ތަނެއްގައި އަތްލެވިފައިހުރެދާނެތީ، އަދި އަތް ނުދޮވި ހުރެވޭނަމަ، އަނގަޔާއި ލޯ އަދި ނޭފަތުގައި އަތްލެވުމުން ވައިރަސް ހަށިގަނޑުގެތެރެއަށް ވާސިލުވާނެތީ ގިނައިން އަތްދޮވުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. ހަމަ އެހެންމެ އާންމުކޮށް އަތްލެވޭ ތަންތަންވެސް ރަނގަޅަށް ސާފުކުރުމަކީ މުހިންމުކަމެކެވެ. ބަލި ފެތުރުން ހުއްޓުވުމަށް ބަލިޖެހިފައިވާ ކުދިން މީހުންއެއްވެ އުޅޭ ތަންތަނަށް ނުގެންދިއުން މުހިންމެވެ. ޚާއްސަކޮށް މިއީ ކުޑަކުދިންގެ މެދުގައި ފަސޭހައިން ފެތުރޭ ބައްޔަކަށް ވާއިރު، ބަލިޖެހިފައިވާ ކުދިން ސްކޫލަށް ނުގެންދިއުމަށް ބެލެނިވެރިން ސަމާލުކަން ދޭންވާނެއެވެ. މީގެ އިތުރުން ބޭނުންކޮށްފައިވާ ނެޕީ، ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުމަކީ މުހިންމުކަމެކެވެ.
ޚާއްސަ ނޯޓް:
މި ބަލިޖެހިއްޖެނަމަ “އެސްޕިރިން” ނުހިމެނޭ ހުންތިރިކުރާ ބޭސް ބޭނުންކުރުން މުހިންމެވެ. އެންމެ އެދެވިގެންވަނީ ޕެނަޑޯލް ބޭނުންކުރުމެވެ. އެއްފަހަރު ބޭސްކެއުމަށްފަހު ދެވަނަ ފަހަރުގެ ބޭސްކެއުމާއި ދެމެދު ހުންގަދަވާނަމަ، ގައިގައި ފެންފޮތި އުނގުޅުމަކީ ބޭނުންތެރިކަމެކެވެ. މިބަލީގައި އަނގަތެރޭގައި ފޮޅުނަގައި ކެއުމާއި ދުރުވުން އެކަށީގެންވާތީ، ފިނިކޮށްފައި ހުންނަ ޔޯގަޓް، ކަސްޓަޑު، ފުޑިން، އައިސްކްރީމް، ކިރު، ބަތްޕެން ފަދަ، ހަފައިގެން ކާންނުޖެހޭތަކެތި ދިނުން އެދެވިގެންވެއެވެ. އެއީ ހަރުތަކެތިހަފައި ހެދުމުގައި އިތުރު އުނދަގޫތަކެއްވެ ކެއުމާއި ދުރުވުމުން ރައްކާތެރިކުރުމަށެވެ. ހަމައެހެންމެ، ބަޓަރާއި ޗީޒް އަދި ތެޔޮއެކުލެވޭ ކާނާއާއި، ހަވާދާއި ކުޅި ތަކެތި ދިނުމަކީ އެދެވިގެންވާ ކަމެއްނޫނެވެ.